ފޭސް ދޭއްގައި އަލަށް ހުޅުވި ސްކޫލުން ވަޒީފާ ހަމަޖެހުން ވެގެން ދިޔައީ އަހަރެން ދެކެމުންއައި ހުވަފެނެއްގައި ކުލަޖެހުމަށެވެ. ކުރަމުންއައި އުންމީދުތަކަށް ލިބުނު ދިރުމަކަށެވެ. ކޮންމެ ދުވަހަކު، ކޮންމެ ރެއަކު އެތައްފަހަރަކު ސްކޫލަށް ގޮސް އައިސް އުޅުމަކީ ފަސޭހަކަމެއް ނޫނެވެ. ދަތުރު ކުރެވޭނެ ލުއިފަސޭހަ އިންތިޒާމްތައް ހަމަޖެހިފައި ހުރި ނަމަވެސް، އެކަމަށްޓަކައި ކުރަންޖެހޭ ހަރަދު ކުޑަނަމަވެސް ދިގު ދަތުރުތައް ކުރުމަކީ ކޮންމެ މީހަކަށް ފަސޭހަކަމެއް ނޫނެވެ.
ކިޔަވައިދިނުމަކީ، ހާއްސަކޮށް ތުއްތުކުދިންނަށް ކިޔަވައި ދިނުމަކީ އަހަރެން އެންމެ ގަޔާވާ ވަޒީފާއެވެ. ކުޑައިރުއްސުރެ ދެކެމުންއައި އެ ހުވަފެން ހަގީގަތަކަށް ހެދުނީ އެތައް ބައެއްގެ އެހީތެރިކަމާއިއެކުއެވެ. ބުރަމަސައްކަތުންނެވެ. މަންމަ އާއި ބައްޕަ އަދި ޢާއިލާގެ އެހެން މެންބަރުންނާއި ރައްޓެހިންގެ ހިއްސާ އެކަމުގައި ނުހަނު ބޮޑެވެ.
ރައީފްއަކީ މައިންބަފައިން ފިޔަވައި، އެމީހަކުދެކެ އަހަރެން އެންމެ ލޯބިވި މީހާއެވެ. މިއަދު އަހަރެން މިހުރި ހިސާބަށް ގެނައުމަށް އެންމެބޮޑު ގުރުބާނީއެއް ވީ މީހާއެވެ. އޭނާއާ ނުލައި އަހަރެންގެ ހަޔާތް ފުރިހަމަ ނުވާނެކަމަށް އަހަރެން ހިތުގެއަޑިން ގަބޫލުކުރި މީހާ ވެސް މެއެވެ.
ދުވަހަކީ ދިރާސީ އަހަރުގެ ފުރަތަމަ ދުވަސްކަމަށްވާތީ ކިޔައިވައިދިނުމަށްވުރެ ބޮޑަށް އޮތީ ކުދިން ތަޢާރަފްވުމާއި ކިޔަވައިދިނުމާއި ގުޅޭގޮތުން ހިއްސާކުރަންޖެހޭ މަޢުލޫމާތުތައް ހިއްސާކުރުން ކަހަލަ ކުދިކުދި ކަންކަމެވެ.
އަލަށް ސުކޫލާއި ގުޅުނު ގްރޭޑް 1ގެ ދަރިވަރުންނާއިއެކު އަހަރެން ހޭދަކުރަމުންދިޔައީ އުފާވެރި ވަގުތުތަކެކެވެ. ހިތަށް ހަމަޖެހުން ލިބުނު މިނިޓްތަކެކެވެ. ފަހަރަކު ކުއްޖަކު ތަޢާރަފްވަމުން އެކުއްޖަކާއި ގުޅުންހުރި މުހިންމު މަޢުލޫމާތުތައް ހިއްސާކުރަމުންދިޔައެވެ. ހުރިހާ ކުދިން ވެސް ތިބީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ. ކުޅެމަޖާކުރުމާއި ސަކަރާތް ޖެހުން އޮތީ އިންތިހާ އަށެވެ.
ތަންކޮޅެއް އެކަހެރިކޮށް މަޑުމަޑުން އިން ކުޑަ އަންހެންކުއްޖާއަށް އަހަރެންގެ ސަމާލުކަން ހުއްޓުނީ ކުއްލިއަކަށެވެ. އެކުއްޖާ އިނީ މުޅިން އެހެން ދުނިޔެއެއްގައެވެ. ކުލާސްތެރޭގައި ހިނގާ ކަންކަމެއް އެހެން ކުދިން ކުރަމުންދިޔަ މަޖަލެއް އެކުއްޖާއަކަށް މުހިންމެއް ނޫނެވެ.
“އައިފާ އަހްމަދު ރައީފް” ނަން އަހާލުމާއިއެކު އައިފާ ޖަވާބު ދިނެވެ. ހިނިތުންވެލަމުން އަހަރެންނަށް ބަލައިލިއެވެ.
