ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އެ އަޑު – ދެވަނަ ބައި

އާއަޑުތަކެއް

ދެގަޑިއިރުފަހެވެ. ޒާރާ އާއި އަޒީލްގެ ކާރުތައް ޒާރާގެ ކުންފުންޏާއި ދިމާއަށް މަޑުކޮށްލިއެވެ. ވަގުތު ކުޑަތަންވެފައި ހުރުމުގެ ސަބަބުން އެދެމީހުންނަކަށް މާބޮޑު ވާހަކައެއް ދެކެވޭ ގޮތެއް ނުވިއެވެ. އަވަސް އަވަހަށް ދެމީހުން ލިފުޓާ ދިމާއަށް މިސްރާބުޖެހިއެވެ. ފަސް މަސް ދުވަހުގެ މެދުކެނޑުމެއްފަހު، އަލުން ވަޒީފާގެ މާހައުލަށް އެނބުރި އާދެވޭތީ ޒާރާހުރީ ވަރަށް އުފަލުގައެވެ. އޭނާގެ ލަނޑުދަނޑިއަކަށްވެފައިވަނީ އާ ހިތްވަރާއި އާ އަޒުމެއްގައި މަސައްކަތާއިގެން ކުރިއަށް ދިޔުމެވެ.

ލިފްޓު މަޑުކޮށްލީ ދެމީހުންގެ މަސައްކަތު ފަންގިފިލާތަކަށެވެ. އަޒީލް ތިރީ ފަންގިފިލާއަށް ފޭބިއިރު، ޒާރާ ދިޔައީ އެންމެ މަތީ ފަންގިފިލާއަށެވެ. ލިފްޓުގެ ދޮރު ހުޅުވުމާއެކު، ޒާރާ ބާރު ހިނގުމެއްގައި އޭނާގެ ކެބިންއާ ދިމާއަށް ހިނގައިގަތެވެ. ކުންފުނީގެ އެންމެ މަތީ ފަންގިފިލާއަކީ އާންމުކޮށް އަމާން، ހަމަހިމޭން ތަނެކެވެ. ނަމަވެސް، މިއަދު އެ ހަމަހިމޭންކަމުގެ ތެރެއިން އާދަޔާ ހިލާފު އިހުސާސެއް އޭނާއަށް ކުރެވެމުން ދިޔައެވެ. ކެބިންއަށް ވަދެ މޭޒުމަތީގައި ހުރި ފައިލްތަކަށް ނަޒަރު ހިންގާލި ވަގުތު، މީހަކު ސިއްރުން ކަންފަތްދޮށުގައި އެއްޗެކޭ ބުނެލިހެން ހީވިއެވެ. އޭރު ޒާރާގެ ކެބިންގެ ކުރިމަތީގައި ބާރު ރާގެއްގައި އޭނާގެ ކޮލީގެއް ދިޔަހެން ޒާރާއަށް ފެނިގެންދިޔައެވެ.

ޒާރާއަށް ސިހުނެވެ. އަދި ފަސްއެނބުރި ބަލާލެވުނެވެ. ނަމަވެސް އެކަކުވެސް ފެންނާކަށް ނެތެވެ. “މިއީ ހުވަފެނެއް ބާވައޭ” ޒާރާގެ އަމިއްލަ ނަފުސާއި ސުވާލުކޮށްލިއެވެ. ދެންމެ އިވުނު އަޑަކީ ހަމައެކަނި ވައިގެ އަޑެއް ނޫންކަން އޭނާގެ ސިކުނޑި ގަބޫލުކުރެއެވެ. އެއީ ވަރަށް މަޑުމަޑުން، އެހެނަސް ސާފުކޮށް އިވުނު ގޮވާލުމެކެވެ

ޒާރާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ގޮނޑީގައި އިށީނދެ މަސައްކަތަށް ސަމާލުކަން ދޭން އުޅުނެވެ. އެހެންނަމަވެސް، މާގިނައިރުތަކެއް ނުވެ އަނެއްކާވެސް އެ އަޑު އިވެން ފަށައިފިއެވެ. މިފަހަރު އެއީ މީހަކު ރޯ އަޑެވެ. ނުވަތަ އެހީއަށް އެދި އާދޭސްކުރާ އަޑެވެ. އެ އަޑު އަންނަނީ ފާރުގެ އަނެއް ފަރާތުން ނުވަތަ ސީލިންގްގެ ތެރެއިން ކަމެއް ޔަގީނެއް ނުވެއެވެ. ޒާރާގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. އަދި  މުޅި މީހާ ދަލުން ފޯވިއެވެ.

ޒާރާގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވިއެވެ. ހަދާނެ ނަހަދާނެ ގޮތެއް ނޭނގިފައި އޭނާއަށް އެތައް އިރަކު އިނދެވުނެވެ. މޭޒުމަތިން ފޯނު ނަގާފައި އޭނާގެ ކޮލީގަށް ގުޅަން އުޅުނެވެ. އެހެންނަމަވެސް ކުރިން ޒާރާއަށް އިވެމުން އަންނަ އަޑުތައް އާދަޔާ ޚިލާފަށް ބާރުވާން ފެށިއެވެ. އެއީ ހަމައެކަނި ރުއިމެއްގެ އަޑެއް ނޫނެވެ. އެއީ ޒާރާގެ ނަމުން ގޮވާލާ އަޑެކެވެ. “ޒާރާ އަހަރެން ސަލާމަތްކުރޭ” އެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ވޭނާއި ބިރުވެރިކަމެވެ. ޒާރާގެ ފައިން ވާގިދޫވެ، ބިމަށް ތިރިވެވުނެވެ. އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ މި ހަމަހިމޭން އޮފީސް ތެރޭގައި އޭނާ ނޫން އެހެން ކޮންމެވެސް ފަރާތެއް ވާކަމެވެ. އަދި އެ ފަރާތަކީ ފެންނަން ނެތް، އެހެނަސް ވަރަށް ގާތުގައިވާ ނުރައްކަލެއް ކަމެވެ.

ކުއްލިއަކަށް ޒާރާގެ ކަންފަތްދޮށުގައި މީހަކު ފިނި ނޭވާއެއް ދޫކޮށްލި ކަހަލަ އިހުސާސެއް ކުރެވުނެވެ. އޭނާ ބިރުން ހަޅޭއްލަވައިގަންނަން އުޅުނު ވަގުތު، މުޅި ތަން އެއްކޮށް އަލިވެ، ކުރިމަތީގައި ހުރި ބޮޑު މޫނުބަލާ ލޯގަނޑުން ފެނުނު ސޫރައަކުން އޭނާގެ ލޭ ގަނޑުވިއެވެ. އެއީ މީގެ 5 އަހަރުކުރީގެ ޒާރާގެ ސޫރައެކެވެ.

ޒާރާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައި، ތާޒާވެލުމަށްފަހު، މަސައްކަތައިގެން ކުރިއަށްދިޔައެވެ. ކުރަން ހުރި މަސައްކަތްތައް ނުހަނު ގިނައެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި ޒާރާގެ ފޯނު ރިންގުވާން ފެށިއެވެ. އެއީ ޒާރާގެ ސެކްރެޓަރީއެވެ.

“ޒާރާ، މިއަދުގެ އެންމެ މުހިންމު މީޓިން އޮތީ ތިރީ ފަންގިފިލާގައި، އަޒީލްގެ ސެކްޝަންގައި،” ސެކްރެޓަރީގެ ޖުމްލައާއެކު ޒާރާގެ ހިތް ތެޅިލިއެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރި ހިތްހަމަޖެހުން، ކުއްލިއަކަށް އާ ނުތަނަވަސްކަމަކަށް ބަދަލުވިއެވެ.

މި އާ ފެށުމަކީ ޒާރާގެ ކެރިއަރުގެ އާ ބާބެއްކަން ޔަގީނެވެ. ނަމަވެސް، އަޒީލްގެ ފަންގިފިލާގައި ބޭއްވޭ މި ބައްދަލުވުމުގައި އޭނާއަށް ކުރިމަތިލާން ޖެހޭނީ ހަމައެކަނި ޕްރޮފެޝަނަލް މަސައްކަތްތަކާ ބާވައެވެ؟ ނޫނީ، އެ ދެމީހުންގެ މެދުގައި ފޮރުވިއިވާ، އަދި ނުބުނެވި ހުރި އެތައް ޖަޒުބާތުތަކެއްގެ ތޫފާނެއް މި ބައްދަލުވުމުގެ ތެރެއިން ފެށިގެންދާނީ ބާވައެވެ؟

ނުނިމޭ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top