ޗައިނާގެ ޗަންޝާ އެއަރޕޯޓުން ފުރައިގެން ބެއިޖިންގ އަށް ދަތުރުކުރަމުންދިޔަ މަތިންދާބޯޓެއްގެ ފިރިހެން ފަސިންޖަރެއް އެ ބޯޓުގެ ފްލައިޓް އެޓެންޑެންޓެއް ހޮސްޓޭޖް ކުރުމާއިގުޅިގެން ބޯޓުގެ މިސްރާބު ޖެންޖާއޮ އަށް ބަދަލުކޮށްފިއެވެ.

އެއަރ ޗައިނާގެ މަތިންދާބޯޓެއް ކަމަށްވާ ސީއޭ1350 ޑައިވަރޓް ކުރުމަށްފަހު ޖައްސާފައިވަނީ ޗައިނާގެ މެދުތެރޭ ހަނާން ޕްރޮވިންސް ޖެންޖާއޮ ގެ ޖެންޖާއޮ ޝިންޖެންގް ބައިނަލްއަޤްވާމީ ވައިގެބަނދަރުގައި މިއަދު ހެނދުނު 09:58 ގައި ކަމަށް ހަނާން އެއަރޕޯޓް ގްރޫޕުން ބުނެއެވެ.

މަތިންދާބޯޓް ފުރީ ޗައިނާގެ ހުނާން ޕްރޮވިންސްގެ ވެރިރަށް ޝަންސާ އިން މިއަދު ހެނދުނު 08:40 ގައެވެ. އެ ފްލައިޓް ބެއިޖިންގ އަށް ޖެއްސުމަށް ހަމަޖެހިފައި އޮތީ ހެނދުނު 11 ޖަހާއިރު އެވެ. 

ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ކުރު ބަޔާނެއްގައި ބުނީ އެއަރ ޗައިނާ ފްލައިޓް 1350 އިން ދަތުރުކުރި ފިރިހެން ފަސިންޖަރެއް މިކަން ކޮށްފައިވަނީ ފްލައިޓް އެޓެންޑެންޓްގެ ގައިގައި (ބުރަކަށީގައި) ގަލަމެއް ޖައްސައިގެން ފްލައިޓް އެޓެންޑެއްޓަށް ބިރުދައްކައިގެން ކަމަށެވެ.

އެއަރ ޗައިނާ އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިސްރާބު ބަދަލުކޮށް ކުއްލިއަކަށް އެހެން އެއަރޕޯޓެއްގައި ބޯޓު ޖައްސަން ޖެހުނީ ފަސިންޖަރުންގެ ރައްކާތެރިކަމަށްޓަކައެވެ. އަދި މި ހާދިސާ ފުލުހުންނާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން ބަލަމުން އަންނަކަމަށްވެސް އެ ޕޯސްޓްގައި ބުނެފައިވެއެވެ.

މި ފްލައިޓުން ދަތުރުކުރި ހުރިހައި އެންމެން ރައްކާތެރިކަމާއެކު ފްލައިޓުން ބާލާފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.