“އައިމިނަތު އިފާސާ ފާއިދު، އައިފާ އަހްމަދު ރައީފް” ގަބޫލުކުރަން ފަސޭހައެއް ނުވިއެވެ. ކުރިޔަށްވުރެ ޝައުގުވެރިކަން އިތުރު ވިއެވެ. ނޭނގޭ ދަމާބާރަކުން އައިފާއާ އަހަރެން ގާތްކޮށްލި ކަހަލައެވެ. އައިފާގެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން ގަޔާއި ގާތްކޮށްލެވުނެވެ. ޔަގީން ކުރަން ބޭނުންވި ކަންތައް ޔަގީންކުރަން ފުރުސަތެއް ނުލިބުނެވެ. ރަނގަބީލުގެ އަޑު އިވުމާއިއެކު ގެއަށް ދިއުމަށް ކުދިންތައް އަވަސްވެގަތެވެ. އައިފާ ވެސް ބޭނުންވީ އަވަހަށް ގެއަށްދާށެވެ.
އެހެން ހުރިހާ ކަމެއް އަހަރެން ހަނދާން ނެތުނު ކަހަލައެވެ. އެއްވެސް މީހަކަށް ޝައްކު ވެސް ނުވާނެހެން އައިފާއަށް އަހަރެން ފާރަލީމެވެ. އައިފާ ބަލައި ސްކޫލް ކައިރިއަށް އަންނަނީ ކާކުތޯ ޔަގީންކުރަން އަހަރެންގެ ހިތް އަހަރެންނަށް މަޖުބޫރު ކުރިއެވެ.
އައިފާ ބަލައި އައީ މެދުއުމުރުގެ އަންހެނެކެވެ. އެއީ އައިފާގެ މަންމައެއް ނޫނޭ އަހަރެންގެ ހިތް ބުންޏެވެ.
ދެވަނަ ފަހަރަށް އައިފާއާ ބައްދަލުވީ ތިންވަނަ ދުވަހުއެވެ. އެފުރުސަތަކަށް ބަލައިލަ ބަލައިލަ ހުރި ފުރުސަތު ލިބުމާއިއެކު އައިފާ ގެނެސް ގަޔާއި ގާތްކޮށްލީމެވެ. ލޯތްބާއި އޯގާތެރިކަމާއެކު ބޮލުގައި ފިރުމާލަމުން، ސްކޫލަށް ގެންނަނީ ކާކުތޯ އާއި ގެއަށް ދަނީ ކާކާއިއެކު ތޯ އަހައިލީ މެވެ. ބޭނުންވާ މަޢުލޫމާތު ހޯދަން އެންމެ ފަސޭހަ މަގަކަށް ވާނީ އެއީ ކަމުގައި އަހަރެންގެ ހިތް ބުންޏެވެ.
ކަންތައްވީ އަހަރެން ހީކުރި ގޮތަށެވެ. އައިފާ ގޮވައިގެން ސްކޫލަށް އަންނަ އަދި އައިފާ ގޮވައިގެން ގެއަށްދާ މެދުއުމުރުގެ އެ އަންހެންމީހާ އަކީ އައިފާގެ މަންމައެއް ނޫނެވެ. ބައްޕަ ފަރާތު ދައްތައެކެވެ.
އައިފާއާމެދު އަހަރެންގެ ހިތުގައި އުފެދެމުންދިޔަ ސުވާލުތައް ދުވަހަކަށްވުރެ ދުވަހެއް ދިޔައީ އިތުރުވަމުންނެވެ. ހަމައެހެންމެ އައިފާ އާއި އަހަރެންގެ މެދުގައި އުފެދުނު ގާތްކަން ވެސް ދިޔައީ އިތުރުވަމުންނެވެ. ނޭނގޭ ދަމާ ބާރަކުން އަހަރެންނާއި އައިފާ ގާތްކުރަމުންދިޔަ ކަހަލައެވެ. އައިފާ ފެނުމުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބެއެވެ. ބައްދާލާ ލޯބިކޮށްލާ ހިތްވެއެވެ.
ދަރިވަރުންގެ ޢާއިލާ މެންބަރުންގެ ފޮޓޯ ބޭނުންކޮށްގެން ފުރިހަމަކުރަންޖެހޭ ފިލާވަޅަށް ފޮޓޯ ގެނައި ދުވަހު ހުރިހާ ކަމެއް ޔަގީން ވިއެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގި ހުއްޓުން އަރާފައި އަހަރެންނަށް ހުރެވުނީ ކިހާއިރަކު ކަމެއް ވެސް ނޭންގެއެވެ.
