ދިވެހިރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކުންނާއި ލޮނުގަނޑު ކައިރި ސަރަހައްދުތަކުން ވަރަށް ގިނައިން ފެންނަ އެއް ގަހަކީ “މާފިލާ” ގަހެވެ. މިއީ ހޫނު ގައުމުތަކުގެ އަތިރިމަތީގައި ވަރަށް ފަސޭހައިން ހެދޭ، ގިނަ ފައިދާތަކެއް އެކުލެވިގެންވާ ފަތެކެވެ. ސައިންޓިފިކް ގޮތުން މި ގަހަށް ކިޔަނީ Sesuvium portulacastrum އެވެ. އިނގިރޭސި ބަހުން މިއަށް “Sea Purslane” އޭ ކިޔައި އުޅެއެވެ.
ވެޔޮލާ ދުވާ މި ގަހަކީ ބޭހަށާއި ކެއުމަށް ބޭނުންކުރާ ފަތްޕިލާވެއްޔެވެ. މިއީ ގެދައާއި ވައްތަރު އެއްޗެކެވެ. ގިނައިން ހެދެނީ ރަށްރަށުގެ ހޭޅީގައެވެ. މިއީ ތަންކޮޅެއް ބޯކޮށް ހުންނަ ހުތް ލޮނު ރަހައެއްލާ ފަތެކެވެ. އާއްމުކޮށް މި ހެދެނީ ހޭޅީން އަތިރީގައެވެ.
ބައެއް ފަހަރު، އެންމެ ފައިދާހުރި ކާނާއަކީ ބޭރު ގައުމުތަކުން އަގުބޮޑުކޮށް ގެންނަ ތަކެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ އަޅުގަނޑުމެންގެ ވަށައިގެން، އޭގެ އަމިއްލަ ޒާތުގައި ހެދިފައި ހުންނަ ކުދިކުދި ގަސްގަހާގެއްސެވެ. މިއީ ތާޒާކަން ގެނެސްދޭ، ކުޑަކުޑަ، އަދި މީރު ފަތެކެވެ. މި ފަތުގައި ގުދުރަތީ ގޮތުން ކުޑަ ލޮނު ރަހައެއް ހުންނާތީ، މިއީ ކެއުމަށް ތަފާތު މީރު ރަހައެއް ގެނެސްދޭ އެއްޗެކެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު އަބަދުވެސް ދެކޭ، ނަމަވެސް އޭގެ ހަގީގީ އަގު ވަޒަންނުކުރެވޭ ގުދުރަތީ މީރު ހަދިޔާއެކެވެ.
އަޅުގަނޑަށް ފުރަތަމަ މި ފަތް ފެނުނީއްސުރެން، ސިފަކުރެވުނީ ކުޑަކުޑަ ކެކްޓަސް ފަތްތަކަކާ ވައްތަރު ގޮތަކަށް ހުންނަ، އޮމާން އަދި ކުޑަކޮށް ބަބުޅާ ފަތެއްގެގޮތުގައެވެ. މި ސިފައަކީ ގިނަ މީހުންނަށް މި ފަތުގެ މުހިންމުކަން ނޭނގި ދޫކޮށްލެވޭ އެއް ސަބަބެވެ. މިއީ މާ ބޮޑު ބެލެހެއްޓުމެއް ނެތިވެސް ހެދޭ، ނަމަވެސް ހައިރާންވާ ފަދަ ސިއްހީ ފައިދާތަކުން ފުރިގެންވާ ފަތެކެވެ.

މާފިލާ ވެޔޮ – ފޮޓޯ: އިވްރީޝާ / މުނިއަވަސް
މާފިލާ ފަތުގެ ސިއްހީ ފައިދާތައް:
ދުނިޔޭގެ ގިނަ ހިސާބުތަކުގައި މާފިލާފަތަށް ‘ސުޕަފުޑް’ އެއްގެ ނަން ވަނީ ދެވިފައެވެ. އެއީ ތިރީގައިވާ ސަބަބުތަކަށްޓަކައެވެ:
* އޮމެގާ-3 ފެޓީ އެސިޑްސް:
ހިތާއި ސިކުނޑީގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ އޮމެގާ-3 ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ.
