ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ނުފިލާ ރިހުން – ފަހު ބައި

އެއްދުވަހަކު މަޖީދީ މަގުގައި ހުރި ފިހާރައަކުން ރާހިލް ނުކުތް ވަގުތު ދުވާރު މަތިން ދުއްވާފައި އައި ފުރޮޅުލީ ގޮނޑިއެއްގައި ލައިގަތެވެ. މާފަށް އެދެމުން ބަލައިލި ވަގުތު އޭނާއަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. ފުރޮޅުލީ ގޮނޑީގައި އެއިނީ ދެވަނަ މީހެއް ނޫނެވެ. އެއީ ކުރީގައި ނުފޫޒާއި ބާރުގެ ސަބަބުން ބޮޑާކަމާއި ކިބުރުވެރިކަން އިންތިހާއަށް ގޮސްފައިވާ ވިޔަފާރިވެރިޔާ ރާޝިދެވެ. އޭނާގެ ގާތުގައި ހުރީ އެމީހެއްދެކެ އޭނާ އިންތިހާއަށް ލޯބިވި ޖަޒްލާއެވެ. ޖަޒްލާގެ ސިފަ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މޫނުމަތިން ވަރުބަލިކަމާއި މާޔޫސްކަން ފެންނަން ހުއްޓެވެ.

ރާހިލް ފެނުމުން ރާޝިދަށްވެސް ލިބުނީ ވަރުގަދަ ސިހުމެކެވެ. އެ ދެމީހުންނަށް ބަލައިލާފައި އަދިވެސް އެއްފަހަރު މާފަށް އެދެމުން ރާހިލް ދާން ހިނގައިގަތެވެ. ހިތަށް އެވަގުތު އެރި ހުރިހާ އެއްޗެއް އޮއްބާލައި އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުންނެވެ.

“ރާހިލް.” ރާޝިދުގެ އަޑަށް ރާހިލް ހުއްޓުނެވެ. ރާހިލް އެނބުރި ބަލައިލުމުން ގާތަށް އައުމަށް އިޝާރާތްކުރިއެވެ.

“ރާހިލް. އަހަންނަށް މާފްކުރޭ.” ރާޝިދުގެ އަޑު ވަނީ ވަރަށް ބަލިވެފައެވެ. ކުރީގައި ހުންނަ ބޮޑާކަމާއި ގަދަފަދަކަމެއް މިހާރު އެ އަޑަކު ނެތެވެ. އެ އަޑުގައި ވަނީ އާދޭހެވެ.

“ރާހިލް. އަހަރެން ހީކުރީ ފައިސާއަކީ ހުރިހާ އެއްޗެއް ކަމަށް. އެކަމަކު އަހަރެންގެ ބޮޑާކަމާއި ގޮތްދޫނުކުރުމުގެ ސަބަބުން އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ފުނޑުފުނޑުވެއްޖެ.” ރާހިލްގެ އަތުގައި ހިފައިގެން އިނދެ ރާޝިދު ވަރަށް އަސަރާއެކު ބުންޏެވެ.

“އެ ޒަމީލަކީ ވަރަށް ބޮޑު އަނިޔާވެރިއެއް. އަހަރެންގެ އެކްސިޑެންޓަށްފަހު އަހަރެން ބަލިވުމުން އަހަރެންގެ ވިޔަފާރިތައް އޭނައާ ހަވާލުކުރީ ވަރަށް އިތުބާރުކޮށްފައި. އެކަމަކު އޭނަގެ މަކަރުވެރިކަމުން މިއަދު އަހަރެން އަތުގައި އެކައްޗެއްވެސް ނެތް. އޭނާ އަހަރެމެންނަށް ދޮންކަޅުވެސް އަންގާނުލާ އަހަރެމެންގެ ހުރިހާ ވިޔަފާރިއެއް ފޭރިގެންފި. އަހަރެންގެ މި ދަރިފުޅަށް އެތައް އަނިޔާއެއް ދީފައި، ދަރިންކޮޅު އަތުލާފައި ވަރިކޮށް ގެއިން ނެރެލީ. އަހަރެމެން އަތުގައި ފައިސާ ނެތީމަ ދަރިންނެއް ނުހޯދުނު. މީ އަހަރެން ތިކަހަލަ ރަނގަޅު މީހަކަށް އިހާނެތިކޮށް ހެދީމަ ލިބުނު ސަޒާ ކަންނޭނގެ. އަހަންނަށް މާފްކުރޭ.” ރާހިލްގެ އަތުގައި ހިފައިގެން އިނދެ ރާޝިދު ރޮއިރޮއިފައި މާފަށް އެދުނެވެ.

