ދުނިޔޭގައި އުފަލާއި ހިތްހަމަޖެހުމަކީ ގަނެވޭ އެއްޗެއްގެ ގޮތުގައި އިޝްތިހާރު ކުރެވެމުންދިޔަ ނަމަވެސް، ހަގީގީ އުފަލަކީ ފައިސާއަކުން ގަނެވޭނެ އެއްޗެއް ނޫނެވެ. ދިރިއުޅުމުގެ އެންމެ މަތިވެރި އުފާތަކީ އެއްވެސް އަގަކާ ނުލައި، ހަމައެކަނި އަހަރެމެންގެ ހިތާއި، ނިޔަތާއި، ވަގުތުން ހޯދޭނެ ކަންކަމެވެ. އިސްލާމްދީން އަބަދުވެސް އަހަރެމެންނަށް އިރުޝާދު ދެނީ، އުފަލަކީ މުދަލާއި ހަށިގަނޑުގެ އަރާމަށްވުރެ ބޮޑަށް، ރޫހާނީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބޭ ހަމަޖެހުމެއްގެ ގޮތުގައެވެ. ތިރީގައި މިވަނީ އެއްވެސް ޚަރަދަކާ ނުލައި، ދިރިއުޅުން އުުޖާލާކޮށްދޭނެ ފަސް ކަމެކެވެ.
1. ޝުކުރުވެރިވުން (Gratitude):
ޝުކުރުވެރިވުމަކީ އެއްވެސް ޚަރަދެއް ހިނގާ ކަމެއް ނޫނެވެ. ނަމަވެސް އެއީ ދިރިއުޅުމުގެ ހުރިހާ ކަމެއް ބަދަލުކޮށްލާ ބާރެކެވެ. ހަމައެކަނި ދުލުން ކިޔާލާ “އަލްޙަމްދުލިﷲ” އެއްގެ ބަދަލުގައި، ހިތުގެ އަޑިން އެކަން އިހުސާސްކުރުމަކީ ހިތުގެ ބުރަކަން ފިލުވައިދޭ ކަމެކެވެ. ޝުކުރުވެރިވުމަކީ ދިރިއުޅުމުގެ ދަތިތަކަށް އިންކާރު ކުރުމެއް ނޫނެވެ. އެއީ އެ ދަތިތަކުގެ ތެރެއިންވެސް ލިބިފައިވާ ނިޢުމަތްތައް ދެނެގަތުމެވެ. ސަލާމަތުން ހުރި ހަށިގަނޑާއި، ނޭވާލާން ލިބޭ ފުރުސަތަކީ ކުޑަ ކަމެއް ނޫނެވެ. އިސްލާމްދީން ބުނެދެނީ ޝުކުރުވެރިވުމުން ނިޢުމަތްތައް އިތުރުވާނެ ކަމަށެވެ. އެއީ ހަމައެކަނި އަދަދުގެ ގޮތަކުން ނޫނެވެ. އެއީ ހިތުގެ ފުދުންތެރިކަމުގެ ގޮތުންނެވެ.
2. ހެޔޮކަންކަން (Kindness):
ހިނިތުންވުމަކީ ޖީބަށް ބުރައެއް ނުވާ ޞަދަޤާތެކެވެ. ހެޔޮ ބަހެއް ބުނުމަކީ، ނުވަތަ މީހަކަށް އެހީތެރިވެދިނުމަކީ ފައިސާ ޚަރަދުވާ ކަންކަމެއް ނޫނެވެ. ކީރިތި ރަސޫލާ ﷺ ހަދީޘް ކުރައްވާފައިވާ ގޮތުގައި ހިނިތުންވުމަކީވެސް ޞަދަޤާތެކެވެ. އަހަރެމެން ކުރާ ކުޑަކުޑަ ހެޔޮ އަމަލަކީ އަނެކާގެ މުޅި ދުވަސް އުޖާލާކޮށްދޭނެ ކަމަކަށް ވެދާނެއެވެ. އަދި އެކަމުގެ ސަބަބުން އަހަރެމެންގެ އަމިއްލަ ނަފްސަށް ލިބޭ ހިތްހަމަޖެހުން މާ ބޮޑެވެ.
