ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އެ އަޑު – ފަސްވަނަ ބައި

އިންސާފުގެ ފެށުން

އަޒީލްގެ ނިމުން ފެށިއްޖެކަން އޭނާއަށް މިހާރު ޔަގީނެވެ. ޒާރާގެ މި ވަރުގަދަ އަޒުމުގެ ކުރިމަތީގައި އަޒީލްގެ އެއްވެސް އުކުޅެއް ދެން ކާމިޔާބެއް ނުވާނެއެވެ. ކަންފަތްދޮށުގައި ގުގުމަމުން އެދާ އަޑަކީ މިހާރު ޒާރާގެ ކާމިޔާބީގެ ރަނގަބީލެވެ.

ޒާރާ ފުރަތަމަވެސް އަވަސްވެގަތީ ކޯޓަށް ގުޅައިގެން އަޒީލްގެ ފުރިހަމަ މަޢުލޫމާތު ސާފުކުރުމަށެވެ. ފޯނުގެ އަނެއްކޮޅުން އިވުނު އަޑާއެކު ޒާރާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އަޒީލްގެ ފުރިހަމަ ނަމަކީ “އަލީ އަޒީލް އާދަމް” ކަން ކަށަވަރުވުމާއެކު، އޭނާ ފޮރުވަން އުޅުނު އެތައް ސިއްރެއްގެ ދޮރު ހުޅުވިގެން ދިޔައެވެ.

ޖެހިގެން އައި ދުވަހުގެ އިރުއޮއްސުނު ވަގުތަކީ އަޒީލްގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ވަގުތެވެ. އޭނާގެ ގޭގެ ދޮރުމައްޗަށް މަޑުކޮށްލި ކާރުތަކުން ފޭބި މީހުން ފެނިފައި، މަގުމަތިން ދިޔަ މީހުންވެސް މަޑުޖެހުނެވެ. ކޯޓުގެ ޖަޖާއި، ހުދު ކޯޓުގައި ތިބި ޑޮކްޓަރުންނާއި ނަރުހުން ފެނުމުން އަޒީލްގެ މޫނުމަތިން ފެނުނީ ބިރުވެރިކަމެވެ. އަޒީލްގެ މުޅި ހަށިގަނޑު ތުރުތުރުލަމުން ދިޔައެވެ. އޭނާގެ ކުރިމަތީގައި އެތިބީ ހަމައެކަނި ގާނޫނީ ބޭފުޅުންނާއި ސިއްހީ މާހިރުންނެއް ނޫނެވެ. އެއީ އޭނާގެ ކަޅު މާޒީގެ ސަފުހާތައް އުކާލަން ތައްޔާރުވެފައި ތިބި މީހުންނެވެ. ޒާރާގެ ތޫނު ނަޒަރު އޭނާއަށް އަމާޒުވެފައި ހުރި ގޮތުން، ހީވަނީ އޭނާގެ ހިތުގެ އެންމެ ފުންމިނުގައިވާ ސިއްރުތައްވެސް ޒާރާއަށް ކިޔައިދެވޭ ހެންނެވެ.

“އަޒީލް، މިގޭގެ އެހީތެރިޔާއަށް ގޮވާ. ބުނޭ ލާރާއާއި ލަޔަލް ގޮވައިގެން ފައިބާށޭ” ޖަޖު ހަރުއަޑަކުން ބުންޏެވެ. އަޒީލް އެ އަމުރަށް ތަބާވެ އަވަހަށް މަރްޔަމްއަށް ގޮވާލިއެވެ.

“މަރްޔަމް، އެދެކުދިން ގޮވައިގެން އާދޭ ތިރިއަށް.” މަރްޔަމް އަވަހަށް އެދެކުދިން ގޮވައިގެން ތިރިއަށް ފޭބިއެވެ. އަދި ޒާރާ ފެނިފައި އޭނާއަށް ޝޮކެއް ލިބުނު ކަހަލައެވެ. “ޒާރާ… ކިހިނެއް؟” އެހިސާބުން މަރްޔަމްގެ ވާހަކަ ނިންމާލިއެވެ. “އަލްޙަމްދު ﷲ ރަނގަޅު. ފަހުން ވާހަކަ ދައްކާނީ. އިހަށް މިކަމައިގެން ކުރިއަށް ދާނީ.” ޒާރާ ބުންޏެވެ.

ނަރުސް ކުއްޖާ ސާމްޕަލް ނެގުމަށް ތައްޔާރުވަމުންދިޔައިރު، އަޒީލްގެ ދަލުން މުޅި މީހާ ތެމި ފޯވެއްޖެއެވެ. ޒާރާ ދުރުގައި ހުރެ ބަލަމުންދިޔައީ ކާމިޔާބީގެ ހިނިތުންވުމަކާއެކުގައެވެ. މިއަދު އެއީ ހަމައެކަނި ޓެސްޓެއް ނޫނެވެ. އެއީ އަޒީލް މިހާ ދުވަސްވަންދެން ހަދަމުން އައި ދޮގުތަކުގެ ފަރުދާ ކިލާވެ، ހަގީގަތް ހާމަވާން ފެށި ވަގުތެވެ.

ސާމްޕަލް ނަގައި ނިމުމާއެކު، ޑޮކްޓަރުން އެ ތަކެތި ރައްކާތެރިކަމާއެކު ފޮށްޓަކަށްލިއެވެ. “މީގެ ނަތީޖާއާއެކު ހުރިހާ ސުވާލެއްގެ ޖަވާބު ލިބޭނެ،” ޖަޖު ވިދާޅުވިއެވެ.

