ޕާކިސްތާނުގެ މަޝްހޫރު ބަތަލާ ޔުމްނާ ޒައިދީގެ ޑްރާމާ “ދޭކް ޒަރާ ޕިޔާރް ސޭ” މިރޭ ފަށާނެއެވެ.
ޔުމްނާއާއެކު ހަމްޒާ ސޮހައިލް އިސް ރޯލުން ފެނިގެންދާ މި ރޮމޭންޓިކް ކޮމެޑީގެ އިތުރު ތަރިންގެ ތެރޭގައި ބުޝްރާ އަންސާރީ، އަރްޝަދު މަހްމޫދު، ޒައިން ސާޖިދު، ރޮމައިސާ ޚާން، ސަލީމް ޝައިޚް، މުސްތަފާ ރެހްމާން، ރަމޭޝާ ނަވާލް އަދި މޫމިނާ މުނީރް ފަދަ ތަރިން ހިމެނެއެވެ.
މުޅިން އަލަށް އެއް ސްކްރީނަކުން ފެންނަ ޔުމްނާ އާއި ހަމްޒާގެ “ދޭކް ޒަރާ ޕިޔާރް ސޭ” އަކީ ހަމްޒާއަށް އެންމެ ބޮޑު މަޤުބޫލުކަމެއް ލިބުނު ޑްރާމާ “ފެއަރީ ޓޭލް” ގެ ޑައިރެކްޓަރު އަލީ ހަސަން ޑައިރެކްޓްކުރާ ސީރީޒެކެވެ. ސްކްރީންޕްލޭ ލިޔުނީ ސައިމާ އަކްރަމް ޗޯދުރީއެވެ. ޕްރޮޑިއުސްކުރީ މޫމިނާ ދުރައިދުގެ އެމްޑީ ޕްރޮޑަކްޝަންސްއިންނެވެ.
މިރޭ ހަމް ޓީވީއިން ދައްކަން ފަށާ “ދޭކް ޒަރާ ޕިޔާރް ސޭ” ގެ އާ އެޕިސޯޑެއް ގެނެސްދިނުމަށް ނިންމާފައިވަނީ ކޮންމެ ރެއެއްގެ 9:00 ގައެވެ. އަދި ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
