ޝާޔާ މަޖަލަކަށް އޭގައި އެއްޗެއް ލިޔެލަން އުޅުނެވެ. އެކަމަކު އޭނާއަށް ފާހަގަވީ އޭގެ ބައެއް އަކުރު ޖެހެނީ ވަރަށް ތަފާތު ގޮތަކަށް ކަމެވެ. ކުއްލިއަކަށް ޝާޔާގެ ހަނދާނަށް އައި ކަމަކުން އޭނާއަށް ވަރުގަދަ ސިހުމެއް ލިބިއްޖެއެވެ. އޭނާގެ ހަނދާނަށް އައީ ތަހުޤީޤުގެ ތެރޭގައި ފެނުނު ސިޓީއެކެވެ. އެއީ ރިޝްފާ މަރުވުމުގެ ކުރިން ލިޔެފައިވާކަމަށް ބުނާ ވަދާޢީ “އީ” ސިޓީއެކެވެ. ފުލުހުން ބުނެފައިވަނީ އެ ސިޓީ ލިޔެފައިވަނީ ވަރަށް ތަފާތު ޓައިޕްރައިޓަރަކުން ކަމަށެވެ. އެ ޓައިޕްރައިޓަރުގެ އަކުރު ހުންނަނީ ކުޑަކޮށް މައްޗަށް އަރާފައެވެ.
ޝާޔާ މަޑުމަޑުން އެ ޓައިޕްރައިޓަރުގެ “އީ” އަކުރަށް ފިތާލިއެވެ. އެއީ ހަމަ އެ އަކުރެވެ. ހަމަ އެ ކުށެވެ.
ޝާޔާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އޭނާ އިތުރަށް ހޯދަން ފެށިއެވެ. މޭޒުގެ ވަތްގަނޑެއްގެ އެންމެ އަޑީގައި އޮތް ސިއްރު ފައިލެއް ފެނުނެވެ. އޭގައި އޮތީ ރިޝްފާގެ ބޭންކް އެކައުންޓްތަކުގެ މަޢުލޫމާތާއި އަމްރުގެ ނަމަށް ހުރިހާ މުދަލެއް ބަދަލުކޮށްފައިވާ ލިޔުމެކެވެ. އެ ލިޔުމުގެ ތާރީޚަކީ ރިޝްފާ މަރުވި ދުވަހުގެ ކުރީ ދުވަހެވެ.
“މިއީ ކިހިނެއް ވާނެ ކަމެއް؟” ޝާޔާ އަމިއްލަ ނަފްސާ ސުވާލުކުރިއެވެ.
އެވަގުތު ޝާޔާއަށް ފެނުނީ އަމްރުގެ ޑައިރީއެވެ. އޭނާ އަވަސް އަވަހަށް ޑައިރީ ހުޅުވާލިއެވެ. އަދި މަތިމަތިން ކިޔަމުން ގަނޑުތައް އަވަސްއަވަހަށް އުކަމުން ދިޔައެވެ.
“މިއަދު އަހަރެން ރިޝްފާއަށް ދަސްކޮށްދިނީ ފިލާވަޅެއް. އޭނާ ހީކުރީ އަހަންނަކީ އޭނަގެ ފައިސާގެ އަޅެއްކަމަށް. އެކަމަކު އޭނައަށް ނޭނގުނީ އަހަރެންގެ ގަލަމަށްވުރެ އަހަރެންގެ ރޭވުންތެރިކަން މާ މޮޅުވާނެކަން.” ޑައިރީގެ އެންމެ ފަހު ސޮފުހާގައި ލިޔެފައިވެއެވެ.
ޝާޔާގެ ފައިން ފެށިގެން މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. އޭނާ ހޯދި ހުރިހާ ހެއްކެއް މިހާރު ދެކޮޅު ޖެހެން ފެށިއެވެ. އަމްރުއަކީ ކަނާތްތެރިއަކަށް ވިޔަސް އޭނާއަކީ ކުޅަދާނަ އެކްޓަރެކެވެ. އޭނާ ވަނީ ފުލުހުންނަށާއި ކޯޓަށް އޮޅުވާލުމަށްޓަކައި ވާތުން ވަޅި ބޭނުންކޮށްފައެވެ. އޭނާ ވަނީ އޭނާގެ ލިޔުންތެރިކަމުގެ ހުނަރު ބޭނުންކޮށްގެން ފުރިހަމަ ސްކްރިޕްޓެއް ތައްޔާރުކޮށްފައެވެ. އަދި އެ ސްކްރިޕްޓްގައި އެންމެ މުހިންމު ރޯލެއް ކުޅުނީ ޚުދު ޝާޔާއެވެ.