ހޭވެރިކަންވީރު އަހަރެން އޮތީ ހެލްތުރޫމްގައެވެ. ކައިރީގައި ހުރީ ހެލްތު ސްޓާފެވެ. އޭނާ ބުނިގޮތުން އަހަރެންނަށް ޝޮކެއް ޖެހުނީއެވެ. ލިބުނީ އުފާވެރި ޚަބަރެއް ކަމެއް ވީ ހައިރާނެއް ކަމެއް ޔަގީނެއް ނޫނެވެ. އެހަނަސް ދިމާވީ މާބޮޑުކަމެއް ނޫނެވެ. އެ ޔަގީންކަން ޑޮކްޓަރު ވަނީ ދީފައެވެ.
ރައީފް ދެކިލަން އަހަރެންގެ ހިތް އެދުނެވެ. އޭނާއާ ކުރަން އަހަރެން ބޭނުންވާ އެތައް ސުވާލެއް އެބަހުއްޓެވެ. އެތައް އަހަރެއްވީ އެސުވާލުތަކުގެ ޖަވާބު ނުލިބެނީސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
ގްރޭޑް 1ގެ ދަރިވަރުންގެ ބެލެނިވެރިންގެ ބައްދަލުވުމަށް އައިފާގެ ފަރާތުން އައީ އޭނާގެ ދައްތަ މެހެތާ އެވެ.
ބެލެނިވެރިންގެ ބައްދަލުވުން ނިންމާލުމަށްފަހު ލިބުނު ފުރުސަތެއްގައި މެހެތާއާ ވާހަކަ ދައްކާލީމެވެ.
—-
އަލަތުކައިވެންޏަށް ތައްޔާރުވަމުންދިޔަ ރައީފަށް އެފުރުސަތެއް ނުލިބުނެވެ. ރައްޓެހިވެގެން ކައިވެންޏާއި ހަމައަށް އައި ހިސާބުން ރައީފަށް އެކުއްޖާ ދިނީ ލަނޑެވެ. އިއްޒަތާއި ގަދަރާ ތަނަވަސްކަން ލިބިގެންވީ ބައިވެރިއަކު ލިބުނު ހިސާބުން އޭނާއަށް ރައީފްގެ ބޭނުން ކެނޑުނީއެވެ. ރައީފް ކަމުނުދިޔައީއެވެ. މާލޭގައި ގެދޮރުހުރި މާލޭ މީހަކާއި ދިމާވުމުން ރައީފް ކަހަލަ ރާއްޖެތޭރެ މީހަކާއި އިންނަން ބޭނުންނުވީއެވެ.
ކައިވެންޏެއް ނުކޮށް އެއަންހެންކުއްޖާގެ އިންތިޒާރުގައި ރައީފް އެތައް އަހަރެއް ހޭދަކުރިއެވެ.
ރައީފް އާއި ރިހްލާގެ ކައިވެންޏަށް ލިބުނު ދަރިފުޅަށް ފަސްއަހަރުގައި، ހިނގި އެކްސިޑެންޓެއްގައި ރައީފަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. ބޭސްކުރުމުގައި އެތައް މަހެއް ވޭތުކުރަން ޖެހުނެވެ. ހިނގުމުގެ ފުރުސަތެއް ކޮޅަށް ހުރުމުގެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. ވަޒީފާގެއްލި ދިރިއުޅުން އަނދިރިވިއެވެ. އަނބިދަރިންގެ ހަރަދުތައް ހަމަޖެއްސޭނެ ގޮތެއް ނެތި ބިކަވި ދުވަހު ރައީފް އާއި ދަރިފުޅު ދޫކޮށްލާފައި ރިހްލާ ދިޔައީއެވެ.
ހުޅުމާލޭ ފޭސް ދޭކަށް ރައީފް ބަދަލުވީ މިދިޔަ އަހަރު ފަހުކޮޅުއެވެ. ދަރިފުޅުގެ ކަންކަމާއި ރައީފްގެ ކަންކަން ބަލަހައްޓަނީ މެހެތާ އެވެ. ރައީފްގެ ދެބަފައިން ދިރިއުޅެނީ މެހެތާގެ ޢާއިލާއާއެކު އޭނާގެ ފިރިމީހާއަށް ލިބިފައިވާ ފްލެޓްގައެވެ.
އަޅުން ކުރާނީ މަސައްކަތެވެ. ކާމިޔާބަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އޭގެ ފުރިހަމަގޮތުގައި ކޮށްފިނަމަ ކާމިޔާބީއަކީ ދުރުއެއްޗެއް ނޫނެވެ. ކޮންމެވެސް ރަނގަޅު ގޮތެއް މިންވަރު ކުރައްވާނެއެވެ. މާތް ﷲ ގެ ހެޔޮރަހުމަތުން ރައީފަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. އަސައެއްގެ އެހީގައި ކޮޅެއް ހުރެވޭއިރު ފުރޮޅުލީ ގޮނޑިއެއްގައި ދަތުރުކުރެވޭވަރު ވިއެވެ.
