އެއީ އޮކްޓޯބަރު މަހުގެ ފަހުކޮޅެވެ. ރާއްޖޭގެ އުތުރުގެ ރަށެއް ކަމަށްވާ “ދުނބުރިދޫ” އޮތީ ހަމަހިމޭންކަމުގެ ފަރުދާއެއްގެ ދަށުގައެވެ. އުޑުމަތި ބަރުވެފައިވަނީ ކަޅު ވިލާތަކުންނެވެ. ވަރުގަދަ ވަޔާއެކު އަންނަ ފަރުހަކި ވަސް މުޅި ރަށުތެރެއަށް ފެތުރިފައިވެއެވެ. މި ރަށަކީ އާސާރީ ގޮތުން މުއްސަނދި، ނަމަވެސް އެހާމެ ބިރުވެރި އަދި ނާމާން ސިއްރުތަކެއް ފޮރުވިފައިވާ ރަށެއްގެ ގޮތުގައި މަޝްހޫރު ރަށެކެވެ.
މުޙައްމަދަކީ މާލޭގައި ދިރިއުޅޭ، ބިރުވެރި އަދި ސިއްރުވެރި ހާދިސާތައް ތަހުގީގުކޮށް ލިޔާ ޒުވާން ލިޔުންތެރިއެކެވެ. އޭނާގެ މަގުސަދަކީ ދުނބުރިދޫގައި ހުރި ކަމަށް ބުނާ “ކަޅު ގަނޑުވަރު”ގެ ހަގީގަތް ހޯދުމެވެ. މި ގަނޑުވަރަކީ މީގެ ސަތޭކައެއްހާ އަހަރު ކުރިން އެ ރަށުގެ މުއްސަނދި އާއިލާއަކުން ދިރިއުޅުނު، ނަމަވެސް އެންމެ ރެއަކުން މުޅި އާއިލާ ގެއްލި، މިހާރު ފަޅަށް ހުރި ތަނެކެވެ.
“މުޙައްމަދު، ހަމަ އަސްލަށްވެސް ތި ދަނީތަ؟” މުޙައްމަދުގެ އެންމެ ގާތް އެކުވެރިޔާ މާޒިން ފޯނުން ވާހަކަދައްކަމުން އެހިއެވެ. އޭނާގެ އަޑުގައި ހާސްކަން ހުއްޓެވެ.
“އާނ މާޒިން. މިއީ އަހަރެންގެ އާ ފޮތަށް ބޭނުންވާ އެންމެ މުހިންމު މައުލޫމާތު. އެ ރަށު މީހުން ބުނާ ގޮތުގައި އެ ގޭގައި އަދިވެސް ކޮންމެވެސް އެއްޗެއް އުޅޭ. އަހަރެން ބޭނުންވަނީ އެއީ ހަގީގަތެއްތޯ ބަލަން،” މުޙައްމަދު އޭނާގެ ކެމެރާ ދަބަހަށް ލަމުން ޖަވާބުދިނެވެ.
“އެކަމަކު މުޙައްމަދު، އެއީ އާދައިގެ ތަނެއް ނޫން. މީހުން ބުނަނީ އެ ގޭގެ ފާރުތަކުންވެސް ލޭ އޮހޭ ކަމަށް. އަދި އެތަނަށް ވަން އެއްވެސް މީހަކަށް ސަލާމަތުން ނުނިކުމެވޭ ކަމަށް،” މާޒިން އިންޒާރު ދިނެވެ.
މުޙައްމަދު ހީނލިއެވެ. “މާޒިން، ކަލޭވެސް ތި ގަބޫލުކުރަނީ ކުޑަކުދިން ބިރުގަންނަވަން ދައްކާ ކަހަލަ ވާހަކަ. އަހަރެން މިދަނީ ސައިންޓިފިކް ހެކި ހޯދަން.”
—-
ލޯންޗު ދުނބުރިދޫ ފަޅަށް ވަންއިރު، އިރުއޮއްސި އަނދިރިވެއްޖެއެވެ. ބަނދަރުމަތީގައި މަދު މީހަކު މެނުވީ ފެންނާކަށް ނެތެވެ. މުޙައްމަދު ލޯންޗުން ފޭބުމާއެކު، އޭނާއަށް އިހުސާސްވީ މުޅިން ތަފާތު ފިނިކަމެކެވެ. އެއީ ހަމައެކަނި މޫސުމީ ފިނިކަމެއް ނޫނެވެ. އެއީ ހަށިގަނޑުގެ ތެރެއަށް ވަދެގެންދާ ފަދަ ބިރުވެރި ފިނިކަމެކެވެ.
