މާލޭގެ އުސް އިމާރާތެއްގެ އެންމެ މަތީ ފަންގިފިލާގައި ހުރި ޕެންޓްހައުސްގެ ބެލްކަނީގައި ޒައިދު ހުރީ އުފަލުން ފޮޅިފައެވެ. މިއަދަކީ އޭނާގެ ޙަޔާތުގެ އެންމެ އުފާވެރި އެއް ދުވަހެވެ. އޭނާގެ ކުޑަކުޑަ ދަރިފުޅު ޒަލަފްގެ ފަސްވަނަ އުފަންދުވަހެވެ. މުޅި ގެ ވަނީ ކުލަކުލައިގެ ފުއްޕާހަންތަކުންނާއި ޒީނަތްތެރިކުރުންތަކުން ފުރާލާފައެވެ.
ޒައިދަކީ މާލޭގެ ނަން މަޝްހޫރު ވިޔަފާރިވެރިއެކެވެ. އޭނާގެ ކާމިޔާބީގެ ފަހަތުގައިވަނީ އޭނާގެ ހީވާގިކަމަށްވުރެ ބޮޑަށް އޭނާގެ އަނބިމީހާ މާހީގެ ޤުރުބާނީއެވެ. މީގެ ހަ އަހަރު ކުރިން ޒައިދާއި މާހީ ކައިވެނީގެ ގޮށް ޖެހީ ދެ އާއިލާގެ ނުރުހުމުގައެވެ. މާހީއަކީ މުއްސަނދި އާއިލާއެއްގެ ކުއްޖަކަށް ވެފައި ޒައިދަކީ އެދުވަސްވަރު އާދައިގެ ވަޒީފާއެއް އަދާކުރަމުން ދިޔަ ޒުވާނަކަށް ވުމުން މާހީގެ ބައްޕަ އިސްމާޢީލް އެ ކައިވެންޏާއި ވަރަށް ބޮޑަށް ދެކޮޅު ހެދިއެވެ. ނަމަވެސް ލޯތްބަށްޓަކައި މާހީ އޭނާގެ ހުރިހާ މުއްސަނދިކަމެއް ދޫކޮށް ޒައިދާއެކު އާދައިގެ ދިރިއުޅުމެއް ފެށިއެވެ.
“ޒައިދު. ހުރިހާ ކަމެއް ތައްޔާރުތަ؟” މާހީ ކޮޓަރިން ނުކުމެ ޒައިދާ ސުވާލުކުރިއެވެ. މާހީ ފެންނަލެއް ވަރަށް ފުރިހަމައެވެ. އޭނާގެ މޫނުމަތިން ފެންނަނީ މައުސޫމް ހިނިތުންވުމެކެވެ.
“އާނ މާހީ. ހުރިހާ ކަމެއް ނިމިއްޖެ. މިއަދު އަހަރެމެންގެ ޒަލަފް ވަރަށް އުފާވާނެ.” ޒައިދު މާހީގެ އަތުގައި ހިފާލަމުން ބުންޏެވެ.
ނަމަވެސް މި އުފާވެރިކަމުގެ ފަހަތުގައި ކަޅު ވިލާގަނޑެއް ފޮރުވިފައިވާކަމެއް އެކަކަށްވެސް ނޭނގެއެވެ. ޒައިދުގެ ކާމިޔާބީއާއެކު އޭނާގެ ހިތުގައި ބޮޑާކަމާއި ކިބުރުވެރިކަން ވަނީ އުފެދިފައެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި މިއަދު އޭނާ ހުރި މަޤާމަކީ ހަމައެކަނި އޭނާގެ އަމިއްލަ މިންނެތް މަސައްކަތެވެ. މާހީގެ އެހީތެރިކަމާއި ޤުރުބާނީ އޭނާ ހަނދާން ނައްތާލަން ފަށައިފިއެވެ.