ރާޝިދުގެ ވާހަކައިން ރާހިލްއަށް ވަރަށް އަސަރުކުރިއެވެ. ޖަޒްލާއަށް ބަލައިލިއިރު އޭނާވެސް އިސްޖަހައިގެން ހުރެ ރޮނީއެވެ. ރާހިލް ރާޝިދަށް މާފްކުރިއެވެ.

“ރާހިލް. އަހަންނަށްވެސް މާފްކުރޭ. އަހަރެން ހީކުރީ ކަލޭ އަހަރެން ދޫކޮށްލީ ކަމަށް. އޭރު އަހަންނަށް އެނގިފައިވެސް އޮތީ އެގޮތަށް. ކަލޭގެ ފިނޑިކަމުން އަހަރެންނާ ވަކިވީ ކަލެޔާ އެއް ފެންވަރެއްގެ މީހަކާ އިންނަންވެގެން ކަމަށް. އެކަމަކު މި ހުރިހާ ކަމެއް ހިނގި ފަހުން ބައްޕަ ކިޔައިދިނީ ބައްޕަ ދިން އިންޒާރުތަކުގެ ވާހަކަ. އަދި ކަލޭ މީހަކާ އިންނަންވެގެން އަހަރެން ދޫކޮށްލީކަމަށް ބުނެ ބައްޕަ ހެދި ދޮގުތަކުގެ ވާހަކަވެސް.” ޖަޒްލާ ރޮމުން މާފަށް އެދުނެވެ.

“އަދި އަހަންނަށް ކަލެއަށް ބޭވަފާތެރިއެއްގެ ނަން ދެވުނީތީވެސް އަހަންނަށް މާފްކުރާތި. އޭރު ކަލޭ ބުނި ވާހަކަ އަހަންނަށް މި ވިސްނުނީ މާފަހުން. ތީ ހަޤީޤީ ލޯބިވެރިއެއް.” ޖަޒްލާ އިސްޖަހާލައިގެން ހުރެ ބުނެލިއެވެ. ރާހިލްއާ ހަތަރުކަޅި ހަމަކުރާކަށް އޭނައަށް މިހާރު ކުޅަދާނައެއް ނޫނެވެ.

“އަހަރެން ގާތު ޖަޒޫ މާފަށް އެދޭކަށް ނުޖެހޭނެ. އަހަރެން އެއްވެސް އިރަކު ޖަޒޫއަށް ހިތްބުރައެއް ނުކުރަން. އޭރުވެސް އަހަރެން ބުނީމެއްނު އަހަރެން ބޭވަފާތެރިއެއް ނުވަމޭ. އަދިވެސް އަހަރެންގެ ހިތުގައި ޖަޒޫއަށްޓަކައި އޮތް ލޯބި ބަދަލެއް ނުވޭ.” ރާހިލް ޖަޒްލާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ޖަޒޫ. އޭރު އަހަރެން މަޑުމަޑުން ހުރީ ޖަޒޫއަށްޓަކައި. ބައްޕަ ބޭނުންވީ ޖަޒޫގެ އުފާވެރިކަން. އަހަރެންވެސް ބޭނުންވީ އެގޮތް. އެކަމަކު އަހަންނަށް އޭރު ނުވިސްނުނީ މުއްސަނދިކަމަކީ ހުރިހާ އުފަލެއް ނޫންކަން. އަހަރެންގެ ވަފާތެރިކަން ސާބިތުކޮށްދޭން އޭރު އަހަރެން އުޅުނުނަމަ، މިއަދު މި ހާލަތު އޮތީހީ ކިހިނެއްބާއޭ ހިތަށްއަރާ.” ރާހިލް ބުންޏެވެ.