އޮންލައިންކޮށް ޓިއުޝަން ދެވޭނެގޮތާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައިދިނީ މެހެތާގެ ފިރިމީހާއެވެ. އެހީތެރިއަކަށް ހުރީ މެހެތާއެވެ. ނަސީބު ކިތަންމެހާ ވެސް ރަނގަޅެވެ. ވަކިވަކި ކުދިންނަށް ނަގައިދޭ ވަކިކުލާސްތަކާއި ގުރޫޕްކޮށް ކިޔަވައިދޭ ދަރިވަރުންނާއިއެކު ސަތޭކައަށްވުރެ ދަރިވަރުން ރައީފްއާއެކު އެބަތިއްބެވެ.
—–
އިވުނީ އަހަން ބޭނުންވިފަދަ ވާހަކަތަކެއް ނޫނެވެ. ހިތް ކުދިކުދިވި ކަހަލަ އެވެ. އެވާހަކަތައް އިތުރަށް އަޑުއަހާނެ ހިތްވަރެއް ނުލިބުނެވެ. ގަޑިޖެހިއްޖެކަމަށް ބުނެ އަވަސް އަވަހަށް ސްޓާފްރޫމާއި ދިމާއަށް ހިނގައިގަތީ އެހެން ގޮތެއް ނެތިގެންނެވެ. ކެތްތެރިކަން ކޮޅުންލިއެވެ. ސިއްރުކުރަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެންމެނަކަށް ސިއްރެއް ނުކުރެވުނެވެ. ބައެއް މީހުން ސުވާލުއުފެއްދިއިރު އަނެއްބަޔަކު ވީ ހައިރާނެވެ.
ވަގުތުގެ ހިނގުމަކަށް ބަދަލެއް ނާދެއެވެ. ރޭގަނޑެއްގެ އިރާދަން ވަގުތެވެ.
“ބައްޕާ! އިފާ މިސް ބުނީ …. އަޅުގަނޑުގެ ނަން އެންމެ ގުޅޭނީ އިފާ މިސްގެ ނަމާޔޯ …. އެއީ ތެދެއްތަ؟” ނިދަން އޮވެފައި އައިފާ ކޮށްލި ސުވާލާއިއެކު ރައީފް ދިޔައީ ސިއްސައިގެންނެވެ. އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
“މިސްއަށް ކިޔަނީ އައިމިނަތު އިފާސާ ފާއިދު. އައިމިނަތުގެ އަ އިފާސާގެ އި ފާއިދުގެ ފާ …. އަސްލުވެސް ކިހާ ގުޅޭދޯ؟ މިސް އެހެން ބުނީމަ އަޅުގަނޑު ވަރަށް ސަޕްރައިޒްވި …. މިސްއަށް ކިހިނެތް އެނގެނީ އަޅުގަނޑުގެ ނަން ކީ އެހެން ބަލައިގެން ކަމެއްދޯ ބައްޕާ. މިސްއަކީ އަޅުގަނޑުގެ މަންމައެއް ވެސް ނޫނެއްނުދޯ؟” ދަރިފުޅު ދައްކަމުންދިޔަ ވާހަކަތަކަށް ސަމާލުކަން ދެވޭވަރަށްވުރެ ރާއިފްގެ ހާލަތު ގޯހެވެ. އޭނާގެ ވިސްނުން ހުރީ މުޅިން އެހެން ދިމާއެއްގައެވެ.
އައިފާ ދައްކަމުންދިޔަ ވާހަކަތަކުގެ ހަގީގަތް ބަލަން ރައީފް ކިތަންމެހާ ވެސް ބޭނުމެވެ.
——
އިފާސާ އާއި ރައީފް ދިމާވީ ޓީޗިން ކޯހުގައި އުޅެމުން ދިޔައިރު ކުލާސްތެރެއިންނެވެ. އެތަނުން އުފެދުނު ރަހުމަތްތެރިކަން ދުވަހަކަށްވުރެ ދުވަހެއް ގާތްވެ އެގުޅުމަށް އެހެން ނަމެއް ދޭން ޖެހުނެވެ. އެގުޅުމަށް އެހެން ނަމެއް ދޭން އިސްނެގި މީހަކީ އިފާސާއެވެ.
އިފާސާ އާއި ރައީފްގެ މެދުގައި އޮތް ގުޅުމާއި އިފާސާގެ މައިންބަފައިން ގަޔާނުވި ނަމަވެސް، އެގުޅުމަށް ނޫނެކޭ ނުބުނެއެވެ. ދަރިފުޅުގެ ނިންމުމާއިމެދު ހިތްހަމަ ނުޖެހުނު ނަމަވެސް، ދަރިފުޅުގެ އުފަލަށް ހުރަސްއަޅާ މީހަކަށް ބައްޕަ ނުވާނެކަމުގެ ޔަގީންކަން އިފާސާއަށް އޭނާގެ ބައްޕަ ދިނެވެ.