ޒަލަފްގެ އުފަންދުވަހުގެ ޕާޓީގެ ތެރެއިން މާހީގެ ބައްޕަ އިސްމާޢީލް ފެނުމުން ޒައިދުގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އިސްމާޢީލް އައީ އޭނާގެ ކާފަ ދަރިފުޅަށް ހަދިޔާއެއް ހިފައިގެންނެވެ.
“ކީއްކުރަން މިތަނަށް ތިއައީ؟” ޒައިދު ހަރުކަށިކޮށް އެހިއެވެ.
“އަހަރެންގެ ދަރިފުޅަކަށް ކަލޭގެ އެއްވެސް އެއްޗެއް ބޭނުމެއް ނުވާނެ. މިއަދު އަހަރެން އަތުގައި އަހަރެންގެ ދަރިފުޅަށް ބޭނުންވާނެ ހުރިހާ އެއްޗެއް އެބަހުރި.” ހަމަ އެ ރާގުގައި ޒައިދު ބުންޏެވެ.
“ޒައިދު. ހަމަޖެހިބަލަ. މިއީ އުފަންދުވަހުގެ އުފާވެރި ހަފުލާއެއް. މިކަހަލަ ވަގުތަކު ތިހެން ވާހަކަ ނުދައްކަބަލަ. ޕްލީޒް. އެންމެން އެތިބަ ބަލަނީއޭ.” މާހީ ޒައިދުގެ އަތުގައި ހިފާލާފައި މަޑުމަޑުން ބުނެލިއެވެ.
“ހެވޭ ބެލިޔަކަސް. ނިކުމޭ މިގެއިން. މީގެ ފަހުން މި ގެ ފެންނަ ހިސާބަށްވެސް އައިސްގެން ނުވާނެ.” ޒައިދު އެންމެންގެ ކުރިމަތީގައި އިސްމާޢީލަށް އެތިވަރު ގޮވާލާފައި ގެއިން ނެރުނެވެ.
މާހީގެ ހިތް ކުދިކުދިވިއެވެ. ކޮންމެ ގޮތަކަށް ކަންތައް ވެފައި އޮތްނަމަވެސް އެއީ އޭނާގެ ބައްޕައެވެ. އޭނާ އަދިވެސް އެ ބައްޕަދެކެ އިންތިހާއަށް ލޯބިވެއެވެ. އެ ބައްޕައާ ދޭތެރޭ އެއްވެސް މީހަކު އިހާނެތިކޮށް ކަންތައް ކުރުމަކީ އޭނައަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ.
“ޒައިދު. މިއަދު ކަންތައް ތި ކުރީކީ ރަނގަޅަކަށް ނޫން. އެ ހުރިހާ ކުދިންނާ މީހުންގެ ތެރޭގައި..” މާހީ ކުޑަކޮށް ހިތްހަމަނުޖެހިފައި ބުންޏެވެ.
“ކަލޭގެ ބައްޕަ ހީކުރަނީ އަދިވެސް އަހަންނަކީ އެ ނިކަމެތި މީހާ ކަމަށްތަ؟ ބަލާބަލަ މި ގެއަށް. މިއީ އަހަރެންގެ ހާދަ ބުރަ މަސައްކަތޭ.” ޒައިދު ހަޅޭއްލަވައިގަތެވެ. އަދިވެސް އޭނާގެ ރުޅި މަޑެއް ނުވެއެވެ.
“ޒައިދު. އަހަންނަށްވެސް އެނގެޔޭ ބައްޕަ އޭރު ކަންތައް ކުރީ ރަނގަޅަކަށް ނޫންކަން. އެކަމަކުވެސް ބައްޕަ ވާނީ ބައްޕައަށް. އެ ގުޅުމެއް ނުކެނޑޭނެ. ޒައިދުގެ ބައްޕަމެންވެސް އޭރު ހަމަ އެގޮތަށް ނުރުހުނެއްނު.” މާހީ ޒައިދުގެ ރުޅި މައިތިރިކުރެވޭތޯ މަސައްކަތް ކުރިއެވެ.