ކުއްލިއަކަށް ފަހަތުން ދޮރު ހުޅުވުނު އަޑު އިވުނެވެ. ޝާޔާ ސިހިފައި ބަލާލިއިރު ދޮރުމަތީގައި ހުރީ އަމްރުއެވެ. އޭނާގެ މޫނުމަތީގައި ވަނީ މީގެ ކުރިން ޝާޔާ ނުދެކޭ ކަހަލަ ބިރުވެރި ހިނިތުންވުމެކެވެ.
“ޝާޔާ ކީއްވެ ތިހާ ވަރަށް ކަންކަން ހޯދަނީ؟ ބައެއްފަހަރު ހަޤީޤަތް ނޭނގި އޮތުން މާ ރަނގަޅުވާނެ.” އަމްރު މަޑުމަޑުން ބުނެލިއެވެ. ނަމަވެސް އޭނާގެ އަޑުގައި ކުރިން ހުންނަ މަޑުމައިތިރިކަމާއި ލޯތްބެއް ނެތެވެ.
“އަމްރު. ރިޝްފާ މަރާލީ ކަލޭ. ކަލޭ މިނިވަން ވާންވެގެން އަހަރެންގެ ލޯތްބާއި އަހަރެންގެ ހުނަރުގެ ނާޖާއިޒު ފައިދާ ނެގީ.” ޝާޔާ ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ.
“އާނ. އަހަރެން ރިޝްފާ މަރާލީ. ރިޝްފާއަކީ އަހަރެންގެ ކުރިއެރުމަށް ހުރި ހުރަހެއް. އޭނަގެ މުއްސަނދިކަމާއި އޭނާގެ އާއިލީ ނުފޫޒަކީ އަހަރެން ބޭނުންވި އެއްޗެއް. އެކަމަކު އޭނާ ބޭނުންވީ އަހަރެން ކޮންޓްރޯލް ކުރަން. އޭނަ މަރާލުމަކީ އަހަރެން ކުރި އެންމެ ފުރިހަމަ މަސައްކަތް. އަދި ކަލޭ ވީ އެ މަސައްކަތުގެ އެންމެ ފަހު ފިޔަވަޅަށް. ކަލޭގެ މައުސޫމްކަމާއި ތޫނުފިލިކަމުން އަހަރެން ސަލާމަތްކޮށްދިނީ. އަދި އަހަންނަށް ކަލޭދެކެ ލޯބިވެސް ވެވުނީ.” އަމްރު ވާހަކަދެއްކިއެވެ.
“އަހަރެން ކަލެއަށް އިތުބާރު ކުރިން. އަހަރެން ކަލޭގެ ދިފާއުގައި މުޅި ދުނިޔެއާ ހަނގުރާމަ ކުރިން. އެކަމަކު..” ޝާޔާގެ ލޮލުން ކަރުނަ ފޭދުނެވެ. ރުޅިއާއި ހިތާމައިންނެވެ. އޭނާއަށް އަމިއްލަ ނަފްސުދެކެ ފޫހިވެވުނެވެ. އޭނާއަށް ސަލާމަތްކުރެވުނީ މައުސޫމް އިންސާނެއް ނޫނެވެ. ލޭބޯ ވަލު ޖަނަވާރެކެވެ.
“އަދިވެސް ޝާޔާއަށް އަހަރެންގެ ދިފާއުގައި ހުރެވޭނެ. މި ހުރިހާ އެއްޗެއް އަންދާލާ. އަހަރެމެން އާ ދިރިއުޅުމެއް ފަށާނީ.” އަމްރު ޝާޔާގެ ކޯތާފަތުގައި ހިފަހައްޓާލަން އުޅުނެވެ. ނަމަވެސް ޝާޔާ ރުޅިވެރިކަމާއެކު އޭނާގެ އަތް ފޮޅުވާލިއެވެ.
