ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ އިޙްތިރާމާއި ކައިވެނީގެ މަތިވެރިކަން

އިސްލާމްދީނުގައި ކައިވެނީގެ ގުޅުމަކީ ވަރަށް މަތިވެރި އަދި މުޤައްދަސް ގުޅުމެކެވެ. މިއީ ހަމައެކަނި ދެމީހަކު އެކުގައި ދިރިއުޅުމެއް ފެށުމެއް ނޫނެވެ. އަދި ކިއެއްތަ، މިއީ ދެ ހިތެއްގެ މެދުގައި އުފެދޭ ރަޙުމަތާއި، ކުލުނާއި، އަދި އިޙްތިރާމުގެ މަތިވެރި ބަދަހި ގުޅުމެކެވެ.

ދިރިއުޅުމުގެ ބައިވެރިޔާއަށް އިޙްތިރާމްކުރުމަކީ ހަމައެކަނި ރީތި ބަސްތަކަކުން ފުއްދާލެވޭނެ ކަމެއް ނޫނެވެ. އެއީ ތިމާގެ އަމަލުން ދައްކަންޖެހޭ ކަމެކެވެ. ތިމާ ހުރި ތަނަކާއި، ކުރާ ކަމަކާ މެދު ބައިވެރިޔާގެ ހިތުގައި ސުވާލު އުފެދޭނެ ފުރުސަތެއް ދީގެން ނުވާނެއެވެ. ތިމާ ހުރި ތަނެއްގެ މަޢުލޫމާތު ބައިވެރިޔާއަށް ހިއްސާކުރުމަކީ އެއީ މީހެއްގެ ކޮންޓްރޯލްގެ ދަށަށް ދިއުމެއް ނޫނެވެ. އެއީ ހަގީގީ ލޯތްބެވެ. އެއީ “އަހަރެންގެ ދިރިއުޅުމުގައި ތިބާއަކީ މުހިންމު މީހެކޭ، އަހަރެން ބޭނުމީ ތިބާއަށް ހުރިހާ ކަމެއް އެނގެންށޭ” ބުނެދިނުމެވެ.

ލޯތްބަކީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި، ނުވަތަ ހަމަހިމޭންކަމާއި ސިއްރުވެރިކަމުގެ ތެރޭގައި އާލާވާނެ އެއްޗެއް ނޫނެވެ. މީހަކުދެކެ ހަގީގަތުގައި ލޯބިވާނަމަ، އެމީހަކަށް ހިތްހަމަޖެހުމާއި ރައްކާތެރިކަން އިހުސާސްކޮށްދޭން ބޭނުންވާނެއެވެ. ކަންކަމުގައި ބައިވެރިޔާ ޝާމިލުކޮށް، އޭނާގެ އިހުސާސްތަކަށް ގަދަރުކުރަންވާނެއެވެ. ކޮންމެ ކަމެއް ކިޔައިދިނުމަކީ ހުއްދަ ހޯދުމެއް ނޫނެވެ. އެއީ ތިމާގެ ދިރިއުޅުމުގައި ބައިވެރިޔާގެ ޝާމިލުވުންް އޮތްކަން ހާމަކޮށްދޭ ކަމެކެވެ. އެއީ އެއްވެސް މީހަކު އެދުމުގެ ކުރިން ދެވޭ ޔަގީންކަމެކެވެ. އެއީ އެއްވެސް ދިފާއީ އުޒުރެއް ނެތި ދެވޭ އިހްތިރާމެކެވެ.

މީހަކު ތިމާގެ އަގުވަޒަންކުރާނަމަ، “މިއީ އަހަރެންގެ މިނިވަންކަމޭ” ބުނެފައި ދިރިއުޅުމުން ގެއްލިގެންނެއް ނޫޅޭނެއެވެ. އެމީހަކު ކަންކަން ސާފުކޮށްދޭނީ ޝައްކާއި ވަހުމުގެ ބަދަލުގައި ހިތްހަމަޖެހުން ހޯދައިދޭން ބޭނުންވާތީއެވެ. ސާފުކޮށް މުޢާމަލާތް ކުރުމަކީ އިތުބާރު ބިނާވާ ކަމެކެވެ. އަދި އިތުބާރު އޮތްތަނެއްގައި ގުޅުން އިތުރަށް ބަދަހިވާނެއެވެ.