“ރާހިލް. މިހާރު މާ ލަސްވެއްޖެ. އަހަރެންގެ ޙަޔާތް މިވަނީ ބަނަވެފައި. އަހަރެންގެ ކައިވެނި ރޫޅި، ދަރިންކޮޅާ ވަކިވެ، އަހަރެންގެ މުޅި ނަފްސު ވަނީ ޒަޚަމްވެފައި. އަހަރެން މިހާރު ރާހިލްއާ އެކަށީގެނެއްނުވޭ.” އިސްދަށަށް ޖަހާލައިގެން ހުރެ ޖަޒްލާ ބުނެލިއެވެ.

“ޖަޒޫ. ލޯތްބަކީ ވަކި ފެންވަރަކަށް އޮންނަ އެއްޗެއް ނޫން. ލޯތްބަކީ އެކަކު އަނެކަކަށްޓަކައި ހިތުގައި އޮންނަ އިޚުލާސްތެރިކަން. ކުލުނާއި ރަޙުމް. އަހަރެންގެ ހިތުގައި އޭރުވެސް، މިހާރުވެސް އޮތީ ހަމަ އެއް ޖަޒުބާތެއް. އެ އިހުސާސްތަކަކަށް ކުޑަކޮށްވެސް ބަދަލެއް ނާދޭ. ބޭވަފާތެރިއަކަށް ނުވެ އެންމެ ފަހު ނޭވަޔާ ހަމައަށްވެސް އަހަރެން މިގޮތުގައި ހުންނާނަން.” ރާހިލް ވަރަށް ލޯތްބާއެކު ޖަޒްލާގެ އަތަށް ފިތާލަމުން ބުނެލިއެވެ.

“ދަރިފުޅާ ރާހިލް. އަހަރެންގެ ނުބައިކަމުގެ ސަބަބުން ތި ދެކުދިންގެ ޙަޔާތް ބަރުބާދުވީ. އަހަންނަށް މާފްކުރޭ. އަހަރެންގެ ދަރިފުޅު ބަލަހައްޓައިދޭނެ އިތުރު މީހަކު މިދުނިޔެއަކު ނެތް. އޭނެގ ހިތުގެ ރިހުމަށް އޮތް ހަމައެކަނި ފަރުވާއަކީ ތީ.” ރާޝިދު ރޮމުން ރާހިލްގެ އަތުގައި ހިފިއެވެ.

މާލޭގެ ހަލަބޮލި މަގުމަތީގައި އެތައް ބައެއްގެ މެދުގައި ހުރިއިރުވެސް، ރާހިލްއަށް އިހުސާސް ކުރެވުނީ އެ ދެމީހުންގެ ދެމެދުގައި އޮތް އެކަނިވެރިކަމެވެ. އެއީ މީގެ ދިހަ އަހަރު ކުރިން ފެށިގެން އައި “ނުފިލާ ރިހުމެކެވެ.”

“ޖަޒޫ އަހަންނާއެކު ދާނަންތަ؟ އަހަރެމެން އާ ދިރިއުޅުމެއް ފަށަން. މާޒީގެ އެ ހިތްދަތި ހަނދާންތަކާ ދުރަށް.” ރާހިލް ޖަޒްލާގެ މޫނަށް ބަލައިލަމުން އަހާލިއެވެ. ޖަޒްލާ އިރުކޮޅަކު ރާހިލްގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ދެލޮލުން އުއްމީދުގެ ކުލަވަރު ފެންނަން ފެށިއެވެ.

“ރާހިލް. އަދިވެސް އަހަރެން ބޭނުންތަ؟” ޖަޒްލާ އަހާލިއެވެ.

“އާނ. އަހަރެން އަބަދުވެސް ބޭނުންވީ ޖަޒޫ. ހަމައެކަނި ޖަޒޫ. އަހަރެންގެ ހިތުން އިތުރު އެއްވެސް މީހަކަށް ޖާގައެއް ނުދެވުނީ އެހެންވެ.” ރާހިލް ބުނެލިއެވެ.

“އެކަމަކު އަހަންނަށް ދަރިންކޮޅު ނުފެންނަ ހިސާބަކަށް ނުދެވޭނެ.” ޖަޒްލާ ބުނެލިއެވެ.

