އިންޓަރ އޮފީސް ވޮލީބޯލް ޗެމްޕިއަންޝިޕް ވިމެންސް ޑިވިޝަންގައި މިއަދު ކުޅުނު މެޗުތަކުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމް.ޓީ.ސީ.ސީ) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ މޮޅުވެއްޖެއެވެ.
މުބާރާތުގެ ފަސްވަނަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމް.ޓީ.ސީ.ސީ) އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއެވެ. މުބާރާތުގެ ދެވަނަ މެޗުގައި 3 ސެޓް 1 ސެޓުން މޯލްޑިވްސް ޕޮލިސް ސާވިސް ކައިރިން ބަލިވި އެމްޓީސީސީ މިމެޗް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މިމެޗްގެ ސެޓްތައް އެމްޓީސީސީއިން ހޯދީ 25-19، 25-20 އަދި 25-14 އިންނެވެ. މިމެޗުން ވީ ބައްޔާއެކު ފެނަކަ ވަނީ ކުޅުނު ދެމެޗުން ވެސް ބަލިވެފައެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްޓީސީސީގެ ޖޯޒީ ނަންބަރު 11 އާމިނަތު ރަފާ އިބްރާހީމްއެވެ.

ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
މުބާރާތުގެ ހަވަނަ މެޗްގައި ބައްދަލުކުރީ މިނިސްޓްރީ އޮފް ހެލްތު އާއި މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީއެވެ. މުބާރާތުގެ ފުރަތަމަ މެޗްގައި މޯލްޑިވްސް އިމިގްރޭޝަންއާއި ވާދަކޮށް ބަލިވި މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ އާއި ތިންވަނަ މެޗުން މޮޅުވި މިނިސްޓްރީ އޮފް ހެލްތު ބައްދަލުކުރި މިމެޗް ނިމުނީ 3 ސެޓް 1 ސެޓުން މޯލްޑިވްސް އެއާރޕޯޓްސް ކޮންޕެނީ މޮޅުވެގެންނެވެ. މިމެޗްގެ ފުރަތަމަ ސެޓް ފޯރިގަދަ ކުޅުމަކަށްފަހު 24-26 އިން މިނިސްޓްރީ އޮފް ހެލްތު ކާމިޔާބުކުރި ނަމަވެސް ދެން ކުޅުނު ތިން ސެޓް ވެސް ކާމިޔާބުކުރީ އެއާރޕޯޓްސް ކޮމްޕެނީއެވެ. އެއާރޕޯޓްސް ކޮމްޕެނީއިން ސެޓްތައް ކާމިޔާބުކުރީ 25-16، 25-18 އަދި 25-16 އިންނެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެއާރޕޯޓްސް ކޮމްޕެނީގެ ޖޯޒީ ނަންބަރު 5 އާއިޝަތު ނާޒިމާއެވެ.
