ރަމަޟާން މަހަކީ މުސްލިމުންގެ ގާތުގައި އެންމެ މާތް މައްސަރެވެ. މިއީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ހަތަރުވަނަ ރުކުނެވެ. މި މައްސަރުގެ މަތިވެރިކަން އިތުރުވެގެންދާ އެންމެ މުހިންމު އެއް ހެއްކަކީ، މިއީ މާތްﷲގެ ވަޙީބަސްފުޅު ކަމުގައިވާ ކީރިތި ޤުރުއާން، އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ މައްޗަށް ބާވާލެއްވުނު މައްސަރަށް ވުމެވެ.
ރަމަޟާން މަހުގެ ކޮންމެ ދުވަހަކު، ކޮންމެ މުސްލިމަކުވެސް ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސުމާ ހަމައަށް ރޯދައަށް ހުރުން ލާޒިމުވެގެންވެއެވެ. މި ވަގުތުތަކުގައި ކެއުމާއި ބުއިމުން ދުރުހެލިވުމަކީ ރޯދައިގެ އެންމެ މުހިންމު އެއް ބައެވެ. ނަމަވެސް ރޯދަ ހިފުމުގެ މައިގަނޑު މަގުސަދަކީ ހަމައެކަނި ކެއުމާއި ބުއިމުން މަހްރޫމްވުމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ނަފުސު ހޭލުންތެރިކުރުވާ، އަޅުކަމުގައި ގިނަ ވަގުތު ހޭދަކޮށް، މާތްﷲ އާ ކުއްތަންވުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ. މި މަތިވެރި އަޅުކަމުގެ ސަބަބުން އިންސާނާގެ ކެތްތެރިކަން އިތުރުވެ، އީމާންތެރިކަން ވަރުގަދަވެގެންދެއެވެ.
މުބާރަކްވެގެންވާ ރަމަޟާން މަސް ގާތްވަމުން އަންނަ އިރު، އެ މައްސަރަށް ފުރިހަމައަށް ތައްޔާރުވުމަކީ ކޮންމެ މުސްލިމަކުވެސް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. މި ތައްޔާރުވުންތައް ފެށިގެން އަންނަނީ އަމިއްލަ ނިޔަތް އިޚްލާޞްތެރިކޮށްގެންނެވެ. ހަމައެއާއެކު މާތް ﷲގެ ހަޟްރަތުގައި ތައުބާވެ، ކުރެވިފައިވާ ކުށްތަކަށް މަޢާފަށް އެދުމާއެކުގައެވެ. މީގެ އިތުރުން، ކީރިތި ޤުރުއާން ކިޔެވުމާއި ރޯދައިގެ އަސާސްތައް ދެނެގަނެ، ނަފުސާނީ ގޮތުން އެ މައްސަރަށް ހޭލުންތެރިވުމަކީ މުހިންމު ކަމެކެވެ.
ހަމައެއާއެކު، ދިރިއުޅުމުގެ ދުވަހީ އާދަކާދަތަކާއި ނިދުމުގެ ތަރުތީބަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ޚާއްޞަގޮތެއްގައި، ކެއިންބުއިމުގެ އާދަކާދަތަކަށް ސަމާލުކަންދީ، ރޯދަވީއްލުމާއި ހާރުގެ ވަގުތުތަކުގައި އެއްވެސް މިންވަރަކަށް އިސްރާފު ނުވާނޭހެން ކަންކަން އިންތިޒާމުކުރުމަށް އިސްކަންދޭންޖެހެއެވެ.
ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ގޭތެރެ ސާފުތާހިރުކޮށް، ކަބަޑުތަކާއި އެހެނިހެން ތަންތަން ތަރުތީބުކުރުމަކީ އާންމުކޮށް ކުރަމުންދާ ކަމެކެވެ. މިއީ ނަފްސާނީ ގޮތުންނާއި މާހައުލީ ގޮތުން އާ ފެށުމަކަށް ތައްޔާރުވެ، ގޭތެރޭގެ މާހައުލަކީ، ސުލްހަވެރި އަދި ހިތްގައިމު މާހައުލަކަށް ހެދުމަށްޓަކައި ކުރެވޭ ކަންކަމުގެ ތެރެއިން މުހިންމު ކަމެކެވެ. މީގެ އިތުރުން، ރޯދައަށް ބޭނުންވާ އައު ސާމާނު ހޯދުމާއި، ތަފާތު ލައިޓުތަކާއި ޒީނަތްތެރިކުރާ ތަކެތި ބޭނުންކޮށްގެން ގޭތެރޭގެ މަންޒަރުތަކަކީ ،ހިތްގައިމު މަންޒަރުތަކެއް ސިފަވާނޭހެން ގޭތެރެ ފަރުމާކުރުމަށް ގިނަ އާއިލާތަކަކުން އިސްކަންދެއެވެ.
ރަމަޟާން މަހަށް ތައްޔާރުވުމަކީ އަޅުކަމުގެ ގޮތުންނާއި، ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި ކުރެވޭ ވަރަށް މުހިންމު ކަމެކެވެ. ގޭތެރޭގެ މާހައުލު ސާފުތާހިރުކޮށް ބޭއްވުމަކީ ރޭއަޅުކަންތައް އަދާކުރުމަށް ފަސޭހަވެ، ހިތްހަމަޖެހުމާއި އަމާންކަން ލިބިގެންދާނެ ކަމެކެވެ. މުސްލިމުން ރަމަޟާން މަހަށް މަރުޙަބާ ކިޔަންވާނީ ރިވެތި އަޚްލާޤާއި އާދަކާދަތަކާއެކުގައެވެ. އެހެންކަމުން، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ކުރިމަތިލާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ސާބިތުވެ ތިބުމަށް އަޅުގަނޑުމެން އެންމެން އަޒުމު ކަނޑައަޅަމާ ހިނގާށެވެ.
