ހިންދީ ފިލްމު “ރާޒް” ބެލިން ހެއްޔެވެ؟ ބެލިން ދޯއެވެ. ބިޕާޝާ އާއި ޑީނޯގެ ލޯބީގައި ޖެހުނު ދޯއެވެ. “އާޕްކޭ ޕިޔާރް މޭ” އާއި “ޖޯ ބި ކަސްމޭ ކާޔީ ތީ ހަމްނޭ” ފަދަ ލަވަތަކުން ހިތަށް ހަމަޖެހުން ހޯދިން ދޯއެވެ. އަދިވެސް ހޯދަމު ދޯއެވެ. އެ ޖަންގަލީގެ ބިރުވެރިކަން އަދިވެސް ހިތަށް ސިފަކުރެވޭ ދޯއެވެ. ފިލްމުގެ ކްލައިމެކްސް ބަލަމުންދާއިރު އަދިވެސް ހިތުގެ ވިންދު އަވަސްވޭ ދޯއެވެ.
ހިންދީ ފިލްމު “ރާޒް” ރިލީޒްކުރިތާ މިއަދަށް 24 އަހަރު ފުރުނީއެވެ. ފިލްމު ރިލީޒްކުރީ 01 ފެބްރުއަރީ 2002 ގައެވެ. މިއީ އަދިވެސް ބިރުވެރި ފިލްމުތަކަށް ލޯބިކުރާ މީހުންގެ މެދުގައި “ފޭވަރިޓް” އެކެވެ.
ޑީނޯ މޯރެއާ އާއި ބިޕާޝާ ބާސޫ ލީޑް ރޯލުން ފެނިގެންދިޔަ “ރާޒް” ގެ މައިގަނޑު އެހެން ރޯލުތަކުން ފެނިގެންދިޔަ ތަރިންގެ ތެރޭގައި މާލިނީ ޝަރްމާ، އަޝޫތޯޝް ރާނާ، ޝްރޫތީ އުލްފަތު އަދި އަލީ އަސްގަރް ފަދަ ތަރިން ހިމެނެއެވެ.
“ރާޒް” ގައި ކިޔައިދެނީ ސަންޖަނާ އާއި އަދިތުޔާ ނަމަކަށް ކިޔާ ދެމަފިރިންގެ ވާހަކައެވެ. އެމީހުންގެ ރޫޅެމުންދިޔަ ކައިވެނި ސަލާމަތްކުރުމަށް އެންމެ ފަހު ފުރުސަތު ދިނުމަށްޓަކައި އެމީހުންގެ ލޯބި ފެށުނު އޫޓީއަށް ބަދަލުވެއެވެ. އަދި ސަންޖަނާއަށް ތަކުރާރުކޮށް އިވެމުންދާ ވޭނީ ހަޅޭކެއްގެ އަޑުން ސަންޖަނާގެ ދިރިއުޅުން ބޮޑު ބިރުވެރިކަމަކަށް ބަދަލުވެއެވެ. ސަންޖަނާއަށް ކުރިމަތިވާ ބިރުވެރި ކަންތައްތައް އަދިތުޔާ ސިއްރުކޮށްފައިވާ ބޮޑު ސިއްރަކާއި ގުޅި ފަޅާއަރައެވެ.
މި ލިޔުމުގައި ބަލައިލާނީ “ރާޒް” އާއި ބެހޭގޮތުން މީހުންނަށް އެހާބޮޑަށް ނޭނގޭ ނުވަތަ އެހާ އާންމު ނޫން ބައެއް ވާހަކަތަކަށެވެ.
* އޮރިޖިނަލް ހިންދީ ފިލްމެއް ނޫން
“ރާޒް” އަކީ އޮރިޖިނަލް ހިންދީ ފިލްމެއް ނޫނެވެ. މިއީ 2000 ވަނަ އަހަރު ނުކުތް އިނގިރޭސި ބިރުވެރި ފިލްމު “ވަޓް ލައިސް ބެނިތު” އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.
* ލީޑް ތަރިންނަކީ ފުރަތަމަ ހޮވުމެއް ނޫން
ފިލްމުގެ އެންމެ މުހިންމު ބައި ކުޅުނީ ބިޕާޝާ ބާސޫއެވެ. ނަމަވެސް ބިޕާޝާ ކުޅުނު ސަންޖަނާގެ ރޯލު ފުރަތަމަ ކުޅެން ހުށަހެޅީ ލީސާ ރޭ އަށެވެ. ފިލްމުގެ ވަކި ހިސާބަކަށް ޝޫޓްކޮށްފައި ލީސާ ފިލްމު ދޫކޮށްލީ ކީއްވެ ކަމެއް ހާމައެއް ނުކުރެއެވެ. ބިޕާޝާއަށް އެ ރޯލު ލިބުނީ ދެނެވެ.