“މިހާރު ކަލޭވެސް ބައްޕަގެ ދިފާއުގައި ވާހަކަ ދައްކަން ފެށީ ދޯ. ތިހާވަރު ވަންޏާ ދާންވީނު ލޯބިވާ ބައްޕާފުޅު އަރިހަށް.” ޒައިދު ބުންޏެވެ.
“ޒައިދު. އަހަރެން އެއްވެސް މީހެއްގެ ދިފާއުގައި ވާހަކައެއް ނުދައްކަން. އެކަމަކު މިހާރު ޒައިދުގެ ކިބައިން ކުރިން ނުފެންނަ ސިފަތައް އެބަ ފެނޭ. ތިހާ ބޮޑާވާކަށް ނުވާނެ. ފައިސާއަކީ ހުރިހާ އެއްޗެއް ނޫން. މިއަދު މި ހިސާބަށް ތި އާދެވުނީ އަހަރެމެން ދެމީހުން އެކުގައި ކުރި މަސައްކަތުން.” މާހީ ޒައިދަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.
ނަމަވެސް މާހީގެ ކޮންމެ ވާހަކައަކުން ޒައިދުގެ ރުޅި ދިޔައީ ގަދަވަމުންނެވެ. އެންމެ ފަހުން ގޮސް އޭނާގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ.
“ކަލޭވެސް މާ މާތް މީހަކަށް ވާނެކަމެއް ނެތް. ކަލޭ އޮފީހުގައި ކަލޭގެ ބޮސް މަޖީދާ ދެމީހުން ތި ގަންނަ ގަނޑުވެސް އަހަންނަށް އެނގެޔޭ. ދެމީހުން އެކަނިމާއެކަނި ތުންގުޅުވައިގެން ތިބެ..”
“ޒައިދޫ..” އަތްދަމާފައި ޒައިދުގެ މޫނުމަތީގައި މާހީ ޖެހިއެވެ.
“އަހަރެން ހިޔެއްނުކުރަން ތީ ތިހާ ގޮތްކުޑަ މީހެއް ކަމަކަށް. އަހަރެން ކަލޭދެކެ ވާލޯބިން މި ވީހާ ދުވަހު ވީ ޤުރުބާނީގެ އަގު ތިގޮތަށް ދޭނެ ކަމަކަށް އަހަރެން ހިޔެއްނުކުރަން.” އައި ރުޅިއާއެކު މާހީއަށް ރޮވިއްޖެއެވެ.
ޒައިދު ހުރީ ހަމައިން ނައްޓާފައެވެ. އޭނާއަށް ކިޔޭނުކިޔޭ އެއްޗެއް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގެއެވެ. އަދި އަމުދުން މާހީ އޭނާގެ ގައިގައި ޖެހުން އެއީ އޭނާއަށް އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
“ހަމަ މިހާރު މިގެއިން ނުކުމޭ!” ރުޅިވެރިކަމާއެކު އެހެން ބުނުމާއެކުހެން މާހީގެ އަތުގައި ހިފައި ދަމާފައި ގެންގޮސް ގެއިން ބޭރަށް ކޮއްޕާލިއެވެ.
“ޒައިދު. މަޑުކުރޭ. އަހަރެންގެ ދަރިފުޅު.” މާހީ އާދޭސް ކުރިއެވެ.
“ޒަލަފްގެ މަންމައަކީ ކަލޭ ކަހަލަ އަންހެނަކަށް ވާކަށް އަހަރެން ބޭނުމެއް ނޫން. ދެން މި ދަރިފުޅާ ބައްދަލުކުރަން މިގެއަށް ނާންނާތި. ކަލޭ ބަފާ ކައިރިއަށް ދާންއުޅޭ!” އެހެން ބުނުމަށްފަހު ދޮރު ބާރަށް ލެއްޕިއެވެ.
