ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ބަހެއް ބުނުމުގެ ކުރިން ވިސްނާލާށެވެ.

“ތި ހަމަ ކައޭ އަމިއްލައަށް ލިޔުނު އެއްޗެއްތަ؟”

“އުޅެ އުޅެ ކުރި ނޭރި މީހެއް ތި ނޫނީއާ ނުދެކެން ، ބަލަ އަހަރުން މުޅި ގައުމުގައި ދަތުރުކޮށްލައިފިން”

“އަދިވެސް ކުރަނީ ހަމަ އެއް މަސައްކަތްތަ؟”

“ހޫނ… ކުރެހުންތައް މިހާރު ވަރަށް ކަޑަ. މިހާރު އެހުނަރު އޮޔާ ދިއައީދޯ؟”

މިފަދަ ބަސްތަކަކީ އަޅުގަނޑުމެންގެ ކަންފަތަށް އާ ބަސްތަކެއް ނޫނެވެ. ބައެއް ފަހަރު އަޅުގަނޑުމެންގެ ދޫތަކުން މިފަދަ ބަސްތައް ބޭރުވެފައިވެއެވެ. އަދި އަނެއްބައި ފަހަރު، ހިތަށް ކުރާ އަސަރުތައް ހިނިތުންވުމަކުން ފޮރުވައިގެން ތިބެ، އެ ބަރުދަން އުފުލަން ޖެހިފައިވަނީ ވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށެވެ.

ގިނަ ފަހަރަށް މި ބަސްތައް އަންނަނީ ބީރައްޓެހިންގެ ފަރާތަކުން ނޫނެވެ. އެއީ އެއްކޮށް ސައިބޮއެ، އެކުގައި ހީނސަމާސާކޮށް އުޅުނު ގާތް ރަހުމަތްތެރިންގެ ފަރާތުންނެވެ. ވަޒީފާއާއި، ތައުލީމާއި، ކާމިޔާބީގެ ދަތުރުގައި ކޮންމެވެސް ހިސާބަކުން ކަންކަން ބަދަލުވެއެވެ. ވާހަކަދައްކާ ރާގު ބަދަލުވެއެވެ. އެހީތެރިކަމުގެ ބަދަލުގައި މަލާމާތް އިސްވެ، އޯގާތެރިކަމުގެ ބަދަލުގައި ފާޑުކިޔުންތައް ކުރިމަތިވެއެވެ. އަދި އެކުވެރިކަން މަޑުމަޑުން ވާދަވެރިކަމަކަށް ބަދަލުވެގެންދެއެވެ.

އެކަކު އަނެކަކު ދަންނަ، ގާތް ގުޅުންތަކެއް އޮންނަ ދިވެހި މުޖުތަމައެއްގައި މިފަދަ ކަންކަމުން ކުރާ އަސަރު މާ ބޮޑެވެ. އަޅުގަނޑުމެންގެ ސަގާފަތަކީ އޯގާތެރިކަމާއި، އިހުތިރާމާއި، އެކަކު އަނެކަކަށް ހިތްވަރުދިނުމުގެ މައްޗަށް ބިނާވެފައިވާ ސަގާފަތެކެވެ. ނަމަވެސް، ނޭދެވޭ ވާދަވެރިކަން އަޅުގަނޑުމެންގެ ތެރެއަށް ވަދެ، އެކި މީހުންގެ ހަޔާތުގެ ތަފާތު ދަތުރުތައް އެކަކު އަނެކަކާ އަޅާކިޔުމުގެ ނުބައި އާދަ ވަނީ އަށަގަނެފައެވެ.

ރަނގަޅު ގޮތުގައި ކުރެވޭ ވާދަވެރިކަމަކީ ކުރިއެރުމަށް ލިބޭ ހިތްވަރެކެވެ. ނަމަވެސް، ނޭދެވޭ ވާދަވެރިކަމުގެ ސަބަބުން ހިތްތަކުގައި ހަސަދަވެރިކަން އުފެދެއެވެ. އެހެން މީހެއްގެ ކުރިއެރުމަށް ހިތްނުބައިވެ، އެމީހެއްގެ ކާމިޔާބީގެ އުޖާލާކަން ފަނޑުވެގެންދިއުމަށް އެދެވެއެވެ. މިއީ އަޅުގަނޑުމެން ގޯސް މީހުންނަށް ވީތީ ވާކަމެއް ނޫނެވެ. ގިނަ ފަހަރަށް ގަދަވެލަން، ކޫލް ވެލަން މަޖަލަކަށް ހަދާފައި މަލާމާތުގެ ރާގަށް ބުނެވޭ އެއްޗިއްސެވެ.

“އަހަރެންނަށް ކޮން ކަމެއް ދަސްކުރެވިދާނެތޯ؟”
ސުވާލުކުރުމުގެ ބަދަލުގައި، “އަހަރެންނަށް ނުލިބި އޭނާއަށް ލިބުނީ ކީއްވެ؟” މި ސުވާލު އިސްވުމުން، ހަމްދަރުދީގެ ބަދަލުގައި ކިބުރުވެރިކަން ކުރިހޯދައެވެ.