ޑީނޯ ކުޅުނު އަދިތުޔާގެ ރޯލު ފުރަތަމަ ހުށަހެޅީ އަނިލް ކަޕޫރަށެވެ. ނަމަވެސް ބިރުވެރި ފިލްމުތައް ބޮލީވުޑްގައި ނުހިނގާކަމަށް ބުނެ އެ ރޯލަށް ނޫނެކޭ ބުނުމުން ދެން އެ ރޯލު ހުށަހެޅީ ރިތިކް ރޯޝަން އަށެވެ. ނަމަވެސް ރިތިކް އެ ރޯލަށް ނޫނެކޭ ބުނުމުން ދެން އެ ރޯލު ހުށަހެޅީ ޑީނޯއަށެވެ. ފުރަތަމަ އޮޑިޝަނުން އޭނާއަށް އެ ރޯލު ލިބުނީއެވެ.
މާލިނީގެ ކެރެކްޓާ ފުރަތަމަ ހުށަހެޅީ ބިޕާޝާއަށެވެ. ނަމަވެސް އޭނާ އެ ރޯލަށް ނޫނެކޭ ބުނުމުން ދެން އެ ރޯލަށް މާލިނީ ޝަރްމާ ހަމަޖެއްސީއެވެ.
* ބިޕާޝާ އާއި ޑީނޯގެ އަޑެއް ނޫން
ފިލްމު ބަލަމުންދާއިރު ސަންޖަނާ އަދި އަދިތުޔާގެ ކެރެކްޓާގެ އަޑު މީހުންނަށް އެހާ ފާހަގަ ނުކުރެވިދާނެއެވެ. ނަމަވެސް މި ފިލްމުގައި ސަންޖަނާ އަދި އަދިތުޔާގެ ކެރެކްޓާގައި އެހުރީ ބިޕާޝާ އާއި ޑީނޯގެ އަޑެއް ނޫނެވެ. ފިލްމުގައި ހުރީ މޯނާ ގޯޝް އަދި ވިކްރަމް ބަޓްގެ އަޑެވެ.
* މާލިނީގެ ފުރަތަމަ އަދި ފަހު ފިލްމު
މިއީ ފިލްމުގެ އެންމެ ފާހަގަކޮށްލެވުނު އެއް ކެރެކްޓާއެވެ. ނަފްސާނީ ބަލިމަޑުކަމެއް ތަހަންމަލުކުރާ އަންހެންކުއްޖެއްގެ ރޯލު މާލިނީ އަދާކޮށްފައިވާލެއް ފުރިހަމަކަމުން އޭނާއަށް ފުރުސަތުތައް އޮހެން ފެށިއެވެ. ނުވަދިހައިގެ ފަހުކޮޅުގައި “ކިޔާ ސޫރަތު ހޭ” އާއި “ކިތުނި އަކޭލީ” ފަދަ ވީޑިއޯ ލަވަތަކުން މަޝްހޫރުކަން ހޯދުމަށްފަހު “ރާޒް” ފިލްމުން ފެނިފައި ކުއްލިއަކަށް އޭނާ ގެއްލުނީއެވެ.
“ރާޒް” އަށްފަހު ހަމަ ޑީނޯއާއެކު “ގުނާހް” ކުޅެން ސޮއިކޮށް ޝޫޓިން ފަށަން ދެދުވަހަށް ވެފައި އޮއްވައި އޭނާ ވަނީ ޒާތީ ދިރިއުޅުމަށް ފުރުސަތު ދޭންކަމަށް ބުނެ ފިލްމުން ވަކިވެފައެވެ. އޭގެ ފަހުން އޭނާ ކެމެރާގެ ކުރިމަތިން ނުފެނުނު ނަމަވެސް އޭނާ ވަނީ “ޖަސްޓް މެރިޑް (2007)” އަދި “ތޯޅާ ޕިޔާރް ތޯޅާ މެޖިކް (2008)” ގައި އާޓް ޑައިރެކްޓަރެއްގެ ގޮތުން މަސައްކަތް ކޮށްފައިވެއެވެ.
* ކާމިޔާބު ބިރުވެރި ފިލްމުތަކަށް ފެށުމެއް
ބޮލީވުޑަކީ އެންމެ ކުރިންވެސް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ފިލްމީ ސިނާއަތެކެވެ. ނަމަވެސް ދެހާހުގެ އަހަރުތައް ފެށުނުއިރު އޮތީ ހިންދީ ބިރުވެރި ފިލްމުތައް ހެދުން ގާތްގަނޑަކަށް ހުއްޓިފައެވެ. އޭގެ ސަބަބަކީ ބޮކްސް އޮފީހުގައި ކާމިޔާބީއެއް ނުލިބޭތާނގައި މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބޭތީއެވެ. އެހެންކަމުން “ރާޒް” ފިލްމު އުފައްދަން އުޅުނުއިރު ވިކްރަމްއަށް މި ފިލްމު ނުހެދުމަށް ވަރަށް ގިނަ ބަޔަކު ލަފާދިން ކަމަށްވެއެވެ.
