ފެށުން
މާލޭގެ އުސް އިމާރާތްތަކުގެ މަތިން ފެންނަން އޮތް އުޑުމަތީގައިވަނީ ބޯ ވިލާތަކެވެ. ރޭގަނޑުގެ ބާރަޖަހާ ބޮޑުވިއިރު، މަގުމަތީގެ ހަލަބޮލިކަން ކުޑަވެ، ހަމަހިމޭންކަން ރަސްކަން ކުރަން ފަށައިފިއެވެ. ނަމަވެސް، މި ހަމަހިމޭންކަމުގެ ފަހަތުގައި ފޮރުވިފައިވަނީ އާދައިގެ އިންސާނުންނަށް ނޭނގޭ، ބިރުވެރި އަދި އެހާމެ ނުރައްކާތެރި ދުނިޔެއެކެވެ.
މާޔާ ހުރީ އާޓިފިޝަލް ބީޗް ސަރަހައްދުގެ އަނދިރި ހިސާބެއްގައެވެ. އޭނާގެ ފިނިވެފައިވާ ދެއަތް ޖީބަށް ޖަހާލައިގެން ހުރިއިރު، އޭނާގެ ދެލޮލުން ފެންނަނީ މާޔޫސްކަމާއި ނަފްރަތުގެ ކުލަވަރެވެ. މާޔާއަކީ އާދައިގެ އަންހެން ކުއްޖެއް ނޫނެވެ. އޭނާއަކީ “ވެމްޕަޔާ” އެވެ. ދިރިހުއްޓަސް، ފުރާނައެއް ނެތް، އަނދިރިކަމުގެ ތެރޭގައި ދިރިއުޅެން މަޖުބޫރުވެފައިވާ މަޚްލޫޤެކެވެ.
“ކޮބައިތަ އޭނާ؟” މާޔާ މަޑުމަޑުން ބުންޏެވެ. އޭނާގެ އަޑުގައިވަނީ ހިތްދަތިކަމެވެ.
“އޭނާ އަންނާނެ. އޭނާ އަބަދުވެސް އާދޭ،” ކުއްލިއަކަށް ފަހަތުން އިވުނު ބަރު އަޑަކާއެކު މާޔާ ސިހިގެން ދިޔައެވެ. އެއީ ނަބީލެވެ. ނަބީލަކީ މާޔާ ފަދައިން މި އަނދިރި ދުނިޔޭގައި ބަންދުވެފައިވާ، ނަމަވެސް އިންސާނިއްޔަތުކަން ދޫކޮށްލަން ބޭނުންނުވާ މީހެކެވެ.
“ޝަބީބު މިހާރު ހުންނާނީ އޭނާގެ އާ ކިއްލާގައި. މާލޭގެ އެންމެ އުސް އިމާރާތުގެ އެންމެ މަތީގައި، މުޅި ސިޓީއަށް ބަލަހައްޓައިގެން،” ނަބީލް ކިޔައިދިނެވެ.
ޝަބީބު އަކީ މާޔާގެ ހަޔާތް ބަރުބާދުކޮށްލި މީހާއެވެ. މީގެ އަހަރުތަކެއް ކުރިން، މާޔާ އަކީ އުފާވެރި ދިރިއުޅުމެއް އުޅެމުންދިޔަ ކުއްޖެކެވެ. ނަމަވެސް ޝަބީބުގެ ވަހުޝީކަމާއި، ބާރުވެރިކަމުގެ ދަހިވެތިކަމުގައި މާޔާގެ އިންސާނީ ދިރިއުޅުން ފޭރިގަތެވެ. އޭގެ ފަހުން މާޔާގެ ހަމައެކަނި މަގުސަދަކީ ޝަބީބު ނައްތާލުމެވެ.
އަނދިރި ރޭވުންތައް
މާލޭގެ މެދުތެރޭގައި ހުރި ޒަމާނީ އޮފީސް އިމާރާތެއްގެ އެންމެ މަތީ ފަންގިފިލާގައި، ޝަބީބު އިނީ ބޮޑު ބިއްލޫރި ދޮރަކުން ބޭރު ބަލާށެވެ. އޭނާގެ އަތުގައި އޮތް ބިއްލޫރި ތަށީގައި ހުރީ ރަތްކުލައިގެ ދިޔާއެއްޗެކެވެ. އެއީ އޭނާގެ ބާރުގެ ސިއްރެވެ.
