އިންޓަރ އޮފީސް ވޮލީބޯލް ޗެމްޕިއަންޝިޕް ވިމެންސް ޑިވިޝަންގެ ފަހު މެޗުން ވެސް މޮޅުވެ، ލީގު ބުރުގެ އެއްވަނަ މޯލްޑިވްސް ޕޮލިސް ސާވިސް ހޯދައިފިއެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށްދާ މި މުބާރާތުގައި ޕޮލިސް ކުޅުނު ހުރިހާ މެޗަކުން އެ ޓީމު ވަނީ މޮޅުވެފައެވެ.
މުބާރާތުގެ ފަހު މެޗްގައި ވާދަކުރީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް އެއާރޕޯރޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އެވެ. ފަސޭހަކަމާއެކު ޕޮލިސް މޮޅުވި މި މެޗްގެ ސެޓްތައް ޕޮލިސް ސާވިސް ގެންދިޔައީ 25-18، 25-3 އަދި 15-25 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޖޯޒީ ނަންބަރު 7 އާމިނަތު އަރީޝާއެވެ. މި މުބާރާތުގެ ޕޮލިސް ކުޅުނު އެހެން ދެ މެޗެއްގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް އަރީޝާ ވަނީ ހޯދާފައެވެ.
މި މެޗާއިއެކު މި މުބާރާތުގެ ލީގު ބުރު ނިމުނީއެވެ. ދެން އޮންނާނީ ސެމީ ފައިނަލާއި ފައިނަލެވެ.

ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
މި މުބާރާތުގެ ސެމީ ފައިނަލް 2 މެޗު މިއަދު ކުޅުމަށް ހަމަޖެހިފައިވާއިރު، ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ވާދަކުރާނީ މި މުބާރާތުގެ އެޓީމު ކުޅުނު ހުރިހާ މެޗެއް ފަސޭހަކަމާއެކު ކާމިޔާބުކުރީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ 16:15 ގައެވެ.

ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސެމީ ފައިނަލްގެ 2 ވަނަ މެޗުގައި ބައްދަލުކުރާނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި މޯލްޑިވްސް އިމިގްރޭޝަން އެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:15 ގައެވެ.