“އަހަރެން ޖަޒޫގެ ދަރިންކޮޅު ހޯދައިދޭނަން. އަދި އަހަރެންގެ އަމިއްލަ ދަރިންހެން އެކުދިން ބޮޑުކޮށް ރަނގަޅު މުސްތަޤުބަލެއްވެސް ހޯދައިދޭނަން.” ރާހިލް ޔަޤީންކަން ދިނެވެ.

އެންމެ ލޯބިވި މީހާއާ ކައިވެނި ކުރެވޭތީ އުފާވި ނަމަވެސް ކުރީގެ ކައިވެނިން ލިބުނު އަނިޔާއާއި ހިތްދަތިކަމުގެ ސަބަބުން ޖަޒްލާއަށް ދިރިއުޅުމައިގެން ކުރިއަށް ދާން އެހާ ފަސޭހައެއް ނުވިއެވެ. ނަމަވެސް ބައްޕަގެ ނަސޭހަތާއިއެކު ހުރިހާ ކަމެއް މާތް ﷲ އާ ވަކީލުކޮށްލަމުން ޖަޒްލާ ރާހިލްގެ އަތުގައި ހިފައިފިއެވެ. ހަފްތާއެއްގެ ތެރޭގައި ވަރަށް އާދައިގެ ގޮތެއްގައި ކޯޓުގައި ދެމީހުންގެ ކައިވެނި ކުރެވިއްޖެއެވެ. ޖަޒްލާއަށް ވަގުތު ބޭނުންވާނެކަން ވިސްނޭތީ ރާހިލް އުޅުނީ އެވަރު ބަލައިގެންނެވެ.

ކައިވެނި ކުރެވުނުތާ ދެދުވަހެއް ތެރޭގައި ދަރިން ހޯދުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. ހީކުރި ވަރަށްވުރެ އެކަންވެސް ފަސޭހަވިއެވެ. ޒަމީލު އޭނާގެ ފައިސާއާއި ނުފޫޒުގެ ބޭނުންކޮށްގެން ކުދިން އޭނާގެ ގާތުގައި ބޭތިއްބުމަށް ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ކުދިން ތިބީ އެއަށްވުރެ ބޮޑަށް މަންމަގެ ލޯތްބަށް ފެންބޮވައިގެންފައެވެ. މަންމަގެ އޯގާތެރި ފިރުމުންތަކަށް އެދިއެދިއެވެ. ބައްޕަގެ އަޅާލުން ކުޑަކަމާއި ރުޅިވެރިކަމުގެ ސަބަބުން ކުދިން ތިބީ އެ ބިރުވެރިކަމުން ސަލާމަތްވާން ބޭނުންވެފައެވެ. މިނިވަން ޖައްވެއްގައި އުދުހިލަން ބޭނުންވެފައެވެ. ވުމާއެކު ކުދިން ލިބުނީ ޖަޒްލާއަށެވެ.

ކޯޓު މަރުހަލާ ނިމުމާއެކު ޖަޒްލާއާއި ދެކުދިންނާއި ބައްޕަ ގޮވައިގެން ރާހިލް ދިޔައީ ރަށަށެވެ. ރަށުގެ ހިތްގައިމު މާހައުލުގައި، މޫދުގެ ލޮނުވަހާއި ރުއްތަކުގެ ހިޔަލުގައި ލީންގެ ޒަޚަމްވެފައިވާ ހިތަށް މަޑުމަޑުން ޝިފާ ލިބެން ފެށިއެވެ. އޭނާއަށާއި ދަރިންނަށް ލިބެމުންދިޔަ ރާހިލްގެ އޯގާތެރިކަމާއި ލޯބީގެ ސަބަބުން ޖަޒްލާގެ މޫނުމަތިން އަނެއްކާވެސް ހިނިތުންވުން ފެންނަން ފެށިއެވެ. ކުދިންވެސް ވަރަށް އަވަހަށް ރާހިލްއާ ގުޅިއްޖެއެވެ. ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި އެކުދިންގެ އުފަން ބައްޕަގެ ފަރާތުން ނުލިބުނު ލޯބި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާހިލްގެ ފަރާތުން ލިބުމުން އެކުދިންގެ ހިތުން ރާހިލްއަށް ބައްޕަގެ ދަރަޖަ ދޭކަށް ގިނަ ދުވަހެއްވެސް ނުނެގިއެވެ.