“މި ސިޓީއަކީ އަހަރެންގެ ތަނެއް،” ޝަބީބު އަމިއްލަ ނަފްސަށް ބުނެލިއެވެ. “މީހުން ހީކުރަނީ މިތަނަކީ އަމާން ތަނެއް ކަމަށް. އެކަމަކު އަސްލު ބާރު އޮތީ އަހަރެމެންގެ އަތުގައި.”
އެވަގުތު އެ ކޮޓަރިއަށް ވަދެގެން އައީ އޭނާގެ އެންމެ އިތުބާރު ހިފޭ އެހީތެރިޔާ، ޒިޔާދެވެ. ޒިޔާދަކީ އިންސާނެކެވެ. ނަމަވެސް އޭނާ ކުރާ މަސައްކަތަކީ ޝަބީބު ފަދަ “ވޭމްޕަޔަރުން” ތަކަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމެވެ. އޭގެ ބަދަލުގައި އޭނާއަށް ލިބެނީ މުއްސަނދިކަމާއި ނުފޫޒެވެ.
“ސާހިބާ، މާޔާ އެނބުރި އަތުވެއްޖެ. އޭނާ މިހާރު އުޅެނީ ނަބީލާއެކު،” ޒިޔާދު އިސްޖަހާލައިގެން ހުރެ ބުންޏެވެ.
ޝަބީބުގެ ތުންފަތަށް ނުލަފާ ހިނިތުންވުމެއް އައެވެ. “މާޔާ… އޭނާ އަދިވެސް ހީކުރަނީ އަހަރެން ބަލިކުރެވިދާނެ ކަމަށްތަ؟ އޭނާއަށް ނޭނގެނީ އޭނާގެ ހަށިގަނޑުގައި ހިނގަނީވެސް އަހަރެންގެ ލޭކަން. އޭނާ ބޭނުންވަނީ އަހަރެންގެ މަރު ކަމަށްވާނަމަ، އޭނާއަށް ދޭންވާނީ މަރަށްވުރެ ގޯސް އަދަބެއް.”
ކުރިމަތިލުން
މާޔާ އާއި ނަބީލް ރޭވީ ޝަބީބުގެ ކްލަބަށް ވަދެގަންނާށެވެ. އެއީ މާލޭގެ އަނދިރި ދުނިޔޭގައި ހިންގާ، ހަމައެކަނި ޚާއްޞަ ބަޔަކަށް ވަދެވޭ ތަނެކެވެ. އެތަނަށް ވަނުމަށްޓަކައި މާޔާ ޖެހުނީ އޭނާގެ މާޒީގެ ބައެއް ސިފަތައް ބޭނުންކުރާށެވެ.
ކްލަބްގެ ތެރެއަށް ވަދެވުނުއިރު، ބާރު މިއުޒިކާއި، ތަފާތު ކުލަކުލައިގެ ބޮކިތަކުގެ ތެރޭގައި މީހުން ނަށަމުންދެއެވެ. ނަމަވެސް މާޔާއަށް ފެންނަނީ އެތަނުގައި ތިބި އިންސާނުންގެ ކަރުގައި ހުރި ލޭނާރުތަކެވެ. އޭނާގެ ހިތް ތެޅެމުންދިޔައީ ބިރުންނާއި ބަނޑުހައިކަމުންނެވެ. ނަމަވެސް އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރިއެވެ.
“މާޔާ، ހަމަޖެހޭ. އަހަރެމެން މިތަނަށް މިއައީ ކީއްކުރަންކަން ހަނދާންކުރޭ،” ނަބީލް މަޑުމަޑުން މާޔާގެ އަތުގައި ހިފާލަމުން ބުންޏެވެ.
ކުއްލިއަކަށް މިއުޒިކް ހުއްޓުނެވެ. މުޅި ތަނަށް ހަމަހިމޭންކަން ވެރިވިއެވެ. ކްލަބްގެ މަތީ ބައިގެ ސިޑިން ފައިބަމުން އައީ ޝަބީބުއެވެ. އޭނާގެ ވަށައިގެން ފާރަވެރިން ތިއްބެވެ.
