ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ސައްޔާރާ” ގެ ތަރިން ކަމަށްވާ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާގެ އާ ޕުރޮޖެކްޓެއް

ފިލްމު “ސައްޔާރާ” އަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު، އަހާން ޕާންޑޭ އަދި އަނީތު ޕައްޑާ އަލުން އެކުގައި އައު މަޝްރޫއަކުން ފެންނާނެކަން އިއުލާންކޮށްފިއެވެ. މި ދެ ތަރިން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ވީޑިއޯއެއްގައި، އެމީހުންގެ އައު މަސައްކަތުގެ ޓްރެއިލާ ވަރަށް އަވަހަށް ފެންނާނެކަމުގެ އިޝާރާތެއް ދީފައެވެ.

ނިމިދިޔަ އަހަރު ރިލީޒްކުރި “ސައްޔާރާ” އާއެކު އަހާން އާއި އަނީތު ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައެވެ. އެފިލްމުގައި މި ދެ ތަރިންގެ މެދުގައި އޮތް ފުރިހަމަ “ކެމިސްޓްރީ” އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެމީހުން ވެފައިވަނީ ގިނަ ބައެއްގެ އެންމެ މަޤުބޫލު ޖޯޑަށެވެ.

އަލުން އެކުގައި މަސައްކަތްކުރާކަން ހާމަކޮށް އިންސްޓަގްރާމްގައި ކުރި ޖޮއިންޓް ޕޯސްޓެއްގައި އެމީހުން ބުނެފައިވަނީ، “މި ހޫނު މޫސުމުގައި، ވާހަކަ އައު މިސްރާބަކަށް ބަދަލުވެގެންދާނެ. އައު ބާބެއް ފެށެނީ. ޓްރެއިލާ ވަރަށް އަވަހަށް އަންނަނީ.” މިފަދައިންނެވެ.

އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ހޫނު މޫސުމާ ގުޅޭ ހިތްގައިމު ހެދުންތަކެއްގައި މި ދެ ތަރިން ފެންނަ މަންޒަރެވެ. ބޮޑު ކުންފުންޏަކާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއަށް ފޭނުން އިންތިޒާރު ކުރަމުންދާއިރު، މިކަމާ ގުޅޭ އިތުރު ތަފްސީލުތައް އަދި ވަނީ ސިއްރުކޮށްފައެވެ.

“ސައްޔާރާ” އަކީ އަހާން ޕާންޑޭގެ އެކްޓިން ކެރިއަރުގެ ފެށުމަށް ވީއިރު، މިއީ އަނީތު ޕައްޑާގެ ކެރިއަރުގައި ވެސް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަނީތު މީގެ ކުރިން ކާޖޮލްގެ “ސަލާމް ވެންކީ” ފަދަ އުފެއްދުންތަކުގެ ކުދި ރޯލުތަކުން ފެނިފައިވެއެވެ. މިހާރު އަހާން ދަނީ އަލީ އައްބާސް ޒަފަރުގެ އައު ފިލްމެއްގައި ޝަރުވަރީއާއެކު މަސައްކަތް ކުރަމުންނެވެ. އަދި އަނީތު ވެސް މެޑޮކް ފިލްމްސްގެ ފިލްމަކުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް މައުލޫމާތު ލިބެއެވެ.

ފިލްމު “ސައްޔާރާ” އާ ބެހޭގޮތުން

2025 ވަނަ އަހަރުގެ ޖުލައި މަހު ރިލީޒްކުރި “ސައްޔާރާ” އަކީ ލޯބީގެ ގުޅުމެއްގައި ދިމާވާ އުފާވެރި އަދި ހިތާމަވެރި ތަފާތު އިހުސާސްތަކެއް ސިފަކޮށްދިން ފިލްމެކެވެ. މޯހިތު ސޫރީ ޑައިރެކްޓްކޮށް، ޔާޝް ރާޖް ފިލްމްސް އިން އުފެއްދި މި ފިލްމަކީ 2004 ވަނަ އަހަރުގެ ދެކުނު ކޮރެއާ ފިލްމު “އެ މޫމަންޓް ޓު ރިމެމްބަރ” އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމަކީ ވިޔަފާރީގެ ގޮތުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމެކެވެ. އެގޮތުން މުޅި ދުނިޔެއިން 5.79 ބިލިއަން ރުޕީސްއަށް ވުރެ ގިނަ އާމްދަނީއެއް މި ފިލްމަށް ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ ތިންވަނައަށް އެންމެ އާމްދަނީ ބޮޑު ހިންދީ ފިލްމުގެ އިތުރުން، އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ އާމްދަނީ ބޮޑު ރޮމޭންޓިކް ފިލްމުވެސް މެއެވެ. މިހާރު މި ފިލްމު ނެޓްފްލިކްސް މެދުވެރިކޮށް ބަލާލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top