“ހަނދާން ނައްތާލާ. އަހަރެން ކަލޭ އިންސާފުގެ ކުރިމައްޗަށް ގެންދާނަން. އަހަރެން ހެދި ގޯސް އަހަރެން ރަނގަޅު ކުރާނަން.” ޝާޔާ ވަރަށް ސާބިތުކަމާއެކު ބުންޏެވެ. ޝާޔާގެ ޖަވާބުން އަމްރުގެ މޫނުމަތީގައިވި ލޯބި ފިލައިގެން ގޮސް ރުޅިވެރިކަމަށް ބަދަލުވެއްޖެއެވެ.
“އެހެންވީމަ ޝާޔާވެސް ބޭނުންވަނީ ރިޝްފާ ދިޔަތަނަށް ދާންތާ.” ރުޅިވެރިކަމާއެކު އަމްރު ބުންޏެވެ.
އަމްރު ޖީބުން ނެގީ ވަޅިއެކެވެ. އެއީ އޭނާ ރިޝްފާ މަރާލަން ބޭނުންކުރި ކަހަލަ ވަޅިއެކެވެ. އޭނާ ޝާޔާއާ ދިމާލަށް ދާން ފެށިއެވެ.
ޝާޔާ ބާރަށް ހަޅޭއްލަވައިގަތެވެ. އޭނާ ފަހަތަށް ޖެހެމުން ދިޔައެވެ. އޭނާ މަތަވީ މޭޒުގައި ޖެހިފައެވެ. އަމްރުވެސް އޭނައާ ދާދި ގާތަށް އައިސް ހުއްޓި ނުބައި ވައްތަރަކަށް ހީނލިއެވެ.
“ކިތަންމެ ވަރަކަށް ސަލާމަތްވާން އުޅުނަސް މިރޭ ކަލޭ ސަލާމަތް ކުރާކަށް އެކަކުވެސް ނާންނާނެ. އަހަރެންގެ މަގަށް ހުރަސް އަޅާ ކޮންމެ މީހަކަށް އޮތީ އެންމެ ގޮތެއް. އެއީ މަރުވުން.”
އަމްރު ޝާޔާގެ ކަރުގައި ހިފަން އަތް ދިއްކޮށްލި ވަގުތަކީ މޭޒުމަތީ ހުރި ދަގަނޑު މާޖަހާ ވަށި ޝާޔާގެ އަތުގައި ޖެހުނު ވަގުތެވެ. އެންމެ ސިކުންތެއްވެސް ނަގައިނުލައި ގައިގައި ހުރި ބާރެއް ލާފައި ޝާޔާ އެ މާވަށިން އަމްރުގެ ބޮލުގައި ޖެހިއެވެ. އަމްރު އަރިއަޅާލައިގެން ބިންމައްޗަށް ވެއްޓުނެވެ.
ޝާޔާ ވަގުތުން ދޮރު ހުޅުވާލާފައި ބޭރަށް ދުއްވައިގަތެވެ. ހުރިހާ ލިޔުންތަކެއް ހުރި ފައިލާއި އަމްރުގެ ޑައިރީ ހިފައިގެންނެވެ. ބޯކޮށް ވެހެމުންދިޔަ ވާރެއަށް ބެލުމެއްނެތި އޭނާ ދުވަމުން ގޮސް އޭނާގެ ކާރަށް އަރައި ބާރު ދުވެލީގައި ކާރު ދުއްވާލިއެވެ. އޭނާގެ މަންޒިލަކީ ފުލުހުންގެ މައި މަރުކަޒެވެ.
ފުލުސް އޮފީހަށް ވަދެ ޝާޔާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އޭނާ އަތުގައި ހުރި ހެކިތަކާއި އެ ޓައިޕްރައިޓަރުގެ ވާހަކަވެސްމެއެވެ. ފުލުހުން ވަގުތުން އަމްރުގެ ގެއަށް ދިޔައެވެ. ނަމަވެސް އެމީހުން ދިޔައިރު އަމްރު އެތާކު ނެތެވެ. އޭނާ ފިލައިފިއެވެ.