“މާޔާ… އަހަރެންގެ ލޯބިވާ ދަރިފުޅު،” ޝަބީބު ބާރަށް ހީނގަތެވެ. “މިހާ ގިނަ ދުވަސްކޮށްފައި އައީ އަހަރެންގެ ކިބައިން މާފަށް އެދެންތަ؟”
މާޔާ ކުރިއަށް ޖެހިލިއެވެ. “އަހަރެން މިއައީ މާފަށް އެދޭކަށް ނޫން. އަހަރެން މިއައީ ކަލޭގެ ނިމުން ގެންނަން.”
“އެހެންތަ؟” ޝަބީބު އެއްލޯ މަރާލިއެވެ. “އެކަމަކު ކަލެއަށް އެނގޭތަ؟ ކަލޭ އަހަރެން މަރާލައިފިނަމަ، ކަލޭގެ އިންސާނިއްޔަތުކަން އަބަދަށްޓަކައި ގެއްލޭނެ. ކަލޭ ވާނީ ހަމަ އަހަރެން ފަދަ މުޖުރިމަކަށް.”
މާޔާގެ ދެލޯ ރަތްވިއެވެ. އޭނާގެ ދަތްތައް ދިގުވާން ފެށިއެވެ. “އަހަރެން މުޖުރިމަކަށް ވިޔަސް ހެޔޮ، ކަލޭ ފަދަ ނުލަފާ މީހަކު މި ދުނިޔެއިން ނައްތާލެވޭނަމަ!”
—
ފިލުމާއި ސަލާމަތްވުން
ކްލަބުގެ ތެރޭގައި އުފެދުނު ނުތަނަވަސްކަން އިންތިހާއަށް ދިޔައެވެ. މާޔާގެ ހަށިގަނޑަށް އަންނަމުންދިޔަ ބަދަލުތަކާއެކު، އޭނާގެ ވަށައިގެންވާ ވައިގެ ތެރޭގައިވެސް ބިރުވެރިކަމެއް އުފެދުނެވެ. ޝަބީބު ހުރީ ހަމަޖެހިލައިގެންނެވެ. އޭނާގެ ކޮންމެ ހަރަކާތަކުން ފެންނަނީ ޔަގީންކަމެވެ.
“ނަބީލް، މިހާރު!” މާޔާ ހަޅޭއްލަވައިގަތެވެ.
އެއާއެކު ނަބީލް އޭނާގެ ޖީބުން ނެގި ކުޑަ ބޮމެއް ބިމަށް ޖެހިއެވެ. މުޅި ސަރަހައްދު ގަދަ ހުދު އަލިކަމަކުން ފުރިގެން ދިޔައެވެ. މިއީ “ވޭމްޕަޔަރުން” ތަކުގެ ލޮލަށް ކެތްނުކުރެވޭ ފަދަ ގަދަ އަލިކަމެކެވެ. ޝަބީބުގެ ފާރަވެރިން ލޯމަތީގައި އަތްއަޅައި، އަޑުގެ ނެތްތަނަށް ހަޅޭއްލަވަން ފެށިއެވެ.
މާޔާ އެ ފުރުސަތުގެ ބޭނުން ހިފައި، ޝަބީބުއާ ދިމާލަށް ފުންމައިގަތެވެ. ނަމަވެސް ޝަބީބުގެ ހުޝިޔާރުކަން މާ ބޮޑެވެ. އޭނާ ވަރަށް ފަސޭހަކަމާއެކު ކުރިއަށް ޖެހިލައި، މާޔާގެ ކަރުގައި ހިފާ ބާރުކޮށްލިއެވެ.
“މާޔާ، ކަލެއަށް ހީވީތަ މި ކުޑަކުޑަ ކުޅިވަރުން އަހަރެން ބަލިކޮށްލެވިދާނެ ކަމަށް؟” ޝަބީބު މާޔާގެ ކަންފަތް ކައިރީގައި ބުންޏެވެ. “ކަލޭގެ މި ޖެހިލުންކުޑަކަމަށްޓަކައި އަހަރެން ފަޚުރުވެރިވަން. އެކަމަކު މިއަދަކީ ކަލޭ މަރުވާންވީ ދުވަހެއް ނޫން. މިއަދަކީ ކަލެއަށް ފިލާވަޅެއް ދޭންވީ ދުވަސް.”
ޝަބީބު މާޔާ ދުރަށް އެއްލާލިއެވެ. މާޔާ ގޮސް ޖެހުނީ ބާރ ކައުންޓަރުގައެވެ. ބިއްލޫރި ފުޅިތައް ތަޅައިގެން ގޮސް، މުޅި ތަނަށް ބިއްލޫރި ކުނޑިތައް ބުރައިގެންދިޔައެވެ. ނަބީލް އަވަސްއަވަހަށް އައިސް މާޔާ އަތުގައި ހިފާ ކޮޅަށް ތެދުކުރިއެވެ.
