ބަރޫން ސޮބްތީ އާއި މޯނާ ސިންގ ގެ ވެބް ސީރީޒް “ކޮހްރާ” ގެ ދެވަނަ ސީޒަން ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ.
“ކޮހްރާ” އަކީ ކައިވެނިކުރަން ދެދުވަހަށް ވެފައި އޮއްވައި ކައިވެނިކުރާ ފިރިހެންމީހާ މަރާލި ޤާތިލު ހޯދަން ފުލުހުން ކުރާ މަސައްކަތްތައް ދައްކުވައިދިން ކްރައިމް ތުރިލާއެކެވެ.
ފުރަތަމަ ސީޒަންއާ ޚިލާފަށް ދެވަނަ ސީޒަންގައި އެސިސްޓެންޓް ސަބް އިންސްޕެކްޓަރ އަމަރްޕާލްގެ ރޯލު ކުޅެފައިވާ ބަރޫން މަސައްކަތްކުރާނީ ދަންވާންތު ކައުރް (މޯނާ ސިންގ) ގެ ދަށުން ދަލެރްޕޫރަ ޕޮލިސް ސްޓޭޝަންގައެވެ. އެގޮތުން މި ދެމީހުން އެކުވެގެން ވަރުގަދަ ކޭސްތަކެއް ހައްލުކުރާ ގޮތް މި ސީޒަންގައި ދައްކުވައިދޭނެއެވެ.
ބަރޫން އާއި މޯނާގެ އިތުރުން މުހިންމު ރޯލުތަކުން ސުވިންދަރް ވިކީ އާއި ރަންވިޖޭ ސިންހާ ފަދަ ތަރިން ހިމެނޭ “ކޮހްރާ 2” ޑައިރެކްޓްކުރީ ސުދީޕް ޝަރްމާ އާއި ފައިސަލް ރަހްމާންއެވެ.
ފިލްމު ސްކޮޑް ޕްރޮޑަކްޝަންސްއާއި ތްރީ އެކްޓް ގުޅިގެން އުފައްދާފައިވާ “ކޮހްރާ 2” ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ނެޓްފްލިކްސްގައެވެ.