——
“ބައްޕާ! … ބައްޕައަށް އެނގޭތަ އިފާ މިސް. އިފާ މިސް އެންމެ ލޯބިވާނީ ކޮއްކޮދެކެ.” އައިފާ ދައްކަމުންދިޔަ ވާހަކައަށް ރައީފް ސަމާލުކަން ނުދިނުމުން އަނެއްކާ ވެސް އައިފާ ވާހަކަދެއްކިއެވެ.
“އެހެންތަ. އެވާނީ ދަރިފުޅު ބަސްއަހާތީ ކަމަށް. ބަސްއަހާ ކުދިން ދެކެ ހުރިހާ މީހުން ވެސް ލޯބިވާނެ.” އިވެމުންދިޔަ ވާހަކަތަކާއިމެދު ވިސްނުން ފިޔަވާ އެހެން ކަމެއް ކުރެވޭކަށް މިއަދު ނެތެވެ. ދަރިފުޅުގެ އެވާހަކަތަކާއި އޭނާއަށްވާ ހީ ޖެހޭނީ ޔަގީންކުރާށެވެ. ގޮތެއް ނިންމޭނީ އެއަށްފަހުއެވެ.
——
އަހަރެންގެ ދިރިއުޅުމަށް ބަދަލެއް އައެވެ. ގެންނަން ބޭނުން ނުވިޔަސް އެބަދަލު އައިސްފިއެވެ. ދަރިފުޅުގެ ކަންކަމަށް ސަމާލުކަން ދެވޭވަރު ކުޑަވިއިރު، ފިރިމީހާގެ ކަންކަމަށް ފަރުވާކުޑަކުރެވެން ފެށިއެވެ. ކެއިން ބުއިން މަތިން ފޫހިވިއިރު ވިސްނަން އިނދެވޭ ވަގުތު ގިނަވިއެވެ.
މާޒީއާ ދިމާއަށް އަހަރެން ހިޔާލުތައް ދަތުރުކުރަމުންދިޔައީ އޮބިއޮންނަ ވަރަކަށް ނޫނެވެ.
ދަރިންނަށް ރަނގަޅުގޮތް ހޯދައިދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ހަމައެހެންމެ ވާޖިބެއް ވެސް މެއެވެ. ރައީފާ ގުޅެން އިފާސާ ނިންމި ނިންމުމަކީ ކުރިމަގަށް ބަލާއިރު އެންމެ ރަނގަޅު ނިންމުން ނޫންކަން އިފާސާއަށް ވިސްނައިދޭން ނުކުތީ އޭނާގެ މަންމައެވެ.
އިފާސާއަކީ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ދެމަފިރިއަކަށް ލިބިފައިވާ ހަތަރު ދަރިންގެ ތެރެއިން ހަގު ކުއްޖާއެވެ. އިފާސާ ފިޔަވައި އެހެން އަންހެން ކުއްޖަކު އެއާއިލާގައި ނެތެވެ. ރައީފްއަކީ ރާއްޖެތެރެއަށް އުފަން ރާއްޖެތެރޭގައި ދިރިއުޅޭ ނިކަމެތި ދެމަފިރިއަކަށް ލިބިފާ ފަސްކުދިންގެ ތެރެއިން ދޮށީ ކުއްޖާ އެވެ. ދިރިއުޅެނީ އަދި ދިރިއުޅެން ބޭނުންވަނީ ވެސް ރަށުގައެވެ. މައިންބަފައިންނާއި ޢާއިލާ ދޫކޮށްލާފައި އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރުމުގެ ވިސްނުމެއް ވެސް އޭނާގެ ނެތެވެ. އޭނާގެ ޒިންމާ އާއި ވާޖިބު އޭނާއަށް އެނގެއެވެ.
ޓީޗިންގ ކޯހުގެ ވަކި ހިސާބުން ރައީފް ޖެހުނީ ކޯސް ދޫކޮށްލާފައިދާށެވެ. ބައްޕަ ނިޔާވެ މަންމަ އެކަނިވިއެވެ. ޢާއިލާގެ ހުރިހާ ޒިންމާއަކާއި ހަވާލުވެގެން ހުރި ބައްޕަ ނިޔާވުމުން ޢާއިލާގެ ހަރަދުތައް ބެލެހެއްޓޭނެ އެހެން ގޮތެއް ނެތެވެ.
ޢާއިލާ ބެލެހެއްޓުމާއި ރައީފް ހަވާލުވިއެވެ.