“އަވަހަށް ހިނގާ ދާން! މިތަނުން ނުކުންނަން ޖެހޭނެ!” ނަބީލް ބުންޏެވެ.
ދެމީހުން އެކުގައި ކްލަބުގެ ފަހަތު ދޮރުން ނުކުމެ، މާލޭގެ ހަނި ގޯޅިތަކުގެ ތެރެއަށް ދުއްވައިގަތެވެ. ފަހަތުން ޝަބީބުގެ މީހުން އަންނަ އަޑު އިވެމުންދިޔައެވެ. މާލޭގެ މަގުތަކަކީ މިފަދަ ދަނޑިވަޅެއްގައި ފިލަން އެންމެ ރަނގަޅު ތަނެވެ. އެކަކު އަނެކަކަށް ނުފެންނަހާ ގިނަ ގޯޅިތަކާއި، އަނދިރި ކަންމަތިތައް މާލެއަކުން މަދެއް ނޫނެވެ.
ހަނދާންތަކުގެ ތެރެއިން
ރައްކާތެރި ހިސާބަކަށް ދެވުމުން، ވަރުބަލިވެފައި ހުރި މާޔާ ބިންމަތީގައި އިށީނެވެ. އޭނާގެ ހަށިގަނޑުގައި ހުރި ޒަޚަމްތައް މަޑުމަޑުން ފަސޭހަވަމުން ދިޔައެވެ. މިއީ “ވޭމްޕަޔާ” އެއްގެ ގޮތުގައި އޭނާއަށް ލިބިފައިވާ ބާރެކެވެ. ނަމަވެސް ހިތުގައިވާ ޒަޚަމްތަކަކީ ފަސޭހަވާނެ އެއްޗެއް ނޫނެވެ.
އޭނާގެ ހަނދާނަށް އައީ މީގެ ތިން އަހަރު ކުރީގެ ދުވަހެކެވެ. އޭރު އޭނާއަކީ ގައުމީ ޔުނިވަރސިޓީގައި ކިޔަވަމުންދިޔަ، ހުވަފެންތަކުން ފުރިގެންވާ އަންހެން ކުއްޖެކެވެ. އެއްދުވަހަކު އޭނާގެ ރަހުމަތްތެރިންނާއެކު ރޭގަނޑު ބޭރަށް ދިޔަ ދިއުމުގައި، އޭނާއާ ދިމާވީ ރީތި، ބާރުވެރި ސިފައެއް ހުރި މީހަކާއެވެ. އެއީ ޝަބީބުއެވެ.
ޝަބީބު މާޔާއަށް ދެއްކީ މުޅިން ތަފާތު ދުނިޔެއެކެވެ. މުއްސަނދިކަމާއި، މިނިވަންކަމުގެ ދުނިޔެއެކެވެ. ނަމަވެސް އެއީ މަޅިއެއްކަން މާޔާއަށް އެނގުނުއިރު ވަގުތު އޮތީ ފާއިތުވެފައެވެ. ޝަބީބު އޭނާގެ ކަރުގައި ދަތްއެޅި ރޭ، މާޔާގެ އިންސާނީ ދިރިއުޅުން އަބަދަށްޓަކައި ނިމުނެވެ. އޭނާގެ އާއިލާއާއި، ރަހުމަތްތެރިންނާއި، އޭނާ ލޯބިވި ހުރިހާ އެއްޗެއް ގެއްލުނެވެ.
“މާޔާ، ކޮންކަމަކާ ތި ވިސްނަނީ؟” ނަބީލްގެ އަޑަށް މާޔާ އަށް ހޭވެރިކަންވި އެވެ.
“އަހަރެން ހިތަށް އަރަނީ، އަހަރެމެންނަށް ދުވަހަކުވެސް އާދައިގެ ދިރިއުޅުމަކަށް އެނބުރި ދެވިދާނެބާވައޭ؟” މާޔާ ސުވާލުކުރިއެވެ.
