ދިވެހިންގެ މެދުގައި މަގުބޫލު ޓިކްޓޮކް ފަންނާނެއް ކަމަށްވާ ށ. ފޯކައިދޫ، އަލީ އަމްޖަދު (އަމްޖު) މިއަދު ކުއްލި ގޮތަކަށް މަރުވެފަ އޮއްވާ ފެނިއްޖެއެވެ.
އަމްޖަދު ނިޔާވީ އޭނާ ވަޒީފާ އަދާކުރާ ތިލަފުށީ ސައިޓެއްގައި ހޭނެތިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. އޭނާ ނިޔާވިކަން އޭނާގެ އުފަން ރަށް، ށ. ފޯކައިދޫން ވާހަކަދެއްކި މީހަކު ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އޭނާ މަރުވާން ދިމާވި ސީދާ ސަބަބެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ.
އަމްޖަދަކީ އާންމުކޮށް ބޯޓުފަހަރުގައި މަސައްކަތްކުރާ މީހެކެވެ. އޭނާ އެންމެ ފަހުން ވަޒީފާ އަދާކުރަމުން ދިޔައީ މާލެ ސަރަހައްދުގައެވެ. ފޯކައިދޫން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، މަރުވިއިރު އަމްޖަދު އުޅުނީ އެއްވެސް ބޮޑު ބައްޔެއްގައެއް ނޫނެވެ. އެހެންކަމުން އޭނާގެ މަރުވީ ކުއްލި މަރެއްގެ ގޮތުގައިކަމަށް އާއިލާއާއި ރަށު މީހުން ފާހަގަކުރެއެވެ.
ޓިކްޓޮކްގައި “ހައްބިއްތަގެ ފިރިމީހާ”ގެ ނަމުން މަޝްހޫރުވެފައިވާ އަމްޖަދަކީ، ގިނަ ބަޔަކާ އެކު ލައިވްތަކުގައި ބައިވެރިވެ، މަޖާ ވާހަކަދައްކައި އުޅުނު މީހެކެވެ. އޭނާގެ ލައިވްތަކަކީ ޓިކްޓޮކް ބޭނުންކުރާ ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލައިވްތަކެކެވެ. އަމްޖަދުގެ ކުއްލި ވަކިވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ.
إنَّا لله وإنا إليه راجعون
މާތް الله, މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ رحمة ލައްވައި ސުވަރުގޭގެ ދާއިމީ نعمة މިންވަރު ކުރައްވާށި!އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
آمیـــــــــــــن