ދަރިން ސްކޫލަށް ގެންގޮސް ގެނެސް ހެދުމުގައި ރާހިލްގެ އެހީ ޖަޒްލާއަށް ވަރަށް ބޮޑަށް ލިބެއެވެ. ދަރިންގެ ޚަރަދު ޒަމީލްގެ ފަރާތުން ހޯދުމަށް ޖަޒްލާ ގާތު ރާޝިދު އެދުނު ނަމަވެސް ރާހިލް ވަނީ އެކަމަށް އިންކާރު ކޮށްފައެވެ. އެއީ ޒަމީލްގެ ވާޖިބެއް ކަމަށާއި އެ ހޯދަން ކޯޓަށް ގޮސް ސަލާން ޖަހަން ނުޖެހޭނެކަމަށް ރާހިލް ވަނީ ބުނެފައެވެ. އަދި ޒަމީލް އަމިއްލައަށް ޚަރަދު ކުރާނަމަ އެ ބޭނުންކުރުމަށާއި ޒަމީލް ޚަރަދު ނުކުރިޔަސް އޭނާ އެކުދިންގެ ހުރިހާ ކަމެއް ބަލަހައްޓާނެކަމަށް ބުންޏެވެ. އަދި އެކުދިންނަކީ އޭނަގެ ލޭ ކަމަށް ނުވިޔަސް އެއީ އޭނައަށް ދޮންދަރިން ނޫންކަމަށާއި އެއީ އޭނައަށް އުފަން ދަރިންކަމަށްވެސް ބުންޏެވެ.

ރާހިލްގެ ފަރާތުން ލިބެމުންދިޔަ ނިމުމެއްނެތް ލޯބީގެ ސަބަބުން ޖަޒްލާ ކުރީގެ ހިތްދަތި ހަނދާންތައް މުޅިންހެން ފިލައިފިއެވެ. އޭނާގެ ދިރިއުޅުމުގައި މިހާރު ވަނީ ހުވަފެނަކުންވެސް އޭނާ ނުދެކޭހާ އުފާވެރިކަމެވެ. އެ އުފާވެރިކަން އަބަދުމެ ލައްވަވާތޯ އޭނާ ތާއަބަދު ދުޢާ ކުރެއެވެ.

ރާޝިދުގެ ފަރުވާއަށް ރާޝިދު ގޮވައިގެން ރާހިލް ރާއްޖޭން ބޭރަށް ދިޔައެވެ. ފަރުވާނުކޮށް އެހާ ގިނަ ދުވަސް ކުރީ ކީއްވެތޯ ޑޮކްޓަރު އެހިއެވެ. އަދި ކަންވީގޮތް ކިޔައިދިނުމުން ރާޝިދަށް ނުހިނގޭނެ އެއްވެސް ސަބަބެއް ނެތްކަމަށް ޑޮކްޓަރު ބުންޏެވެ. އެއްވެސް މައްސަލައެއް ދިމާނުވެ އޮޕަރޭޝަން ކާމިޔާބު ވެއްޖެނަމަ ރާޝިދަށް ހިނގޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް ޑޮކްޓަރު ދިނެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް އޮޕަރޭޝަންގެ ކަންތައް ހަމަޖެހުނެވެ. އޮޕަރޭޝަން ކާމިޔާބުވިއެވެ. ނަމަވެސް އޭނައަށް ރަނގަޅު ފިޒިއޯތެރަޕީ ބޭނުންވާނެކަމަށް ޑޮކްޓަރު ބުންޏެވެ. ވުމާއެކު އެމީހުން ބޭރުގައި މަޑުކުރީއެވެ.

ހަމަސް ދުވަހުގެ ފިޒިއޯތެރަޕީއަށްފަހު ރާޝިދަށް މީހެއްގެ އެހީއާއެކު މަޑުމަޑުން ހިނގާލެވޭވަރު ވިއެވެ. އަނިޔާ ލިބުނުތާ އެހާ ގިނަދުވަސް ފަހުން ފަރުވާ ކުރެވުނީތީ ރަނގަޅުވާނެކަމަށް އުއްމީދުކުރެވުނު ވަރަށްވުރެ އަވަހަށް ނަތީޖާވެސް ފެނުނެވެ. މުޅިން ރަނގަޅުވާން ނުވަތަ މީހެއްގެ އެހީއަކާނުލައި އެކަނި އުޅެލެވޭވަރު ވާން އަހަރަކާއި ދެއަހަރާއި ދެމެދުގެ މުއްދަތެއް ނަގައިފާނެކަމަށާއި މެދުނުކަނޑައި ބަރާބަރަށް ފިޒިއޯތެރަޕީ ކުރިއަށް ގެންދިއުމަށް ޑޮކްޓަރު އިރުޝާދު ދިނެވެ.

