މިއީ ފާއިތުވި 10 އަހަރަށްވުރެ ގިނަ ދުވަސްވަންދެން އެންމެ މަގުބޫލުކަން ހޯދާފައިވާ އެއް ރެސިޕީއެވެ. ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު މި ރެސިޕީއަށް ކޭކު ތައްޔާރުކުރެއެވެ. އޭގެ ސަބަބަކީ މިއީ ހަގީގަތުގައިވެސް މިހާތަނަށް ފެންނާނެ އެންމެ ފުރިހަމަ ރެސިޕީއަށް ވާތީއެވެ. އެންމެ ތައްޓެއްގެ ތެރޭގައި ހުރިހާ އެއްޗެއް އެއްކޮށްލައިގެން މި ތައްޔާރުކޮށްލެވޭނެއެވެ. އަދި ހަކުރާއި ދޮންކެޔޮ ބޭނުންކުރާ މިންވަރު ތިމާ ބޭނުންވާ ގޮތަކަށް ބަދަލުކޮށްލުމުގެ ފުރުސަތު ވެސް އޮވެއެވެ.
ބޭނުންވާ ތަކެތި:
🍳 2 ނުވަތަ 3 މެދު ސައިޒުގެ ރަނގަޅަށް ދޮންވެފައިވާ ކެޔޮ (މޮޑެލުމުން ގާތްގަނޑަކަށް 1.5 ތަށި ހުންނަ ވަރަށް)
🍳 1/3 ތަށި (76 ގްރާމް) ދިޔާކޮށްފައިވާ ބަޓަރު (ލޮނު ހުންނަ ނުވަތަ ލޮނު ނުހުންނަ ބަޓަރުވެސް ބޭނުންކުރެވިދާނެ)
🍳 1/2 ސައިސަމުސާ ބޭކިން ސޮޑާ
🍳 ކުޑަ ލޮނުކޮޅެއް
🍳 3/4 ތަށި (150 ގްރާމް) ހަކުރު (ފޮނި މަޑުކުރަން ބޭނުންނަމަ 1/2 ތަށި، އަދި ފޮނިގަދަކުރަން ބޭނުންނަމަ 1 ތަށި)
🍳 1 ކުކުޅު ބިސް (ގިރާފައި)
🍳 1 ސައިސަމުސާ ވެނީލާ އެސެންސް
🍳 1.5 ތަށި (205 ގްރާމް) ފުށް (އޯލް ޕާޕަސް ފްލާ)
ތައްޔާރުކުރާނޭ ގޮތް:
1- އަވަން ހޫނުކުރުން:
އަވަން 350 ޑިގްރީ ފެރެންހައިޓް (175 ޑިގްރީ ސެލްސިއަސް) އަށް ހޫނުކުރަން ޖައްސަވާށެވެ. އަދި ކޭކު ފިހަން ބޭނުންކުރާ ޓްރޭގައި ބަޓަރު އުނގުޅާފައި ބަހައްޓަވާށެވެ.
2- ކެޔޮ މޮޑުމާއި ބަޓަރު އެއްކުރުން:
ތައްޓެއްގެ ތެރޭގައި އޫ ބޭނުންކޮށްގެން ދޮންކެޔޮކޮޅު ރަނގަޅަށް ޗަސްވަންދެން މޮޑެލާށެވެ. އެއަށްފަހު، ދިޔާކޮށްފައި ހުރި ބަޓަރުކޮޅު އޭގެ ތެރެއަށް އަޅައި އެއްކޮށްލާށެވެ.
3- ބާކީ ހުރި ތަކެތި އެއްކުރުން:
މޮޑެފައި ހުރި ކެޔޮގަނޑުގެ ތެރެއަށް ބޭކިން ސޮޑާ އާއި ލޮނުކޮޅު އަޅާށެވެ. އެއަށްފަހު ހަކުރު، ގިރާފައި ހުރި ބިސް އަދި ވެނީލާ އެސެންސް އަޅައި އެއްކޮށްލާށެވެ. އެންމެ ފަހުން ފުށްކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
4- ކޭކު ފިހުން:
ތައްޔާރުކުރި ފުށްގަނޑު ބަޓަރު އުނގުޅާފައިވާ ޓްރޭއަށް އަޅާށެވެ. 55 މިނެޓާއި 65 މިނެޓާ ދެމެދުގެ ވަގުތަކަށް ފިހަން ބަހައްޓަވާށެވެ. ކޭކު ފިހުނުތޯ ބެލުމަށް، ދަތްކޮށްޓާ ދަނޑިކޮޅެއް ނުވަތަ ހިިމަ ދަނޑިކޮޅެއް ކޭކުގެ މެދަށް ހަރާލާށެވެ. ނަގާއިރު ދަނޑިކޮޅުގައި އެއްޗެއް ހޭކިފައި ނެތްނަމަ ކޭކު އެހުރީ ފިހިފައެވެ. ކޭކުގެ ބޭރުބައި މާ އަވަހަށް މުށިކުލަ އަރައި، އެތެރެ ނުފިހި ހުރިނަމަ، ފޮއިލް ކޮޅަކުން މަތި ނިވާކޮށްލުމަށްފަހު އިތުރަށް ފިހެވިދާނެއެވެ.
5- ހިހޫކުރުމާއި ސާވްކުރުން:
އަވަނުން ނެގުމަށްފަހު ކުޑަވަގުތުކޮޅަކު ޓްރޭގައި ބަހައްޓައިގެން ހިހޫކޮށްލާށެވެ. އެއަށްފަހު ޓްރޭއިން ނަގައި، މުޅިން ހިހޫވުމުން ކޮށާލައިގެން ސާވްކުރާށެވެ.
މި ކޭކު ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުމުން އާދައިގެ ފިނިހޫނުމިނުގައި 4 ދުވަހު ހުންނާނެއެވެ. އަދި އައިސްއަލަމާރީގައި ނަމަ 5 ދުވަހު ބެހެއްޓޭނެއެވެ. މީގެ އިތުރުން މިއީ ފްރީޒްކޮށްގެންވެސް ގިނަ ދުވަހު ބެހެއްޓިދާނެ އެއްޗެކެވެ.