މީހަކަށް ހިތްވަރު ދިނުމަކީ ރީތި މާތް ސިފައެކެވެ. މީހަކަށް މަގުދައްކައިދިނުމަކީ ދީލަތިކަމުގެ ސިފައެކެވެ. ނަމަވެސް މީހަކު ދަށްކޮއްލާ މަލާމަތްކުރުމަކީ ހަމައެކަނި ބޮޑާކަމުގެ ނަތީޖާއެކެވެ.

މަގާމާއި ބާރާއި ނުފޫޒުގެ ސަބަބުން މީހުންނަށް އަންނަ ބަދަލަކީ ވެސް ހިތާމަވެރި ހަގީގަތެކެވެ. ކުރިއަށް ދިއުމުން، ކުރިން އުޅުނު ހާލާއި، ކުރި ބުރަ މަސައްކަތާއި، އެހީތެރިވި މީހުން މަތިން ބައެއް މީހުން ހަނދާން ނެތެއެވެ. ތައުރީފުގެ އަޑު ގަދަވުމުން، އަމިއްލަ ނަފްސަށްވުރެ ބޮޑާކަން އިސްވެ، އޯގާތެރިކަމުގެ ބަދަލުގައި ފެންނަނީ ބާރުވެރިކަމެވެ.

އިސްލާމްދީން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ކާމިޔާބީއާއި ނާކާމިޔާބީއަކީ ވެސް މާތް الله މިންވަރުކުރައްވާ އިމްތިހާނެއް ކަމެވެ.

މާތް ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ:
“ތިޔަބައިމީހުންގެ އަމިއްލަ ނަފްސަށް އެދޭ ކަންތައް، ތިމާގެ އަޚާއަށް އެދެފުމަށް ދާންދެން އެމީހަކީ ފުރިހަމަ މުއުމިނެއް ކަމުގައި ނުވެއެވެ.”

ހަސަދަވެރިކަމަކީ ހިތްތައް ވިހަކޮށް، ހެޔޮ އަމަލުތައް ފުހެލާ ނުބައި ސިފައެއް ކަމަށް ދީނުގައި އިންޒާރު ދެއްވާފައިވެއެވެ. ހަމައެއާއެކު، ރިޒުގާއި ކާމިޔާބީއަކީ ހަމައެކަނި މާތް الله ދެއްވާ އެއްޗެއްކަން ދީން އުނގަންނައިދެއެވެ. އެހެން މީހަކަށް އެހީތެރިވުމަކުން ތިމާއަށް ލިބެން އޮތް އެއްޗެއް އުންޏެއް ނުވާނެއެވެ.

ނުފޫޒާއި ބާރު ލިބިފައިވާ މީހުންނަށް އޮތީ ބޮޑާވުމުގެ ބަދަލުގައި އޯގާތެރިވެ، ހިތްތިރިވުމެވެ. ހަގީގީ ޝަރަފަކީ ތައުރީފުގެ އަޑެއް ނޫނެވެ، އެއީ މީހާގެ އަޚުލާގެވެ.

ބަހެއް ބުނުމުގެ ކުރިން މަޑުޖެހިލާށެވެ. އަޅާކިޔުމުގެ ކުރިން ވިސްނާލާށެވެ. އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ:
އަހަރެން މިއީ ހިތްވަރުދޭ މީހެއް ހެއްޔެވެ؟ ނުވަތަ ސިއްރު ސިއްރުން މީހުންގެ ހިތްވަރު އެލުވާލާ މީހެއް ހެއްޔެވެ؟
އަހަރެން ވާދަކުރަނީ ކުރިއަރަން ހެއްޔެވެ؟ ނުވަތަ މޮޅުކަން ދައްކަން ހެއްޔެވެ؟

ހަމްދަރުދީއާއި އޯގާތެރިކަން އިޚްތިޔާރުކުރާށެވެ. ބޮޑާކަމެއް ނެތި މަގުދައްކައިދީ، ހަސަދައެއް ނެތި ހިތްވަރުދޭ މީހަކަށް ވާށެވެ. އަޅުގަނޑުމެން ފަދަ ކުޑަ، ގުޅުން ބޮޑު މުޖުތަމައެއްގައި އެކަކަށް ލިބޭ ކުރިއެރުމަކީ މުޅި ގައުމަށް ލިބޭ ކުރިއެރުމެކެވެ.

ކާމިޔާބީއަކީ ފަނާވާނެ އެއްޗެކެވެ. މަގާމުތައް ބަދަލުވާނެއެވެ. ނަމަވެސް އޯގާތެރިކަމަކީ ދުވަހަކުވެސް ފޮހެވިގެން ނުދާނެ ހަނދާނެކެވެ. އެންމެ ފަހުން މީހުން ހަނދާން ހުންނާނީ އެންމެ އަވަހަށް ކުރިއަރައިގެން ދިޔަ މީހާގެ މަތިންނެއް ނޫނެވެ. އެކަމަކު، ކޮންމެ ހާލެއްގައިވެސް އިންސާނިއްޔަތުކަމާއި، މަޑުމޮޅިކަމާއި، އިޚްލާޞްތެރިކަން އިސްކުރި މީހާގެ މަތިންނެވެ.

ތިޔައީ އެފަދަ މީހެއް ހެއްޔެވެ؟

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top