ޖެހިގެން އައި ދުވަހު ރާއްޖޭގެ ހުރިހާ ނޫސްތަކާއެކު ޚަބަރުތަކުގައި އޮތީ އަމްރު ހޯދުމަށް އިއުލާންކޮށްފައިވާ ވާހަކައެވެ. ޝާޔާގެ ވަކީލުކަމުގެ ލައިސަންސް ވަގުތީގޮތުން ހިފެހެއްޓުނެވެ. އޭނާގެ ކެރިއަރު ވަނީ ނުރައްކަލުގެ ތެރޭގައެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އޭނާ ކަންބޮޑުވަނީ އަމްރު އޭނާގެ ފަހަތުން އަތުވެދާނެތީއެވެ.
ޝާޔާ ހުރީ އޭނާގެ އެޕާޓްމަންޓުގައެވެ. ކުއްލިއަކަށް ފޯނު ރިންގުވާން ފެށިއެވެ. ނުދަންނަ ނަންބަރެކެވެ.
“ޝާޔާ. ކަލޭ ހީކުރީ ކަލެއަށް އިންސާފު ހޯދޭނެ ކަމަށްތަ؟ މި ގޭމް އަދި ނުނިމޭ. އަހަރެން މިހިރީ ވަރަށް ގާތުގައި.” އަމްރުގެ އަޑު ޖެހުމާއެކުވެސް ޝާޔާގެ ހިތް ބާރަށް ތެޅެން ފެށިއެވެ.
ޝާޔާ ކުޑަދޮރުން ބޭރު ބަލާލިއެވެ. މަގުގެ އަނެއް ފަރާތުގައި ހުރި ހަނި ގޯޅިގަނޑެއްގެ ތެރޭގައި ކަޅު ކޯޓެއް ލައިގެން ހުރި މީހަކު ފެނުނެވެ. އެއީ އަމްރުއެވެ. އޭނާ ހުރީ ޝާޔާގެ ކުޑަދޮރަށް ބަލަހައްޓައިގެންނެވެ.
ޝާޔާ ވަގުތުން ފުލުހުންނަށް ގުޅިއެވެ. ނަމަވެސް ފުލުހުން އަންނަންވާއިރަށް އަމްރު އެތަނުން ފިލައިފިއެވެ. ޝާޔާއަށް އެނގުނު ކަމަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުވެއްޖެކަމެވެ. އޭނާގެ ކުރިމަތީގައި އޮތީ ބިރުވެރި މުސްތަޤުބަލެކެވެ.
ހަފުތާއެއް ފާއިތުވެގެން ދިޔައެވެ. ޝާޔާ ދިރިއުޅެމުން ދިޔައީ ފުލުހުންގެ ހިމާޔަތުގެ ދަށުގައެވެ. ނަމަވެސް އަމްރުއަކީ އާދައިގެ މީހެއް ނޫނެވެ. އޭނާގެ ނުފޫޒާއި ފައިސާ ބޭނުންކޮށްގެން އޭނާ ދިޔައީ ޝާޔާގެ ކޮންމެ ހަރަކާތަކަށް ފާރަލަމުންނެވެ.
އެއްރެޔަކު ޝާޔާ ނިދާފައި އޮއްވައި ކޮޓަރީގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔަ އަޑަށް ސިހިފައި ހޭލެވުނެވެ. އޭރު އަމްރު ހުރީ އޭނާގެ އެނދުގެ ފައިލާކޮޅުގައެވެ. އޭނާގެ އަތުގައި ތޫނު ވަޅިއެއް އޮތެވެ. ވަގުތުން އޭނާގެ ނިދިވެސް މުޅިން ފިލައިފިއެވެ.
“ޝާޔާ. މިރޭ މީ ކަލޭގެ ފަހު ރޭ. ކަލޭ އަހަރެން ބޭޒާރުކުރީ. އަހަރެންގެ ހުރިހާ ރޭވުމެއް ފުނޑުފުނޑުކޮށްލީ. އެހެންވީމަ މިހާރު ކަލޭ މިދުނިޔޭގައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތް.” އަމްރުގެ އަޑުގައި ހުރީ ނުރައްކާތެރިކަމެވެ.
ޝާޔާ ފުންމައިގެން ތެދުވެ އެނދުން ފޭބިއެވެ. ހިތުގައި ބިރުވެރިކަން އޮތް ނަމަވެސް އޭނާ ވަރަށް ހިތްވަރާއެކު އަމްރުއާ ކުރިމަތިލިއެވެ.