ކަންކަން ހާމަކުރުމަކީ ނުވަތަ ކިޔައިދިނުމަކީ ބައެއް މީހުންނަށް ބުރައަކަށް ވަނީ، އެއީ ކޮންޓްރޯލް ކުރާތީއެއް ނޫނެވެ. އެއީ ޖަވާބުދާރީވާން ޖެހުމަކީ އެމީހުންނަށް އުނދަގޫ ކަމަކަށް ވާތީއެވެ. އެކަމަކު ހަގީގީ ލޯތްބަކީ އެއްޗެއް ފޮރުވައިގެން އުޅުމެއް ނޫނެވެ. ހަގީގީ ލޯތްބަކީ ގުޅުން ބަދަހިކުރުމެވެ. ހަގީގީ ލޯތްބަކީ ހިތަށް ޔަގީންކަން ހޯދައިދިނުމެވެ ކޮންމެ ވަގުތަކުވެސް ބައިވެރިޔާގެ އިހުސާސްތަކަށް އިސްކަންދިނުމެވެ. އުފާވެރި ގުޅުމެއްގެ އަސްލަކީ މިއެވެ.

އިންސާނަކަށް މި ދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތަކީ، ހެޔޮލަފާ ޞާލިޙު ބައިވެރިއެކެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، ޞާލިޙު އަނބިފިރިކަމަކީ ދުނިޔޭގެ އެންމެހައި މުދަލާއި އުފާތަކަށްވުރެ އަގުބޮޑު އުފަލެކެވެ. މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ ޙަދީޘްބަސްފުޅުތަކުން އެނގިގެންދަނީ ހެޔޮލަފާ ބައިވެރިއެއްގެ ހުރި މަތިވެރިކަމާއި، އެފަދަ ބައިވެރިއަކަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމެވެ.

ކައިވެނީގެ ގުޅުމަކީ ހަމައެކަނި ދުނިޔަވީ ގުޅުމެއް ނޫނެވެ. އެއީ ދެމަފިރިންގެ މެދުގައި އޮންނަ ރޫޙާނީ ގުޅުމެކެވެ. މި ގުޅުމުގެ މަޤްޞަދަކީ އެކަކު އަނެކެއްގެ ފަރާތުން ހިތްހަމަޖެހުމާއި އަމާންކަން ހޯދުމެވެ. ކީރިތި ޤުރުއާނުގެ އައްރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. “ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.” މިއާޔަތުން އެނގޭ ގޮތުގައި، ކައިވެނީގެ ބިންގަލަކީ ލޯތްބާާއި ރަޙުމަތާއި ކުލުނާއި އަދި ހިތްްހަމަޖެހުންކަމެވެ.

ބައިވެރިޔާއަށް އިޙްތިރާމްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކަކު އަނެކެއްގެ ޝުޢޫރުތަކަށް އިޙްތިރާމްކުރުމާއި، ދަތި އުނދަގޫ ވަގުތުތަކުގައި އެކަކު އަނެކަކަށް ހިތްވަރު ދިނުމަކީ ކައިވެނީގެ ބަދަހިކަމުގެ ސިއްރެވެ. ބައިވެރިޔާއަކީ މާތްﷲ ދެއްވާފައިވާ އަމާނާތެއް ކަމުގައި ދެކި، އޯގާތެރިކަމާއެކު މުޢާމަލާތްކުރުމަކީ އިސްލާމީ ރިވެތި އަދަބެކެވެ.

ނިންމާލަމުން ދަންނަވާނީ، ކައިވެނީގެ މި މަތިވެރި ނިޢުމަތުގެ އަގުވަޒަންކޮށް، ބައިވެރިޔާއަށް ދޭންޖެހޭ ޙައްޤު އިޙްތިރާމާއި ލޯބި ދިނުމަކީ އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިއެވެ. އަޅަމެން އެންމެންނަށްވެސް އެފަދަ ޞާލިޙު، އޯގާތެރި ބައިވެރިއެއް މިންވަރުކޮށްދެއްވައި، އަޅަމެންގެ ގުޅުންތަކުގައި ބަރަކާތް ލައްވާށިއެވެ.

އާމީން.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ޒިޔާދު ބަގިރު1 މަސް ކުރިން

ހިތާމަ ހުރި އަހަރެންގެ ވިޔާނުދާކަމުން އަހަންނަށް މިވަނީ އަހަރެންގެ މުޅި ދިރިއުޅުން ޖަހަންނަމައަކަށް ހަދައިލެވިފަ. އަހަރެން އިސްލާހުވެވޭތޯ މަސައްކަތްކުރާނަން

Home
Menu
Search
Back to top