* ވިޓަމިންސް:
ވިޓަމިން އޭ، ސީ، އަދި އީ އިން މުއްސަނދިވެފައިވާއިރު، މިއީ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށްދީ ހަންގަނޑު ރީތިކޮށްދޭ އެއްޗެކެވެ.
* މިނަރަލްސް:
މެގްނީޒިއަމް، ޕޮޓޭސިއަމް، ކެލްސިއަމް، އަދި ދަގަނޑުގެ ބައި މީގައި ހިމެނެއެވެ.
* އެންޓިއޮކްސިޑަންޓް:
ހަށިގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، ދުޅަތަކުން ސަލާމަތްކޮށްދެއެވެ.
* ހަޖަމުކުރުން:
ހަޖަމުކުރުމުގެ ނިޒާމަށް އެހީތެރިވެދީ، ގިނަ އަދަދަކަށް ފެން އެކުލެވޭތީ ހަށިގަނޑު ތާޒާކޮށް ބަހައްޓައިދެއެވެ.
މާފިލާ ފަތުގެ އެންމެ މަގުބޫލު އެއް ސިފައަކީ، ޚާއްސަކޮށް ރާއްޖޭގެ ރަށްތަކުން މިއީ ވަރަށް ފަސޭހައިން ލިބެން ހުންނަ އެއްޗަކަށް ވުމެވެ. ގިނަ ރަށްރަށުގެ ގޮނޑުދޮށާއި, އަދި ގޯތިތެރޭގައި މިއީ އަމިއްލައަށް ހެދިފައި ހުންނަ އެއްޗެކެވެ. މީގެ އިތުރުން، ބައެއް ކަހަލަ ދިވެހި ބޭސްވެރިކަމުގައި، ހަންގަނޑަށް ދިމާވާ ބައެއް މައްސަލަތަކާއި، ސޫފި ހަފާ ތަންތަނުގައި އެޅުމަށް ވެސް މި ގަހުގެ ފަތް ބޭނުންކުރެވެއެވެ.
އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއަށް ބަލާއިރު، ކ. ތުލުސްދޫން ވަރަށް ތާޒާކޮށް އަދި ގިނަ އަދަދަކަށް މި ފަތް ފެނެއެވެ. އަދި ލިބެންވެސް އެބަހުއްޓެވެ. އަޅުގަނޑަށް އާ ވިނަމަވެސް ގިނަ ދިވެހި އާއިލާތަކަށް މިއީ އާ އެއްޗެއް ނޫނެވެ. މިއީ އަބަދުވެސް ރަށްފުށުގެ ދިރިއުޅުމުގެ ތެރޭގައި ފަސޭހަކަމާއެކު ހެދޭ އެއްޗެކެވެ.
ދިވެހި ބަދިގެތަކުގައި މާފިލާފަތަކީ ތަފާތު ގޮތްގޮތަށް ބޭނުންކުރެވިދާނެ ފަތެކެވެ. އެގޮތުން:
* ހެނދުނުގެ މަސްހުނި:
މަސްހުނި މޮޑޭއިރު މާފިލާފަތް އެޅުމުން މީރު ރަހައަކާއި ތާޒާކަމެއް ގެނެސްދެއެވެ.

މާފިލާ ފަތުން މަސްހުނިމޮޑެފައި – ފޮޓޯ: އިވްރީޝާ / މުނިއަވަސް
* ސަޓަނި (ސެލެޑް):
ކޮޕީފަތް، ކުއްޅަފިލާފަތް ސެލެޑް މޮޑެން ބޭނުން ކުރާހެން ކުދިކޮށް މި ފަތް ކޮށާފައި، ފިޔާ، ލުނބޯ އަދި މިރުހާ އެކު ލޮނު ހެޔޮވަރު ކޮށްލުމުން ވަރަށް މީރު ސަޓަންޏަކަށް ވެއެވެ.