ކުޑަކުޑަކޮށް ދޮރު ހުޅުވާލައިގެން ހުރިހާ މަންޒަރެއް ބަލަން ހުރި ޒަލަފް ހުރީ ބިރުންނެވެ. ބައްޕަގެ ރުޅިވެރިކަން ފުރަތަމަ ފަހަރަށް އެފަދަ ގޮތަކަށް ފެނުން އެ ކުޑަކުޑަ ހިތަށް ބުނަން ނޭނގޭ އަސަރުތަކެއް ކުރުވައިފިއެވެ. އެ ކުޑަކުޑަ ހިތަށް ނޭނގުނު ނަމަވެސް އެރޭ އޭނާގެ ދުނިޔެ ބަދަލުވެއްޖެއެވެ.
ދުވަސްތައް މަސްތަކަށް ބަދަލުވަމުން ދިޔައެވެ. ޒަލަފްގެ މުޅި ދިރިއުޅުން ފަޅުވިއެވެ. ޒައިދު ޒަލަފަށް ބޭނުންވާނެ ހުރިހާ އެއްޗެއް ހޯދައިދެއެވެ. އެންމެ އަގުބޮޑު ކުޅޭ އެއްޗިއްސާއި އެންމެ މީރު ކާނާއެވެ. ނަމަވެސް ޒަލަފް ބޭނުންވަނީ އޭނާގެ މަންމަގެ ލޯތްބާއި އޯގާތެރިކަމެވެ.
“ބައްޕާ. މަންމަ ކޮބާ؟ މަންމަ ކޮން އިރަކުން އަންނާނީ؟” ޒަލަފް ކޮންމެ ދުވަހަކު ސުވާލުކުރެއެވެ.
“މަންމަ ދިޔައީ ވަރަށް ދުރަށް. މަންމަ ދެނެއް ނާންނާނެ. ދަރިފުޅު ބޭނުންވަނީ ކޯއްޗެއް؟ އަވަހަށް ބުނޭ. ބައްޕަ އެ އެއްޗެއް ހުރި ތަނަކުން ހޯދައިދޭނަން.” ޒައިދު ކޮންމެ ފަހަރަކުވެސް ޖަވާބުދެނީ މިހެންނެވެ.
ޒައިދު ހީކުރީ ފައިސާއިން ދަރިފުޅުގެ ހިތް އަތުލެވޭނެ ކަމަށެވެ. ނަމަވެސް ޒަލަފް ދިޔައީ މަޑުމަޑުން ހިމޭންވަމުންނެވެ. ސްކޫލުގައިވެސް އޭނާ އެހެން ކުދިންނާ ވާހަކައެއް ނުދައްކައެވެ. އެހެންކުދިންގެ މަންމަ އެކުދިން ބަލައި ސްކޫލަށް އަންނަ މަންޒަރު ފެނުމުން އޭނާގެ ލޮލުން ކަރުނަ އޮހެއެވެ.
އަނެއްކޮޅުން މާހީ އުޅެނީ އިންތިހާ ހިތާމައިގައެވެ. އޭނާގެ ބައްޕަގެ ގޭގައި ހުރި ނަމަވެސް އޭނާގެ ހިތް އޮތީ ޒަލަފް ގާތުގައެވެ. އޭނާ އެތައް ފަހަރަކު ޒަލަފް ފެނޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ޒައިދު އޮތީ ސެކިއުރިޓީ ވަރުގަދަކޮށް މާހީއަށް އެ ސަރަހައްދަށްވެސް ނާދެވޭނެ ގޮތް ހަދާފައެވެ.
“ބައްޕާ. އަހަރެންގެ ދަރިފުޅު. އަހަރެން ކިހިނެއް ކެތްކުރާނީ؟” މާހީ އޭނާގެ ބައްޕަގެ ފައިމަތީ ބޯ އަޅާލައިގެން އޮވެ ރޮމުން ބައްޕަ ގާތު އަހައެވެ.