“ރާޒް” އަކީ 2002 ވަނަ އަހަރު ބޮލީވުޑުން އެންމެ ބޮޑު އާމްދަނީއެއް ފައިދާގެ ގޮތުގައި ހޯދި ފިލްމެވެ. އަދަދުގެ ގޮތުން “ދޭވްދާސް” އަށްވުރެ އާމްދަނީ ދަށްވި ނަމަވެސް ފައިދާގެ ގޮތުން ބަލާއިރު ކުރި ލިބެނީ “ރާޒް” އަށެވެ. އަދި މިއީ އެ އަހަރު ބްލޮކްބަސްޓާއެއްގެ ދަރަޖަ ލިބުނު ހަމައެކަނި ހިންދީ ފިލްމުވެސްމެއެވެ. “ރާޒް” އަށްފަހު އަނެއްކާވެސް ބޮލީވުޑްގައި ބިރުވެރި ފިލްމުތަކުގެ މޫސުން ފެށުނީއެވެ.
* ފިލްމުގައި ބޭނުންކުރި ގެ
ފިލްމުގައި ބިޕާޝާ އާއި ޑީނޯ ދިރިއުޅެމުންދިޔަ ގެއަކީ ހަޤީޤަތުގައިވެސް ޖަންގަލީގައި ހުންނަ ގެއެކެވެ. ފިނި މޫސުމުގައި ރޭގަނޑުގެ މަންޒަރުތައް ނެގިއިރު އެތަނުގެ ހަމަހިމޭންކަމާއެކު ޝޫޓްކުރުންވެސް ވަރަށް ބިރުވެރި އިހުސާސެއް ގެނުވި ކަމަށް އެ ޓީމުން ވަނީ ބުނެފައެވެ. އެހެންކަމުން އެމީހުން އެތަނުގައި ޝޫޓްކުރީ ވަރަށް ގިނަ ލައިޓްތައް ދިއްލައިގެން ކަމަށްވެސް ބުނެފައިވެއެވެ.
* ލަވަ އަލްބަމް
“ރާޒް” ފިލްމުގެ ލަވަ އަލްބަމަކީވެސް އެ ފިލްމުގެ ކާމިޔާބީއާއި ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑުން އިވިގެންދިޔަ އެންމެ މަޝްހޫރު ލަވަތަކުގެ 90% އަކީ މިއުޒިކް ޑުއޯ ނަދީމް-ޝްރަވަންގެ އުފެއްދުންތަކެވެ. މި ފިލްމުގެ ލަވަ އަލްބަމަކީ އެ ދެމީހުން އެކުގައި މިއުޒިކް ތައްޔާރުކޮށްދިން އެންމެ ފަހުގެ އަލްބަމްތަކުން އެއް އަލްބަމެވެ.
އުދިތު ނާރަޔަން، އަލްކާ ޔަގްނިކް، އަބީޖީތު ބަޓަޗާރިޔާ، ޖޯލީ މުކަރްޖީ، ބާލީ ބްރަމްބަޓް، ސާރިކާ ކަޕޫރް އަދި ސުޒާން ޑީ’މެއްލޯގެ އަޑުން ލަވަތައް އިވިގެންދިޔަ މި ފިލްމުގެ ލަވަތަކުން “އާޕްކޭ ޕިޔާރް މޭ”، “ޖޯ ބީ ކަސްމޭ ކާޔީ ތީ ހަމްނޭ” އަދި “މޭ އަގަރް ސާމްނޭ” އަކީ މި އަލްބަމުން އެންމެ މަޝްހޫރުވި ލަވަތަކެވެ.
* ފިލްމުގެ ބިރުވެރި މަންޒަރުތަކުގައި ބިޕާޝާގެ މޫނުމަތީގެ ހަރަކާތްތައް ރަނގަޅު ކުރުމަށްޓަކައި ވިކްރަމް އާއި ޓީމުން ބިޕާޝާ ބިރުގަންނަވަން “ޕްރޭންކްސް” ހެދިއެވެ.
ވިކްރަމް ބަޓްގެ ވާހަކައަކަށް މަހޭޝް ބަޓް އާއި ގިރިޝް ދަމީޖާ ސްކްރީންޕްލޭ ލިޔެދިން “ރާޒް” ޑައިރެކްޓްކުރީ ވިކްރަމް ބަޓްއެވެ. މިއީ އޭނާ ޑައިރެކްޓްކުރި ފުރަތަމަ ބިރުވެރި ފިލްމުކަންވެސް ފާހަގަކޮށްލެވެއެވެ. ޕްރޮޑިއުސްކުރީ މަހޭޝް ބަޓްގެ ވިޝޭޝް ފިލްމްސް އާއި ޓިޕްސް އިންޑަސްޓްރީސް ގުޅިގެންނެވެ.
މި ލިޔުމުން “ރާޒް” އާއި ބެހޭގޮތުން އާންމުކޮށް މީހުންނަށް އެހާބޮޑަށް ނޭނގޭ ވާހަކަތަކެއް ހިއްސާކޮށްލެވުނުކަމަށް އުންމީދުކުރަމެވެ.