ރާއްޖެއިން ބޭރުގައި ހަތްމަސް ހޭދަކުރުމަށްފަހު ރާޝިދު ގޮވައިގެން ރާހިލް ރާއްޖެ އައެވެ. ރަށަށް އައި އިރު އޭނާ ވަނީ ޖަޒްލާއާއި ކުދިން ދެކޭހިތުން ކެތްމަދުވެފައެވެ. ދުރުގައި ތިބެ ވާހަކަ ދެކެވި ފެނިދެނި ވިޔަސް ގާތުގައި ހުރެވުމުން ކުރެވޭ އިހުސާސް އެތައް ގޮތަކުން ތަފާތު ވީމައެވެ.

ދުވަސްތައް ވަރަށް އަމާންކަމާއެކު ދަނިކޮށް ރާހިލްގެ އާއިލާއަށް އާ މެންބަރަކު އަންނަކަމުގެ އުފާވެރިކަމުގެ ޚަބަރު ލިބިއްޖެއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ.

“ރާހިލް. ވާހަކައެއް ބުނަންތަ؟” ރާހިލް ގާތު ޖަޒްލާ އަހާލިއެވެ.

“ބުނެބަލަ. ހުއްދަވެސް ހޯދަން ޖެހޭތަ؟” ރާހިލް ސަމާސާ ކޮށްލިއެވެ.

“ހޫނ ދެން ރާހިލް.”

“އާނ އޯކޭ އޯކޭ.” ރާހިލް ހެމުން ހެމުން ބުނެލިއެވެ.

“މިހާރު އަހަންނަށް ވިސްނޭ ބައެއްފަހަރު ވަފާތެރިކަމަކީ ހަމައެކަނި އެކުގައި ހުރުމެއް ނޫންކަން. އަނެކާގެ އުފަލަށްޓަކައި ދުރުގައި ހުރުމަކީވެސް ވަފާތެރިކަމުގެ ސިފައެއްކަން. ރާހިލް އެދުވަހު އަހަރެން ދޫކޮށްލީ ބޭވަފާތެރިކަމުންނެއް ނޫން. އެއީ އިންތިހާ ލޯބިން.” ރާހިލްގެ ކޮނޑުގައި ބޯ އަޅާލަމުން ޖަޒްލާ ބުނެލިއެވެ.

“އެކަމަކު އަހަންނާ ހެދި ޖަޒޫއަށް ވަރަށް އަނިޔާ ލިބުނު ދޯ. އެ ރިހުން ފިލުވައިލެވޭތޯ އަހަރެން އަބަދުވެސް މަސައްކަތް ކުރާނަން.” ރާހިލް ޖަޒްލާގެ އަތުގައި ހިފާލައިގެން އިނދެ ބުނެލިއެވެ.

“ރާހިލް. މިހާރު އެ ނުފިލާހުރި ރިހުން ފިލައިފި. މިއަދު މި ސާބިތުވީ، ހަޤީޤީ ލޯތްބަކީ ކޮންމެފަދަ ތޫފާނެއްގެ ތެރެއިންވެސް ސަލާމަތްވެގެން އަންނާނެ އެއްޗެއްކަން.” ޖަޒްލާ ރާހިލްގެ ގައިގައި ބައްދާލިއެވެ.

އިރުއޮއްސެން ކައިރިވުމުން ދެމަފިރިން އަތުގުޅާލައިގެން ގެއަށް ދާން ހިނގައިގަތްއިރު، އުދަރެހުގައި ކުރެހެމުންދިޔަ ރީތި ކުލަތަކުން ރަމްޒުކޮށްދެނީ އެ ދެމީހުންގެ ޙަޔާތަށް އައި އުފާވެރިކަމެވެ.

(ނިމުނީ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top