ރައީފް އާއި އިފާސާގެ މެދުގައި އޮތް ލޯބީގެ ގުޅުން އެގޮތުގައި ކުރިޔަށް ދިޔައެވެ. ދެމީހުން ދެތަނެއްގައި ތިބި ނަމަވެސް ޒަމާނީ ޓެކްނޮލޮޖީގެ ފަސޭހައިގެ ސަބަބުން ދެމީހުން ތިބީ ނުހަނު ގާތުއެވެ.
ދިރިއުޅުމުގައި ދެކުނު އެންމެބޮޑު ހުވަފެން ހަޤީޤަތަކަށް ހެދުމުގައި ރައީފް ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން އިފާސާއަށް ލިބުނެވެ. އިފާސާގެ ކޮންމެ އެދުމެއް ރައީފް ފުއްދައިދެމުން ދިޔައީ އަމިއްލަކަމެއް ފަދައިންނެވެ.
ކޯސް ނިންމައި ވަޒީފާގެ މައިދާނަށް ނުކުންނަން އިފާސާ ބޭނުންވި ވަގުތު އޭނާގެ ކައިރިއަށް އޭނާގެ ރަށަށް އައުމަށް ރައީފް އެދުނެވެ. ވަޒީފާގެ ފުރުސަތު ފަހިވެފައި އޮތެވެ. އެގޮތް ކަމުނުދިޔައީ އިފާސާއަށެވެ.
ރާއްޖެތެރޭ ރަށެއްގައި ދިރިއުޅުމަކީ އިފާސާ ބޭނުންވާ ގޮތެއް ނޫނެވެ. މާލެއިން ލިބެންހުރި މުހިންމު ހިދުމަތްތައް ރާއްޖެތެރެއިން ލިބޭކަށް ނުހުރެއެވެ. ކިރިޔާ ކަމެއް ވާއިރަށް އަންނަންޖެހޭނީ މާލެއެވެ. އިރުއިރުކޮޅުން މާލެ އައުމަކީ ފަސޭހަކަމެއް ނޫނެވެ. ކުރަންޖެހޭ ހަރަދުގެ އިތުރަށް ދަތުރުގެ އަގަށް ބަލާލި ނަމަވެސް އެތައް ހާސް ރުފިޔާއެއް ހަރަދުވާނެއެވެ.
ކުލިދައްކައިގެން މާލޭގައި އުޅުމަކީ ފަސޭހަކަމެއް ނޫނެވެ. އެނޫން ގޮތަކަށް މާލޭގައި އުޅެވޭކަށް ވެސް ނެތެވެ. ވަޒީފާ އަދާކުރަނީ ކުލި ދައްކާށެވެ. ކުލިދައްކަނީ މާލޭގައި އުޅޭށެވެ.
އިފާސާ އާއި ޖިހާދު ދިމާވީ ޓީޗިންގ ނިންމައި ވަޒީފާއަށް ނުކުތް ސްކޫލުންނެވެ. ސްކޫލްގެ އިސްމަގާމެއްގައި ހުރި ޖިހާދާއި އިފާސާގެ މެދުގައި ގާތްގުޅުމެއް އުފެދުނެވެ. ޖިހާދުގެ ކިބައިން އިފާސާ ބޭނުންވި ކުރިއެރުމާއި ފަސޭހަކަން އޭނާއަށް ލިބުނެވެ. އެކަމަށްޓަކައި ވާންޖެހޭ ގުރުބާނީ އިފާސާއަށް އެނގެއެވެ. އެކަމާއިމެދު އޭނާގެ އެއްވެސް ކަންބޮޑުވުމެއް ހާސްކަމެއް ނެތެވެ.
ފަސޭހަގޮތް ކޮންމެ މީހަކަށް ވެސް ފަސޭހައެވެ. ކައިވެންޏަށް އެދި ޖިހާދު ދިއްކޮށްލި އަތުގައި އިފާސާ ހިފީ، ރައީފަށް އަންގާ ވެސް ނުލައެވެ. އެކަމުގެ ސަބަބުން ރައީފަށް ކޮށްފާނެ އަސަރަކަށް ވިސްނާ ވެސް ނުލައެވެ. އިފާސާގެ ނަޒަރުގައި އެމީހަކު ބޭނުންގޮތް އިހްތިޔާރު ކުރާނީ އެމީހެކެވެ. އެއީ އޭނާގެ އަމިއްލަ ކަމެކެވެ. އަމިއްލަ ނިންމުމެކެވެ. އަނެކާ ޖެހޭނީ އެކަން ގަބޫލުކުރާށެވެ. އެކަމަށް ތަބާވާށެވެ. އެކަމާއި ބެހުމުގެ ހައްގެއް އެކަމަށް ފާޑު ކިޔުމުގެ ހައްގެއް އެހެން މީހަކަށް ނޯއްނާނެއެވެ.