“އަމްރު. ކަލެއަކަށް ސަލާމަތެއް ނުވެވޭނެ. މިހާރުވެސް ފުލުހުން ތިރީގައި ތިބޭނެ.” ޝާޔާ އިންޒާރެއް ދިނެވެ.
“ހަހަހަ. ހަމަ ތިބުނާ ފުލުހުން ތިއްބައެއްނު އަހަރެން މިތަނަށް މި ވަނީވެސް. ކަމެއް ކުރެވުނުތަ؟ ކޮންމެ ގޮތެއް ވިޔަސް މިރޭ މީ ކަލޭގެ ފަހު ރޭ. އެމީހުންނަށް މިތަނަށް އާދެވޭނީ އަހަރެން މަސައްކަތް ނިންމާލާ ފަހުން.” ނުލަފާ ހިނިގަނޑެއް ޖަހާލާފައި އަމްރު ބުނެލިއެވެ.
އަމްރު ޝާޔާއާ ގާތަށް ފުންމައިގަތެވެ. ނަމަވެސް ޝާޔާ އަމްރުގެ އަތްދަށުން ސަލާމަތްވެގެން އެއްފަރާތަކަށް ޖެހުނެވެ. އަމްރު ދެވަނަ ފަހަރަށް ޝާޔާއާ ދިމާކޮށްލީ ކޮޓަރީގެ ދޮރު ހުޅުވަން ދޮރާއި ދިމާލަށް ދިޔަ ވަގުތުއެވެ. ޝާޔާގެ އަތުގައި ހިފައި ދަމައިގަނެ ބިންމައްޗަށް ވައްޓާލިއެވެ. ޝާޔާވެސް އަމިއްލަ ދިފާއުގައި މަސައްކަތްކުރަމުން ދިޔައެވެ. ލިބުނު ހަނި ފުރުސަތެއްގައި އޭނާ އަމްރުގެ އަތުގައި އޮތް ވަޅި ދުރަށް ވިއްސާލިއެވެ. ދެމީހުންގެ މެދުގައި ހިނގި ތަޅާފޮޅުމުގައި އަމްރުގެ އަތުގައި އަނެއްކާވެސް ވަޅި ޖެހުނެވެ. ވަޅި އެއް އަތަށް ނެގުމަށްފަހު އަމްރުގެ އަނެއް އަތުން ޝާޔާގެ ކަރުގައި ހިފައި ބާރުކޮށްލިއެވެ.
އެވަގުތު ކޮޓަރީގެ ދޮރު ވައްޓާލާފައި ފުލުހުން އެތެރެއަށް ވަނެވެ. އަމްރުއަށް ހުއްޓުން އެރިއެވެ. ނަމަވެސް ވަރަށް އަވަހަށް ޝާޔާ ކޮޅަށް ނެގުމަށްފަހު ޝާޔާގެ ކަރުގައި ވަޅި ޖައްސައި، އައްޑަނައެއްގެ ގޮތުގައި ޝާޔާ ބޭނުންކުރަން ފެށިއެވެ.
“ފަހަތަށް ޖެހޭ! ނޫނީ އަހަރެން ޝާޔާގެ ކަރު ބުރިކޮށްލާނަން!” އަމްރު ހަޅޭއްލަވައިގަތެވެ.
“އަމްރު. ވަޅި ތިރިކުރޭ. ކަލެއަކަށް ސަލާމަތެއް ނުވެވޭނެ. މުޅި އިމާރާތް އޮތީ ބަންދުކޮށްފައި.” ފުލުސް އޮފިސަރު އަހްސަން ވަރަށް ހުޝިޔާރުކަމާއެކު އަމްރުއާ ވާހަކަދައްކަން ފެށިއެވެ.
ޝާޔާގެ ލޮލުގައި އަޅައިގަތީ އޭނާގެ ކަރުގައި ވަޅި ޖައްސައިގެން ހުރި އަމްރުގެ އަތް ތުރުތުރުއަޅާ މަންޒަރެވެ. އޭނާ ބިރުގެންފައިވާކަން ޝާޔާއަށް އެނގުނެވެ. ދަނޑިވަޅު ބަލާފައި އަވަސް ހަރަކާތަކާއެކު ޝާޔާ ފައިގައި ހުރި ބާރެއް ލާފައި އަމްރުގެ ފައިމަތީ ޖެހިއެވެ. ތަދުވިލެއް ބޮޑުކަމުން އަމްރުގެ އަތުން ޝާޔާ ދޫވިއެވެ. ޝާޔާ ދުރަށް ޖެހުނު ވަގުތު ފުލުހުން އަމްރު ބަންދުކޮށްގެން ގެންދިޔައެވެ.