ބަނދަރުމަތީގައި ހުރި ކުޑަ ހޮޓަލަކަށް މުޙައްމަދު ވަނެވެ. އެތަނުގައި ތިބި މީހުން މުޙައްމަދަށް ބަލަނީ ނުހަނު ފާރަވެރިކަމާއެކުގައެވެ.
“ކޮބައިތޯ މި ރަށުގައި ހުންނަ ކަޅު ގަނޑުވަރު؟” މުޙައްމަދު ހޮޓަލުގެ ކޭޝިއަރާ ސުވާލުކުރިއެވެ.
މުޅި ހޮޓާ ހިމޭންވިއެވެ. ކޮފީ ބޮމުން ތިބި މީހުންގެ ތަށިތައް މޭޒުމަތީގައި ބެހެއްޓުނެވެ. ކޭޝިއަރުގެ މޫނުމަތިން ބިރުވެރިކަން ފެނިގެންދިޔައެވެ.
“ދަރިފުޅާ… އެ ނަންވެސް މި ރަށުގައި ނުގަނޭ. އެއީ މި ރަށަށްވެސް އޮތް ބޮޑު މަލާމާތެއް،” އުމުރުން ދުވަސްވީ މީހަކު ކަނެއްގައި އިނދެފައި ބުންޏެވެ. “އެތަނަށް ދާން ނޫޅޭ. އެތަނަކީ ދިރިހުރި މީހުންނަށް ހުރި ތަނެއް ނޫން.”
މުޙައްމަދު ހިނިތުންވެލިއެވެ. “އަޅުގަނޑު މިއައީ އެތަނުގެ ހަގީގަތް ބަލަން. އަޅުގަނޑަށް އެތަނަށް ދެވޭނެ މަގެއް ކިޔައިދީފާނަންތޯ؟”
އެ މުސްކުޅިމީހާ ފުން ނޭވާއެއްލިއެވެ. “ރަށުގެ އިރުމަތީ ފަރާތު ވަލުތެރެއަށް ވަދެގެން ދާއިރު، ބޮޑު ނިކަގަހެއް ފެންނާނެ. އެ ގަހުގެ ފަހަތުގައި ހުންނާނެ އެ ގަނޑުވަރު. އެކަމަކު ހަނދާންކުރާތި، އިރުއޮއްސުމަށްފަހު އެ ސަރަހައްދަށް ވަނުމަކީ އަމިއްލައަށް މަރުގެ ތެރެއަށް ވަނުން ފަދަ ކަމެއް.”
—-
މުޙައްމަދު އޭނާގެ ދަބަސް ކޮނޑުގައި އަޅުވައިގެން، ޓޯޗު ދިއްލައިގެން ވަލުތެރެއަށް މިސްރާބުޖެހިއެވެ. ކޮވެލި ކާޅު ގޮވާ އަޑު މުޅި މާހައުލު ބިރުވެރިކުރަމުންދިޔައެވެ.
ކުއްލިއަކަށް، އޭނާގެ ކުރިމަތިން ފެނުނީ ބޮޑު ނިކަގަހެކެވެ. އެ ގަހުގެ މޫތައް ބިމަށް ފައިބާފައި ހުރީ ހަރުފަތަކެއް ފަދައިންނެވެ. އެ ގަހުގެ ފަހަތުން، އަނދިރީގެ ތެރެއިން ބޮޑު އިމާރާތެއްގެ ހިޔަނި ފެންނަން ފެށިއެވެ. އެއީ ކަޅު ގަނޑުވަރެވެ.
ގަނޑުވަރުގެ ބޮޑު ދޮރާށި ހުރީ ދަބަރު ޖަހާފައެވެ. މުޙައްމަދު ދޮރުގައި އަތްލުމާއެކު، ބިރުވެރި އަޑަކާއެކު ދޮރު ހުޅުވުނެވެ. އެތެރެއިން ދުވީ ކުނިވެފައިވާ އެއްޗެއްގެ ވަހެވެ.
“ހަލޯ؟ އެއްވެސް މީހަކު އެބައުޅޭތަ؟” މުޙައްމަދު ގޮވާލިއެވެ. އޭނާގެ އަޑު ގަނޑުވަރުގެ ތެރޭގައި ގުގުމައިގެން ދިޔައެވެ.