އަލަތު ކައިވެންޏާއިއެކު ފިރިމީހާގެ ޢާއިލާ ކައިރިއަށް ހުޅުމާލެއަށް އިފާސާ ދިރިއުޅުން ބަދަލުކުރިއެވެ. އެއްބަޔަކު އުފަލުން ތިބިއިރު އަނެއް ބަޔަކު ތިބީ ހައިރާންވެފައެވެ. ސުވާލު އުފެދުނު މީހުން ވެސް މަދެއްނޫނެވެ. ބޭބެގެ ކާމިޔާބަށް ތަޢުރީފުކުރި މީހުން ވެސް ތިއްބެވެ.
ފިރިމީހާގެ އަޅާލުން ކުޑަކަމާއި ފަރުވާކުޑަކަން ފެންނަން ފެށީ ދުވަސްތަކެއް ފަހުންނެވެ. ހީނުކުރާ ކަހަލަ އެތައްކަމެއް ދިމާވިއިރު ބަލަން ބޭނުންނުވި އެތައް މަންޒަރެއް ފެނިއްޖެއެވެ. ކެތްތެރިކަމާއި ހިތްވަރަކީ އިފާސާގެ ގައިގަ ހުރި އެއްޗެކެވެ. އޭނާ އެކަން ސާބިތު ވެސް ކޮށްދިނެވެ.
ކުރިމަގަށްޓަކައި ދިރިއުޅުމަށްޓަކައި އިފާސާއަށް ނިންމުނު ނިންމުން އެއީ އެންމެ ރަނގަޅު ނިންމުން ނޫންކަން އިފާސާއަށް ގަބޫލުކުރެވެން ފެށިއެވެ. އެކަމާއި ވިސްނޭވަރު ގިނަވާން ފެށިއެވެ. އިތުރު ވިސްނުމަކަށް ދާން ބަލައިލިއިރު ވަގުތު ފާއިތުވެއްޖެއެވެ.
ޖިހާދަށް ފުލެޓް ލިބި ވަކިދިރިއުޅުމެއް އިފާސާމެން ފެށިއިރު ދަރިފުޅަށް 10 އަހަރު ވެއްޖެއެވެ. ދަރިފުޅުގެ ކަންކަން ބަލަހައްޓަމުން ވަޒީފާއަށް ދިއުމަކީ ފަސޭހަ ކަމަކަށް ނުވިޔަސް އިފާސާ ހިތްވަރުކުރިއެވެ. ކަންކަން ހުންނަގޮތުން ކޮންމެކަމެއްގައި ފިރިމީހާއަށް ބަރޯސާ ވުމަކީ އިފާސާއަށް ފަސޭހަ ކަމަކަށް ނުވިއެވެ.
——-
އަހަރެންގެ ހިޔާލީ އާލަމުން ހޭލައްވާލީ ފޯނުގެ ރިންގެވެ.
އައިފާ ފެންނަ ކޮންމެފަހަރަކު އަހަރެންގެ ހިތަށް ހަމަޖެހުން ލިބެއެވެ. ހަމައެހެންމެ އަހަރެންގެ މާޒީ ހަނދާންވެއެވެ. ރައީފްއާމެދު އަހަރެންނަށް ކަންތައް ކުރެވުނު ގޮތާއިދޭތެރޭ ވިސްނެއެވެ. އަހަރެންނަށް ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން ގަބޫލުކުރެވެއެވެ. މާޔޫސްވެ ދެރަވެއެވެ. މާކުރީއްސުރެ އަހަރެންގެ ހިތުގައިވި ނުތަނަވަސްކަން އާވެއާލާވެއެވެ.
ރައީފްގެ ހާލަތު އެނގުނު ހިސާބުން ފެށިގެން އަހަރެން އައުކަމެއް ފެށީމެވެ. އެހެން މީހަކަށް ނޭނގުނަސް ރައީފަށްޓަކައި ވަރަށް މުހިންމު ނިންމުމެއް އަހަރެން ނިންމީމެވެ. އެނިންމުން ހަގީގަތަކަށް ހެދުމަކީ އަހަރެންގެ އުންމީދާއި އަޒުމެވެ. އެކަމަށްޓަކައި ކިތަންމެ ބޮޑު ގުރުބާނީއެއް ވާން ޖެހުނަސް އަހަރެން އެކަން ކުރާނަމެވެ.
އަހަރެންގެ ހިތުގައި މިވާ ނުތަނަވަސްކަމަށް، އެކަމުގެ ސަބަބުން ނަމަވެސް ލުޔެއް ލިބިއްޖެނަމަ އަހަރެން މަގްސަދު ހާސިލްވީއެވެ.
ރައީފް ގޮވައިގެން ބޭސްފަރުވާއަށް ބޭބެ ފުރި ވާހަކަ ބުނީ އައިފާއެވެ.