މަސްތަކެއް ފާއިތުވެގެން ދިޔައެވެ. އަމްރުގެ މައްޗަށް ރިޝްފާ މަރާލިކަމުގެ ކުށް ސާބިތުވެ، އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައެވެ. އޭނާ މިހާރު އޮތީ މާފުށީ ޖަލުގައެވެ. މިފަހަރު އޭނާގެ ދިފާއުގައި ހުންނާނެ ހަމަ އެކަކުވެސް ނެތެވެ. އޭނާގެ ގަލަމުގެ ބާރު ވަނީ ކެނޑިފައެވެ. އަދި އޭނާގެ ވާހަކަ ނިމުނީ އޭނާ އަމިއްލައަށް ލިޔުނު ނިމުމަށްވުރެ މާ ބިރުވެރިކޮށެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ޝާޔާއަށް ދަސްވީ ވަރަށް ބޮޑު ފިލާވަޅެކެވެ. ލޯތްބަކީ ބައެއްފަހަރު އިންސާނާގެ ލޯ ކަނުކޮށްލާ އެއްޗެއްކަމެވެ. އަދި ހަޤީޤަތަކީ ކިތަންމެ ފުންކޮށް ވަޅުލިޔަސް އަބަދަށް ފޮރުވިފައި އޮންނާނެ އެއްޗެއް ނޫންކަމެވެ. ބޭރުފުށުން ފެންނަ މޫނުތަކުގެ ފަހަތުގައި ބިރުވެރި ސޫރަތަކެއް ފޮރުވިފައި ހުރެދާނެކަމެވެ.
އެއްދުވަހަކު ޝާޔާ މާލޭގެ އަތިރިމަތީގައި ހިނގާލަން ނުކުމެ އުޅެނިކޮށް، އޭނާއަށް އިލްޔާސް އިބްރާހީމްއާ ބައްދަލުވިއެވެ.
“ޝާޔާ. އަހަރެން ކަލޭ ކުރި މަސައްކަތާމެދު ވަރަށް ފަޚުރުވެރިވަން. ކަލެއަށް ހަޤީޤަތް އެނގުނުއިރަށް، ކަލޭގެ ކެރިއަރަށްވުރެ ބޮޑަށް އިންސާފު އިސްކުރީތީ.” އިލްޔާސް ބުނެލިއެވެ.
“ޝުކުރިއްޔާ. އަޅުގަނޑަށް މި މައްސަލައާ ގުޅިގެން ވަރަށް ގިނަ ފިލާވަޅުތަކެއް ދަސްވެއްޖެ.” ޝާޔާ ބުނެލިއެވެ. އިލްޔާސް އެދުވަހު ޝާޔާއާ ވަކިވީ ވަރަށް ހިތްވަރުދީ ކާމިޔާބަށް އެދިފައެވެ.
އުދަރެހުން އިރު އޮއްސެމުން ދިޔައީ ރަންކުލަޔާ ރީތި ކުލަވަރުތަކާއެކުގައެވެ. ޝާޔާގެ ހިތުގައި މިހާރު ބިރުވެރިކަމެއް ނެތެވެ. އޭނާއަށް އެނގެނީ ކޮންމެ އަނދިރި ރެޔަކަށްފަހު، އަލިގަދަ ދުވަހަކަށް އިރު އަރާނެކަމެވެ. އަމްރުގެ ސަބަބުން ހިތް ކުދިކުދިވެފައި ވިޔަސް، ފޮރުވިފައިވާ ހަޤީޤަތް ބޭޒާރުވެ، ރިޝްފާއަށް އިންސާފު ހޯދައިދެވުނީތީ އޭނާއަށް ލިބިފައިވަނީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ.
(ނިމުނީ)
ނޯޓް: މިއީ ހިންދީ ފިލްމު “ކުސޫރް” ގެ ވާހަކަ އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ.
