ދާދިފަހުން ރިލީޒްކުރި ހިންދީ ފިލްމު “ޙައްޤު” އަކީ މުޖުތަމަޢުގައި ހުރި ނުތަނަވަސް ކަންތައްތަކާއި އަންހެނުންގެ ޙައްޤުތަކާ ގުޅޭގޮތުން އުފައްދާފައިވާ، ކޮންމެ އަންހެނަކު ވެސް ބަލާލަން މުހިންމު ފިލްމެކެވެ.
ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދަނީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އިމްރާން ހާޝްމީ އާއި ޔާމީ ގޯތަމް އެވެ. އިމްރާން ކުޅެފައިވަނީ އެޑްވޮކޭޓް މުޙައްމަދު އައްބާސް ޚާންގެ ރޯލެވެ. އޭނާގެ ފުރަތަމަ އަނބިމީހާ، ޝާޒިޔާ ބާނޯގެ ރޯލުން ފެނިގެންދަނީ ހުނަރުވެރި ބަތަލާ ޔާމީ އެވެ.
“ޙައްޤު” ސިނަމާތަކުގައި ރިލީޒްކޮށްފައިވަނީ 7 ނޮވެމްބަރު 2025 ގައެވެ. ފާޑުކިޔުންތެރިންގެ ބޮޑު ތަރުޙީބެއް ހޯދި މި ފިލްމު މިހާރު ވަނީ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ވެސް ދޫކޮށްލާފައެވެ. އެގޮތުން މި ހިނގާ ޖެނުއަރީ މަހުގެ 2 އިން ފެށިގެން ނެޓްފްލިކްސް މެދުވެރިކޮށް މި ފިލްމު ބަލާލުމުގެ ފުރުސަތު މިހާރު މިވަނީ ބެލުންތެރިންނަށް ފަހިވެފައެވެ.
މިއީ ގޭގައި ތިބެގެން އާއިލާއާއެކު ބަލާލަން ރަނގަޅު، ތަފާތު މެސެޖުތަކެއް އެކުލެވޭ ފިލްމަކަށް ވާއިރު، ފިލްމުގެ ޑައިރެކްޝަނާއި މަންޒަރުތައް އަތުރާލެވިފައިވަނީ ވަރަށް ފުރިހަމައަށެވެ.
ބާނޯ ނަމަކަށް ކިޔާ އަންހެނެއްގެ ދިރިއުޅުން ދައްކުވައިދޭ “ޙައްޤު” ގައި ކިޔައިދެނީ ބާނޯގެ ފިރިމީހާ އޭނާގެ ދެބެންގެ ދެދަރި ކުއްޖަކާ ކައިވެނި ކުރުމުން، އަމިއްލަ ޙައްޤުތައް ހޯދުމަށް ބާނޯ ކުރާ ޤާނޫނީ ހަނގުރާމައިގެ ވާހަކައެވެ. ދީނީ އުސޫލުތަކާއި، އިޖުތިމާޢީ އާދަކާދަތަކާއި ދައުލަތުގެ ޤާނޫނުތަކުގެ ތެރެއިން އަންހެނުންގެ ޙައްޤުތައް މާނަކުރެވޭ ގޮތް މި ފިލްމުގައި ދައްކުވައިދެއެވެ. އަދި ކޯޓުގެ ބަހުސްތަކާއި ހެކިބަސްތަކުގެ ތެރެއިން، އިންސާފު ހޯދުމަށް އަންހެނަކު ކުރާ ހިތްވަރުގަދަ މަސައްކަތް ވަރަށް އަސަރުގަދަކޮށް މި ފިލްމުން ދައްކުވައިދެއެވެ.
ބޮކްސް އޮފީހުގައި މާ ރަނގަޅު ކާމިޔާބެއް ނުހޯދުނު ނަމަވެސް މި ފިލްމަށް ބެލުންތެރިންގެ ފަރާތުންވެސް ރަނގަޅު ފާޑުކިޔުންތަކެއް ލިބިފައިވެއެވެ. ޚާއްސަކޮށް މީސްމީޑިއާގައި މި ފިލްމުގެ ސަބަބުން އަންހެނުންގެ ބާރުވެރިކަމާއި ޤާނޫނީ ޙައްޤުތަކާއި ގުޅޭގޮތުން ބޮޑެތި ބަހުސްތަކެއް ވަނީ ފެށިފައެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މިއީ ހަމައެކަނި މުނިފޫހިފިލުވައިދޭ ފިލްމެއް ނޫނެވެ. މިއީ އިޖުތިމާޢީ ބޮޑު މެސެޖެއް ދޭ ފިލްމެކެވެ.
މި ފިލްމު ބަލައިލުން މުހިންމުވާ އެންމެ ބޮޑު ސަބަބަކީ، އަމިއްލަ ޙައްޤުތަކަށް ވަކާލާތު ކުރަންވީ ގޮތާއި، ދިމާވާ ހުރަސްތަކުގައި ސާބިތުވެ ހުރުމުގެ މުހިންމުކަން މި ފިލްމުން ކިޔައިދޭތީއެވެ. އަދި އާއިލީ އަދި އިޖުތިމާޢީ މާހައުލުގައި އަންހެނުންނަށް ލިބެންޖެހޭ އިޙްތިރާމާއި ޤަދަރު ހޯދުމަށް ހިތްވަރު ލިބިގެންދާ ފިލްމަކަށް ވެސް ވާތީއެވެ.
ޖަންގްލީ ޕިކްޗާސް، އިންސޮމްނިއާ ފިލްމްސް އަދި ބަވޭޖާ ސްޓޫޑިއޯސް ގުޅިގެން ޕްރޮޑިއުސްކޮށް، ރޭޝޫ ނާތުގެ ސްކްރީންޕްލޭއަކަށް ސުޕަރްނަ ވަރްމާ ޑައިރެކްޓްކޮށްފައިވާ މި ކޯޓްރޫމް ޑްރާމާ ފިލްމަކީ ވޭތުވެދިޔަ 2025 ވަނަ އަހަރު ބެލުނު އެންމެ މާނަވީ، އެންމެ ރީތި އެއް ފިލްމު ކަމަށް ގިނަ ބަޔަކު ބުނެއެވެ.