ދުޢާއަކީ އެންމެ ރަނގަޅު ފަރުވާއެވެ. ކާމިޔާބެއް ފަސްވެއްޖެނަމަ އެކަމުގައި އެއަށްވުރެ ރަނގަޅުގޮތެއް އޮންނާނެއެވެ. ތިންވަނަ އޮޕަރޭޝަނަށްފަހު، އަމިއްލަ ފައިމައްޗަށް ކޮޅަށް ހުރުމުގެ ފުރުސަތާއި މަޑުމަޑުން ނަމަވެސް ހިނގާ އުޅުމުގެ ފުރުސަތު ރައީފަށް ލިބުނެވެ. އެންމެ ފުރަތަމަ ވެސް ރައީފް ޖެހީ ޝުކުރުގެ ސަޖިދައެވެ. އޭނާއަށް ޓަކައި އެވަރުގެ ބޮޑު ހޭދައެއް ކުރި މީހާއަށާއި އެކަމުގައި އޭނާއަށް އެހީތެރިކަމާއި އެއްބާރުލުން ދިން އެންމެނަށް ޝުކުރުއަދާކުރިއެވެ.
——
ބާރަ އަހަރަށްފަހު، އަހަރެންނާއި ރައީފް ދިމާވީ އެއާރޕޯޓުންނެވެ. ހިތުގައި އުފެދުނު ރިހުމާއި ކެކުޅުން ސިއްރު ކުރަމުން ރައީފަށް އަހަރެން މަރުހަބާ ކީމެވެ. ގަދަވެ ސަލާމަތުން ހެޔޮހާލުގައި ހުއްޓައި ފެނުނީތީ އުފާކުރާކަމަށް ބުނީމެވެ. ދިރިއުޅުމުގައި އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރެއްވުންއެދި ދުޢާ ކުރީމެވެ.
“ޖަވާބު ހޯދަން ބޭނުންވީ އެންމެ ސުވާލެއްގެ. އައިފާއާ ދިމާވި ހިސާބުން އެސުވާލަށް ޖަވާބު ލިބިއްޖެ … އަހަރެންގެ ހަދިޔާ ގަބޫލުކުރާނެކަމަށް އުންމީދުކުރާ ހާލު، އަދިވެސް ބުނަން އޮތީ އަހަރެންނަށް މަޢާފްކޮށްދޭށޭ.” ދައްކަން ހުރި ވާހަކަ ކިތަންމެ ގިނަ ނަމަވެސް އަހަރެން ބެލީ ވަގުތާއި ހާލަތަށެވެ. އިސްކަން ދެވުނީ އެންމެ ބޭނުންވި ކަންތަކަށެވެ. އެކަން ކާމިޔާބު ވިޔަސް އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަ ޖެހުމެއް ލިބޭނެކަން ޔަގީނެވެ.
“ގަބޫލުކުރިޔަސް ނުކުރިޔަސް … އަދިވެސް ބުނަން އޮތީ … އަހަރެންނަށްވުރެ ބޮޑަށް އިފާސާ ދެކެ ލޯބިވާ މީހަކު ނުހުންނާނެ. އިފާސާގެ އުފަލާއި ހިތްހަމަ ޖެހުމަށް، އިފާސާގެ ކުރިމަގު ރަނގަޅުކުރުމަށް، ނިންމާ އެއްވެސް ނިންމުމަކާއިމެދު އަހަރެންގެ ކިބައިން މަޢާފަށް އެދޭކަށް ނުޖެހޭނެ …. އަހަރެންނަށް މުހިންމީ އިފާސާ އުފަލުގައި ހުރުން. ވެދިން އެހީތެރިކަމަށް ހާސްފަށުން ޝުކުރު އަދާކުރަން.” ރައީފް އިސްވެ އަހަރެންނާއި ސަލާމް ކޮށްލުން ވެގެން ދިޔައީ އަހަރެންގެ ހިތުގައިވި އެތައް ރިހުމަކަށް ލިބުނު ފަރުވާއަކަށެވެ.
އުމުރަށް އެދުނު ލޯބި ބީވެގެން އެދިޔަ ހިނދު، ދެކިލުމަށް އެދުނު ސޫރަ ފެނިލަ ފެނިލަ ހުރުމަކީ ވެސް ހާދަހާބޮޑު ނިއުމަތެކެވެ. ހިތްހަމަ ޖެހުމެކެވެ. އުފަލެކެވެ. އެކަން އެނގޭނީ އެފަދަ ކަމެއް ތަޖުރިބާ ކުރަން ޖެހުނު މީހަކަށެވެ. ޔަގީނުން ވެސް މިއަދު އަހަރެންނަށް ލިބޭ އެންމެ ބޮޑު އުފަލާއި ހިތްހަމަ ޖެހުމަކީ އެއީއެވެ.
(ނިމުނީ)