3. ހިމޭންކަމާއި ފިކުރުކުރުން (Silence and Reflection):
އަޑުގަދަ އަދި އަވަސް ދުނިޔެއެއްގައި، ހިމޭންކަމަކީ މިހާރު ލިބޭނެ އެންމެ ބޮޑު ނިޢުމަތެވެ. ކޮންމެ ދުވަހަކުވެސް މަދު ވަގުތުކޮޅަކަށް ހިމޭނުން އިނދެ، ﷲ ހަނދުމަކޮށް، އަމިއްލަ ނަފްސާމެދު ފިކުރުކުރުމަކީ ކަންނެތްކަމެއް ނޫނެވެ. އެއީ ހިތް މައިތިރިކޮށް، ދިރިއުޅުމުގެ މަގުސަދު އިހުސާސްކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން އަހަރެމެން ކަންކަމާ ކުރިމަތިލާއިރު ރުޅިވެރިކަމުގެ ބަދަލުގައި ކެތްތެރިކަމާއެކު ކުރިމަތިލުމުގެ ބާރު ލިބެއެވެ.
4. ގުޅުން ބަދަހިކުރުން(Connection):
ޓެކްނޮލޮޖީގެ ސަބަބުން އަހަރެމެން އެންމެން ގުޅިފައިވީ ނަމަވެސް، ހަގީގީ އިންސާނީ ގުޅުންތައް ދަނީ ހީނަރުވަމުންނެވެ. އާއިލާގެ މީހުންނާ ވާހަކަދެއްކުމާއި، ރައްޓެހިންގެ ހާލުބެލުމަކީ އެއްވެސް ޚަރަދަކާ ނުލައި ކުރެވޭނެ ކަންކަމެވެ. އިސްލާމްދީން ރަޙިމްގެ ގުޅުން ބަދަހިކުރުމަށް ބާރުއަޅަނީ އެއީ ހިތްތަކަށް ޝިފާ ލިބޭ ކަމަކަށްވާތީއެވެ. ފޯނުގެ ސްކްރީނަށްވުރެ ބޮޑަށް، ކުރިމަތީގައި ހުރި މީހާއަށް ވަގުތު ދިނުމަކީ ލިބޭނެ އެންމެ ބޮޑު އެއް އުފަލެވެ.
5. ފުދުންތެރިކަން(Contentment):
އިތުރު އެއްޗެއް ހޯދުމުގެ ބަދަލުގައި ހުރި އެއްޗަކަށް ރުހުމަކީ ފުދުންތެރިވުމުގެ ސިފައެކެވެ. ފުދުންތެރިކަމަކީ އެއްޗެއް ނެތުމެއް ނޫނެވެ. އެއީ ތިމާއަށް ލިބިފައިވާ މިންވަރު ފުދޭކަން ދެނެގަތުމެވެ. އިސްލާމްދީން ދުނިޔަވީ އުފާތައް މަނައެއް ނުކުރެއެވެ. ނަމަވެސް އެ އެއްޗެހީގެ އަޅަކަށް ނުވުމަށް ނަސޭހަތްތެރިވެއެވެ. އަނެކުންނާ ތިމާގެ ދިރިއުޅުން އަޅާކިޔުން ހުއްޓާލައި، ތިމާއަށް ލިބިފައިވާ ހަގީގަތަށް ރުހިއްޖެނަމަ، ހިތަށް ބަޔާންކުރަން ދަތި އަމާންކަމެއް ލިބިގެންދާނެއެވެ.
އުފަަލަކީ ކޮންމެ ފަހަރަކު ފަތުއަޑުކިޔާފައި އަންނަ އެއްޗެކަށް ނުވެދާނެއެވެ. ބައެއް ފަހަރު އުފާވެރިކަންް އައިސް އަހަރުމެންނާ ބައްދަލުކުރަނީ ވަރަށް ހަމަހިމޭންކޮށް، މަޑުމައިތިރިކޮށެވެ. އެއީ ޝުކުރުވެރިވުމާއި، ހެޔޮކަމާއި، ހިމޭންކަމާއި، ލޯތްބާއި، ފުދުންތެރިކަމުގެ ތެރެއިންނެވެ. މިކަންކަމަށް އެއްވެސް ފައިސާއެއް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ހަމައެކަނި އަހަރެމެންގެ ހިތް ހުޅުވާލައި، ދިރިއުޅުމުގެ ކޮންމެ ވަގުތަކީ އަގުހުރި ވަގުތެއްކަން ދެނެގަތުމެވެ. އޭރުން، ރޫހާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަހަރުމެންގެ ދިރިއުޅުން މުއްސަނދިވެގެންދާނެއެވެ.