އޭނާ އެތެރެއަށް ވަދެ، ޓޯޗުގެ އަލި ފާރުތަކަށް އެޅުވިއެވެ. ފާރުތަކުގައި ހުރި ކުރެހުންތަކުން ފެންނަނީ ހިތާމަވެރި މޫނުތަކެކެވެ. ކުއްލިއަކަށް، މަތީބުރިން މީހަކު ހިނގާ އަޑު އިވުނެވެ. “ޓަކް… ޓަކް… ޓަކް…”
މުޙައްމަދުގެ ހިތުގެ ތެޅުން އަވަސްވިއެވެ. “މިއީ މަށަށް ހީވާ ހީވުމެއްބާ؟ ނޫނީ އަސްލެއް ބާ؟” އޭނާ އަމިއްލަ ނަފްސާ ސުވާލުކުރިއެވެ.
—-
މުޙައްމަދު ސިޑިން މައްޗަށް އެރިއެވެ. ކޮންމެ ފިޔަވަޅަކާއެކު ލަކުޑި ސިޑިން އިވޭ އަޑުތަކުން މުޅި ޖިސްމު ރޫޅޭ ފަދަ އިހުސާސެއް ކުރެވުނެވެ. މަތީބުރިއަށް އެރުމާއެކު، އޭނާއަށް ފެނުނީ ހުޅުވިފައި ހުރި ކޮޓަރިއެކެވެ. އެ ކޮޓަރީގެ ތެރެއިން މަޑުމަޑު ރުއިމެއްގެ އަޑު އިވެމުންދިޔައެވެ.
އޭނާ ކޮޓަރިއަށް ވަނެވެ. އެތަނުގައި ހުރި ލޯގަނޑެއްގެ ކުރިމަތީގައި އަންހެން ކުއްޖަކު އިށީނދެގެން އިނެވެ. އޭނާގެ އިސްތަށިގަނޑު އޮތީ މޫނުމައްޗަށް ފެތުރިފައެވެ.
“ކޮއްކޯ؟ ތީ ކޮން ކުއްޖެއް؟” މުޙައްމަދު މަޑުމަޑުން އަހާލިއެވެ.
އެ އަންހެން ކުއްޖާ މަޑުމަޑުން އެނބުރިލިއެވެ. މުޙައްމަދު ގެންގުޅު ޓޯޗުގެ އަލި އޭނާގެ މޫނަށް އެޅުވިއެވެ. އޭނާގެ ލޮލުގެ ބަދަލުގައި ހުރީ ދެ ހުސްވަޅެވެ. މޫނުން މަސްތައް ވިރިގެން ފައިބަނީއެވެ. އޭނާ އަނގަ ހުޅުވާލުމާއެކު، ބިރުވެރި ހަޅޭކެއްގެ އަޑު މުޅި އެ ގޭތެރާގައި ގުގުމައިގެން ދިޔައެވެ.
މުޙައްމަދު ފަހަތަށް ޖެހިލިއެވެ. ނަމަވެސް ކޮޓަރީގެ ދޮރު އަމިއްލައަށް ލެއްޕުނެވެ. އަނދިރިކަން މުޅި ތަނަށް ވެރިވިއެވެ.
“ކަލޭ ތިއައީ މިތަނުގެ ސިއްރު ހޯދަންތަ؟” ބަރު އަޑަކުން މީހަކު ވާހަކަދެއްކި އަޑު އިވުނެވެ. އެ އަޑު އަންނަނީ ކޮން ދިމާލަކުން ކަމެއް ނޭނގެއެވެ. “މިތަނުން ބޭރުވެވޭނީ ހަމައެކަނި ފުރާނަ ދީފަ!”
—
މުޙައްމަދު އޭނާގެ ޓޯޗުން އަލިކުރަން މަސައްކަތްކުރިއެވެ. ނަމަވެސް ޓޯޗު ދިއްލޭ ގޮތެއް ނުވިއެވެ. އޭނާ ބިރުން ހުރެ ދޮރުގެ ތަޅުގައި ހިފާ އަނބުރާލަން އުޅުނެވެ. އެކަމަކު ދޮރު ހުރީ ތާށިވެފައެވެ. ބޭރުން ކޮންމެވެސް މީހަކު ދޮރު ހިފަހައްޓައިގެން ހުރި ކަހަލައެވެ.
“ކާކު؟ ދޮރު ހުޅުވާ!” މުޙައްމަދު ބާރަށް ހަޅޭއްލަވައިގަތެވެ.
އަނދިރިގަނޑުގެ ތެރެއިން ކުރިން އިވުނު އަންހެން ކުއްޖާގެ މަޑު ގިސްލުމުގެ އަޑު އަނެއްކާވެސް އިވެން ފެށިއެވެ. މިފަހަރު އެ އަޑު އަންނަނީ އޭނާގެ ކަންފަތް ދޮށުންނެވެ. ފިނި ނޭވާއެއް އޭނާގެ ކަރުގައި ބީހިލިހެން ހީވިއެވެ.
(ނުނިމޭ)