* ކައްކައިގެން:
ކޮޕީފަތް ކައްކާ ގޮތަށް ރިހަ ކައްކަން ނުވަތަ ހިކިކޮށް ތަރުކާރީ ހަދަންވެސް ބޭނުންކުރެވިދާނެއެވެ.
* ނުކައްކާ:
މި ފަތުގެ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށްޓަކައި ނުކައްކާވެސް ބޭނުން ކުރެވިދާނެއެވެ.
އަޅުގަނޑުގެ މަންމަވެސް މާފިލާ ފަތް ބޭނުންކޮށްގެން ތަފާތު ބާވަތްތައް ތައްޔާރުކުރެއެވެ. ޚާއްސަކޮށް މަސްހުންޏާއި އެކި ވައްތަރުގެ ސަޓަނިތައް, ފަސޭހަކަމާއި މީރުކޮށް ތައްޔާރު ކޮށްލުމަށް މީގެ ބޭނުން ހިފައެވެ.

މާފިލާ ވެޔޮ – ފޮޓޯ: އިވްރީޝާ / މުނިއަވަސް
މާފިލާ ކެއުމުގައި ސަމާލުވާންޖެހޭ ބައެއް ކަންކަން:
* މާފިލާ ލޮނުގަނޑު ކައިރީގައި ހެދޭ އެއްޗަކަށް ވާތީ، މީގައި ގުދުރަތީ ލޮނު ހުރެއެވެ. އެހެންކަމުން ކައްކާއިރު ނުވަތަ ސަޓަނި ހަދާއިރު އިތުރަށް ލޮނު އެޅުމުގައި ސަމާލުވާން ޖެހެއެވެ.
* މީގައި “އޮކްސަލޭޓްސް” (oxalates) އެކުލެވިގެންވާތީ، ކިޑްނީގައި ހިލަ އުފެދޭ މީހުން މިއާއި ދުރުހެލިވުން ނުވަތަ ވަރަށް މަދުން ބޭނުންކުރުން މުހިންމެވެ.
* އަދި މި ގަސް ބިނދެގެން ބޭނުންކުރާއިރު، އަތިރިމަތީގެ ވެއްޔާއި ލޮނު އަދި އެހެނިހެން ނަޖިސް ހުރެދާނެތީ، ވަރަށް ރަނގަޅަށް ސާފު ފެނުން ދޮވުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެއެވެ.
މާފިލާ ފަތަކީ ސިއްހަތަށް ފައިދާހުރި ކާނާ ހޯދުމަށް އަބަދުވެސް އަގުބޮޑު ތަކެއްޗަށް ބަރޯސާވާން ނުޖެހޭނެކަން ހަނދާންކޮށްދޭ އެއްޗެކެވެ. ބައެއް ފަހަރު، އެންމެ ރަނގަޅު އެއްޗެހި ހުންނަނީ އަޅުގަނޑުމެންގެ ވަށައިގެން، އަޅުގަނޑުމެންގެ ސަމާލުކަމަށް އިންތިޒާރުކޮށްލަ ކޮށްލައެވެ.
ބޭރުން އެތެރެކުރާ ކާނާގެ ފަހަތުން ދުވުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ ރަށްތަކާއި، ބަދިގެތަކާއި، އާދަކާދައިގެ ތެރޭގައިވާ މިފަދަ ގުދުރަތީ ހަދިޔާތަކުގެ ބޭނުން ހިފަންޖެހެއެވެ. މިއަދުން ފެށިގެން، ކެކްޓަސްއާ ވައްތަރު މި ކުޑަކުޑަ ފަތް ފެނުމުން، އެއީ ހަމައެކަނި ވިނައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ އަޅުގަނޑުމެންނަށް ދެއްވާފައިވާ ސިއްހަތަށް ފައިދާހުރި ބޮޑު ނިއުމަތެއްގެ ގޮތުގައި ބަލައިގަންނަމާ ހިނގާށެވެ.