“ކޮންއިރަކު ނަތީޖާ ލިބޭނީ؟” ޒަރާ އަހާލިއެވެ.

“މާދަން އިރާދަކުރެއްވިއްޔާ ޒާރާއަށް މެއިލް ކޮށްލާނަން!” ޖަޖު ވިދާޅުވިއެވެ.

“މަރްޔަމް، ޒާރާ ގޮވައިގެން ދޭ އެތެރެއަށް. މާދަންފެށިގެން މަރްޔަމް އަދި ދެކުދިން އުޅޭނީ އަހަރެންގެ ގޭގަ.” ޒާރާ ބުންޏެވެ. ޒާރާ އެބުނި ގޮތަށް މަރްޔަމް އަވަހަށް މައްޗަށް ދިޔައެވެ. އަދި ޕެކް ކުރަން ފެށިއެވެ.

އަޒީލް އިސްޖަހާލައިގެން ހުރިއިރު، އޭނާގެ ސިކުނޑީގައި އެނބުރެމުންދިޔައީ މީގެ ކުރިން އޭނާ ކުރި ކަންތައްތަކެވެ. ޒާރާއާ ދިމާލަށް ބަލާލަންވެސް އޭނާއަށް މިއަދު ކެރުމެއް ނެތެވެ. ޒާރާގެ ހިތްވަރުގަދަ މަސައްކަތުން، އެންމެ ފަހުން އިންސާފުގެ މަގު ފެންނަން ފަށައިފިއެވެ. އެ އިވޭ އަޑަކީ ހަމައެކަނި ރަނގަބީލެއްގެ އަޑެއް ނޫނެވެ. އެއީ އަނިޔާވެރިކަމުގެ ނިމުމާއި، ހަގީގަތުގެ ފެށުމުގެ އަޑެވެ.

“މިއީ އަދި ފެށުން،” ޒާރާ މަޑުމައިތިރި ނަމަވެސް ސާބިތު އަޑަކުން ބުންޏެވެ. “އަލީ އަޒީލް އާދަމް، އަޒީލް ހީކުރީ ފައިސާއާއި ނުފޫޒުން ހުރިހާ ކަމެއް ފޮރުވޭނެ ކަމަށްތަ؟ މިއަދު މި އިވޭ އަޑަކީ ކަލޭގެ ބާރުގެ ނިމުން އިއުލާނުކުރާ އަޑު.”

ޑޮކްޓަރުން ސާމްޕަލްތައް ހިފައިގެން ދިއުމުން، ޖަޖު އަޒީލާ މުހާތަބު ކުރެއްވިއެވެ.

“ނަތީޖާ ލިބެންދެން އަޒީލް ހުންނަންވާނީ ގޭބަންދުގައި. ފުލުހުން މި ގޭގެ ދޮރުމަތީގައި އެލާޓަށް ތިބޭނެ. އަޒީލް އެއްވެސް ތަނަކަށް ދިއުމަކީ މަނާކަމެއް!”

އަޒީލް އެއްޗެކޭ ބުނަން އުޅެފައިވެސް ދޫ ބަންދުވިއެވެ. އޭނާގެ ދިފާއުގައި ދައްކާނެ އެއްވެސް އުޒުރެއް، ކުރާނެ އެއްވެސް މަކަރެއް މިހާރު ބާކީއެއް ނެތެވެ. ކޯޓުން ހޯދި އޭނާގެ ފުރިހަމަ ނަމާއި، އައިޑީ ކާޑުގެ މަޢުލޫމާތުން އެނގިގެންދިޔައީ އޭނާއަކީ މީގެ ކުރިންވެސް އެކި ރަށްރަށުގައި މިފަދަ އެތައް މަކަރާއި ހީލަތެއް ހިންގާފައިވާ މީހެއްކަމެވެ.

ޒާރާ ގެއިން ނުކުމެގެން ދިޔައީ ފުން ނޭވާއެއްލަމުންނެވެ. އޭނާގެ ކަންފަތުގައި އަދިވެސް ގުގުމަމުން ދަނީ އެ އާދަޔާ ހިލާފު އަޑެވެ. އެއީ އޭނާއަށް ހިތްވަރުދިން، ހަގީގަތް ހޯދަން މަޖުބޫރުކުރުވި އެ ސިއްރުވެރި އަޑެވެ. މިހާރު އެ އަޑު ކުރިއަށްވުރެ ސާފެވެ. އެއީ އިންސާފުގެ އަޑެވެ.

އޭގެ އަނެއް ދުވަހު ޒާރާއަށް ނިދިފައި އޮއްވައި ކުއްލިއަކަށް ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ލެބޯޓްރީންނެވެ.

“ޒާރާ، ޑީ.އެން.އޭ ރިޕޯޓު ތައްޔާރުވެއްޖެ. މީގައި މިވާ ނަތީޖާއަކީ މުޅި މައްސަލަ ބަދަލުކޮށްލާނެ ފަދަ ބޮޑު ހަގީގަތެއް، އިންނާނެ ޒާރާއަށް މެއިލް ކޮށްލާފަ!”

ފޯނުގެ އަނެއްކޮޅުން އިވުނު ވާހަކައިން ޒާރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާ ހީކުރި ވަރަށްވުރެ މި ކަންތައް މާ ބޮޑެވެ. އަޒީލްގެ ނިމުން ހަމައެކަނި ޖަލު ގޮޅިއަކުން ނިމޭކަށް ނެތެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top