ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ދޮންދަރިންނަކީވެސް ހަމަ ދަރިން – ތަފާތު ނުކުރޭ

އާއިލާއަކީ މުޖުތަމަޢުގެ ބިންގަލެވެ. ދިރިއުޅުމުގެ އެކި ހާލަތްތައް ހުންނަ ގޮތުން، ދެވަނަ ކައިވެންޏެއް ކުރުމަކީ މިއަދުގެ މުޖުތަމަޢުގައި އާންމު ކަމެކެވެ. މިފަދަ ހާލަތްތަކުގައި، އަމިއްލަ ބަނޑުން އުފަންވި ދަރިންގެ އިތުރުން، ދޮންދަރިންނާއެކު އާއިލީ ދިރިއުޅުން ބިނާކުރަން ޖެހެއެވެ. ނަމަވެސް ހިތާމައަކީ، ބައެއް ހާލަތްތަކުގައި ދޮންދަރިންނަކީ ބޭރު ބައެއްގެ ގޮތުގައި ދެކި، އެކުދިންނާ މެދު ތަފާތުކުރުންތައް ގެންގުޅެވޭ ކަމެވެ. ހަޤީޤަތަކީ ދޮންދަރިންނަކީވެސް ހަމަ ދަރިން ކަމެވެ. އެކުދިންނަށްވެސް ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަން ހަމަހަމައަށް ލިބެން ޖެހެއެވެ.

އިސްލާމްދީނުގެ މަތިވެރި އުސޫލުތަކަށް ބަލާއިރު، ކޮންމެ ކުއްޖަކީވެސް އަމާނާތެކެވެ. އެކުއްޖެއްގެ ބެލެނިވެރިކަމާއި ހަވާލުވެ ހުންނަ މީހަކީ އެކުއްޖާގެ މައްޗަށް އިންސާފުވެރިވާން ޖެހޭ މީހެކެވެ. ކީރިތި ރަސޫލާ ﷺ ގެ ސިޔަރަތުން ފެންނަން އޮތީ ދަރިންނާއި، ޔަތީމުންނާއި، އަދި އެހެންމީހުންގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އޯގާތެރިވުމުގެ ރީތި ނަމޫނާއެވެ. ދޮންދަރިންނާ މެދު އިހާނެތިކޮށް ހިތުމަކީ ނުވަތަ އެކުދިން ބާކީކޮށްލުމަކީ ދީނީ ގޮތުންނާއި އަޚުލާޤީ ގޮތުން ބަލާއިރުވެސް ކަނޑައެޅިގެން ނަހީކުރައްވާފައިވާ ކަމެކެވެ.

ނަފްސާނީ ގޮތުން ބަލާއިރު، ދޮންދަރިންނާ މެދު ކުރެވޭ ތަފާތުކުރުންތަކަކީ އެކުދިންގެ މުޅި ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ. އަމިއްލަ ދަރިންނަށް މީރު ކާއެއްޗެހި ދީފައި، ދޮންދަރިއަށް އާދައިގެ އެއްޗެއް ދިނުމާއި، ނުވަތަ އެއްބަޔަކަށް އާ ހެދުން ގަނެދީފައި އަނެކުންނަށް ނުގަނެދިނުމަކީ އެކުދިންގެ ހިތުގައި ނަފުރަތާއި ހަސަދަވެރިކަން އުފެދޭނެ ކަމެކެވެ. މީގެ ސަބަބުން އެކުދިންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލި، މުޖުތަމަޢުގެ ތެރޭގައި އެކަހެރިވެ، ނަފުސާނީ ބަލިމަޑުކަމުގެ ތެރެއަށް ވެއްޓިގެންދެއެވެ.

ބަދަހި އާއިލާއެއް ބިނާކުރެވޭނީ ގޭގައި އުޅޭ ހުރިހާ ކުދިންނަށް ހަމަހަމަކަމާއެކު ލޯތްބާއި އަޅާލުން ދީގެންނެވެ. ދޮންދަރިއަކު ގޭގައި އުޅޭނަމަ، އެކުއްޖާއަށް އިހުސާސްވާން ޖެހޭނީ އެއީ އެކުއްޖާގެވެސް އަމިއްލަ ގެ ކަމެވެ. އެކުއްޖާގެ ބޭނުންތައް ފުއްދައިދީ، ކިޔަވައިދީ، އަދި ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ އެކުއްޖާގެ ބެލެނިވެރިޔާގެ މައްޗަށް އޮތް ވާޖިބެކެވެ. އޭރުން އެކުއްޖާ ބޮޑުވެގެން އާއިލާއަށާއި މުޖުތަމަޢުއަށް ފައިދާހުރި، ލޯބިވާ މީހަކަށް ވާނެއެވެ.

ދަރިންނަކީ މާތް ﷲ ދެއްވާ ނިޢުމަތެކެވެ. އެއީ އަމިއްލަ ބަނޑުން އުފަންވި ދަރިއަކަށް ވިޔަސް ނުވަތަ ދޮންދަރިއަކަށް ވިޔަސް، ކޮންމެ ކުއްޖަކީވެސް އިންސާނެކެވެ. އެކުދިންގެ ހިތްތަކުގައި ޖަހާ ވިންދަކީވެސް ހަމަ އެއް ވިންދެކެވެ. އެހެންކަމުން، އާއިލާގެ ތެރޭގައި ތަފާތުކުރުންތައް ނައްތާލައި، ހުރިހާ ކުދިންނަށް އޯގާތެރިކަމާއި ލޯބި ދިނުމަކީ ކޮންމެ ބެލެނިވެރިއެއްގެ ޒިންމާއެކެވެ. ދޮންދަރިންނަކީވެސް ހަމަ ދަރިންނެވެ. އެކުދިންނަށް ލޯބި ދޭށެވެ. އުފަން ދަރިންނާ ތަފާތު ނުކުރާށެވެ.

11
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top