“ދަރިފުޅާ. ކެތްކުރޭ. އަދި އެއްދުވަހަކުން އެ ޒައިދުގެ ބޮޑާކަން ބިމާ ހަމަވާނެ. ހަޤީޤަތް އެނގޭ ދުވަހަކުން އޭނަ އަމިއްލައަށް ދަރިފުޅު ގާތަށް އަންނާނެ.” އިސްމާޢީލް މާހީގެ ބޮލުގައި ފިރުމަމުން ބުނެލިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ޒަލަފްގެ ހަވަނަ އުފަންދުވަސް އައީއެވެ. ޒައިދު މުޅި މާލެއަށް ދަޢުވަތު ދީގެން ބޮޑު ހޮޓަލެއްގައި ޕާޓީއެއް ބޭއްވިއެވެ. ޒަލަފް ހުރީ ވަރަށް ރީތި ސޫޓެއް ލައްވާފައެވެ. ނަމަވެސް އޭނާގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުފެނެއެވެ. އެ މޫނުގައިވަނީ މާޔޫސްކަމާއި މޮޅިވެރިކަމެވެ.
ޕާޓީގެ ތެރެއިން ކުއްލިއަކަށް ޒަލަފް ގެއްލުނެވެ. ޒައިދު ހާސްވެގެން ޒަލަފް ހޯދަން ފެށިއެވެ. އެންމެ ފަހުން ޒަލަފް ފެނުނީ ހޮޓަލުގެ ފަހަތުގައި އޮތް ބަގީޗާގެ ކަނެއްގައި އިށީނދެގެން ރޯން އިންދައެވެ.
“ދަރިފުޅާ. ކީއްވެ މިތާ ތިއިނީ؟ އެންމެން އެބަ ދަރިފުޅު ހޯދާ.” ޒައިދު ލޯތްބާއެކު އެހިއެވެ.
“ބައްޕާ. އަޅުގަނޑު ބޭނުމީ މަންމަ. އަޅުގަނޑު މި ކޭކާ ހަދިޔާތައް ބޭނުމެއް ނޫން. މަންމަ ކީއްވެ އަޅުގަނޑު ދޫކޮށްލާފައި ދިޔައީ؟” ޒަލަފް ގިސްލަމުން އެހިއެވެ.
ޒައިދުގެ ހިތަށް ތަދުވިއެވެ. އޭނާގެ ބޮޑާކަމުގެ ސަބަބުން އޭނާގެ ދަރިފުޅުގެ އުފާވެރިކަން ފޭރިގަނެވިއްޖެކަން އޭނާއަށް އިހުސާސްވާން ފެށިއެވެ. ނަމަވެސް އޭނާގެ “އީގޯ” އަކަށް އަދިވެސް ބަދަލެއް ނާދެއެވެ.
“ދަރިފުޅާ. މަންމައަކީ ރަނގަޅު މީހެއް ނޫން. އެހެންވެ ބައްޕަ މަންމަ ފޮނުވާލީ. ބައްޕަ ދަރިފުޅުދެކެ މާބޮޑަށް ލޯބިވޭ.” ޒައިދު ދޮގު ހެދިއެވެ. އޭނާ އެ ކުޑަކުޑަ ދަރިފުޅުގެ ހިތް މަންމައާ ދޭތެރޭ ގޯސްކުރެވޭތޯ ބެލިއެވެ. ހިސާބަކަށް އެކަން ކާމިޔާބުވެސް ވީހެން ހީވެއެވެ.
ޒަލަފް ބޯޖަހާލި ނަމަވެސް އޭނާގެ ހިތް އެކަން ޤަބޫލެއް ނުކުރެއެވެ. އޭނާ ހަނދާން ހުންނަނީ އޭނާ ނިދަންދެން މަންމަ ކިޔައިދޭ ވާހަކަތަކާއި ބަލިވުމުން މަންމަ ބަހައްޓާ އޯގާތެރިކަމެވެ. އެއިން އެއްވެސް ކަމެއް އެންމެ ފަހަރަކުވެސް އޭނާގެ ބައްޕަ ކޮށްދިން ހަނދާނެއް އޭނާ ނުހުރެއެވެ.
ދުވަސްތަކަކަށްފަހު ޒައިދުގެ ވިޔަފާރީގެ ބައިވެރިއަކު އޭނާއާ ބައްދަލުކުރަން އައެވެ. އޭނާ ފެނުމާއެކުވެސް ޒައިދުގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔައެވެ.
(ނުނިމޭ)