ނަބީލް އިސްޖަހާލިއެވެ. “އެނބުރި ދިއުމެއް ނެތް. އެކަމަކު އަހަރެމެންނަށް އާ މުސްތަގުބަލެއް ހޯދިދާނެ. ޝަބީބުގެ ބާރުގެ ދަށުން މި ސިޓީ ސަލާމަތްކޮށްގެން.”
އައު އެކުވެރިން
ޖެހިގެން އައި ދުވަހު، މާޔާ އާއި ނަބީލް ދިޔައީ ވިލިމާލޭގެ އުތުރު ފަރާތުގައި ހުރި ބޯޓުޔާޑަކަށެވެ. އެތަނުގެ އެންމެ އެތެރޭގައި ހުރި ބާ ކޮންޓޭނަރެއްގެ ތެރޭގައި ބަޔަކު މީހުން ޖަމާވެފައި ތިއްބެވެ. އެއީ “އިދިކޮޅު ފަރާތްތަކެވެ.” އެމީހުންނަކީ ޝަބީބުގެ ވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ، ބާރުގަދަ “ވޭމްޕަޔަރުން” ތަކެކެވެ.
އެތަނުގެ އިސްކޮށް ހުރީ ކައިލާން އެވެ. ކައިލާން އަކީ ވަރަށް ދުވަސްވީ، ތަޖުރިބާކާރު މީހެކެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހަރުދަނާކަމެވެ.
“އަހަރެމެންނަށް އެނގޭ ރޭގައި ކްލަބުގައި ހިނގި ކަންތައް،” ކައިލާން ބުންޏެވެ. “މާޔާ، ކަލޭގެ ހިތްވަރު ގަދަ. އެކަމަކު އެކަނިމާއެކަނި ޝަބީބުއާ ކުރިމަތިލުމަކީ އަމިއްލައަށް މަރުވުން ކަހަލަ ކަމެއް.”
“އަހަރެން ބޭނުންވަނީ އޭނާ މަރާލަން. އެކަން ކުރަން އަހަރެން ކޮންމެ ފަދަ އަގެއްވެސް ދައްކާފާނަން،” މާޔާ ވަރުގަދަ އަޒުމަކާއެކު ބުންޏެވެ.
ކައިލާން ހިނިތުންވެލިއެވެ. “ޝަބީބު މަރާލެވޭނީ އޭނާގެ ހިތަށް ‘ކަޅު އެންދެރީގެ އަބެއް’ ހަރާލައިގެން. އެއީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ރާއްޖޭގެ ރަސްކަލަކު އުފެއްދެވި ހަތިޔާރެއް. މިހާރު އެ އޮތީ ކޮންތާކުކަން އެނގެނީ ހަމައެކަނި އެކަކަށް.”
“އެއީ ކާކު؟” ނަބީލް އަހާލިއެވެ.
“އެއީ ހުޅުމާލޭގެ ކަނޑުއަޑީގެ ހޮހަޅައެއްގައި ދިރިއުޅޭ، ‘މުސްކުޅި ސާހިބު’،” ކައިލާން ކިޔައިދިނެވެ. “ނަމަވެސް އޭނާއާ ބައްދަލުކުރުމަކީ ފަސޭހަ ކަމެއް ނޫން. އެތަނަށް ދާން ޖެހޭނީ ނުރައްކާތެރި ދަތުރެއް ކޮށްފައި.”
ހުޅުމާލޭގެ ދަތުރު
މާޔާ އާއި ނަބީލް ހުޅުމާލެއަށް ދިޔައީ ދަންވަރުގެ ވަގުތެއްގައެވެ. ހިނގާލާފައި ދާން އޮންނަ ހިތްގައިމު މަގުތަކުން މީހުން ހުސްވެފައިވާއިރު، ކަނޑުގެ ރާޅުތަކުގެ އަޑު މުޅި ފަޒާގައި ހިފާފައިވެއެވެ.
އެމީހުން ދިޔައީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެންމެ ކޮޅަށެވެ. އެތަނުގައި އަދި މީހުން އާބާދު ނުވާ، އަނދިރި ސަރަހައްދުތައް ގިނައެވެ. ކައިލާން ދިން މައުލޫމާތަށް ބަލައި، އެމީހުން ހޯދަމުން ދިޔައީ ފަރުގެ ކައިރީގައި ހުރި ބޮޑު ގަލެކެވެ.
“މިތަން ކަމަށްވާނީ،” ނަބީލް އިޝާރާތް ކުރިއެވެ.
— ނުނިމޭ —-
