ޓީވީ ސީރީޒްތަކުން މަޤްބޫލުކަން ހޯދާފައިވާ އެކްޓްރެސް ދިވްޔަންކާ ތުރިޕާޓީ ބަނޑުބޮޑުކަމުގެ ޚަބަރު ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ. ފިރިމީހާ ވިވެކް ދާހިޔާއާ ކައިވެނިކުރިތާ 10 އަހަރު ފަހުން ލިބުނު މި އުފާވެރި ޚަބަރު ދިވްޔަންކާ ހިއްސާކުރީ ދާދި ފަހުން ދިން އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި އޭނާ ވަނީ ދަރިފުޅު ވިހާނެ ދުވަހަކާއި، މި ޚަބަރު ފިރިމީހާއަށް ދިން ގޮތުގެ ތަފްސީލުވެސް ހާމަކޮށްފައެވެ.
ދިވްޔަންކާގެ ބަނޑުބޮޑު ދުވަސްވަރުގެ ފޮޓޯތައް
ދިވްޔަންކާ މި އުފާވެރި ޚަބަރު ސަޕޯޓަރުންނާ ހިއްސާކުރީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އާންމުކުރި ފޮޓޯތަކަކާއެކުގައެވެ. އެ ފޮޓޯތަކާއެކު އޭނާ ލިޔެފައިވަނީ،
“10 އަހަރަށްފަހު ދިރިއުޅުމަށް އައި ބޮޑު ބަދަލެއް. ބައެއް ދަތުރުތަކަކީ އަވަސް އަރުވާލައިގެން ކުރާ ދަތުރުތަކެއް ނޫން، އެއީ ދެމީހުން އެކުގައި ތައްޔާރުވުމަށް ލިބޭ ފުރުޞަތެއް. ދިރިއުޅުމުގެ ވާހަކަ ފުރިހަމަވެއްޖެ ކަމަށް ހީކުރާ ވަގުތު، އެންމެ ރީތި ބާބު މިވަނީ އިތުރުވެފައި. އަދިވެސް މިކަން ގަބޫލުކުރަން އުނދަގޫވެފައި، ސަބަބެއް ނެތި ހިނިތުންވެވިފައި މިހުންނަނީ. ހިތުގެ އަޑިން ޝުކުރުވެރިވަމުން މި އުފާވެރި ޚަބަރު ހިއްސާކުރަން.”
ވިކީ ލަލްވާނީއަށް ދިން އިންޓަވިއުއެއްގައި ދިވްޔަންކާ ބުނީ، އޭނާއާއި ވިވެކްވެސް މިވަގުތު ދަރިއަކު ހޯދަން ބޭނުންވި ކަމަށާއި، ޓެސްޓުތައް ޕޮޒިޓިވްވުމުން ވަރަށް ބޮޑު އުފަލެއް ލިބުނު ކަމަށެވެ. މި ޚަބަރު އެންމެ ފުރަތަމަ ވިވެކްއާ ހިއްސާކުރުމަށްފަހު، ދެން ގުޅީ ދެފަރާތުގެ މައިންބަފައިންނަށް ކަމަށާއި، އެމީހުންވެސް ތިބީ ނުހަނު އުފަލުން ކަމަށް އޭނާ ބުންޏެވެ.
ދަރިފުޅު އުފަންވާނީ ކޮން އިރަކު؟
ދިވްޔަންކާ ހާމަކުރި ގޮތުގައި، އޭނާގެ ދަރިފުޅު އުފަންވާނެ ކަމަށް ބެލެވެނީ ޖޫން މަހުގެ މެދުތެރޭގައެވެ. މި ޚަބަރު ހަ މަސް ދުވަސް ވަންދެން ސިއްރުކޮށްގެން ހުރިކަން ފާހަގަކުރަމުން އޭނާ ބުނީ، ޚަބަރު ހާމަކުރަން ބޭނުންވީ އެންމެ މުނާސަބު ވަގުތު ޖެހުމުން ކަމަށެވެ. އަދި ގިނައިން ބޭރަށް ނުނިކުމެ އުޅުމަކީވެސް މިކަން ސިއްރުގެ ގޮތުގައި ބޭއްވުމަށް ލިބުނު ފުރުޞަތެއް ކަމަށް އޭނާ ބުންޏެވެ.
ޚަބަރު ފެތުރިގެން ދިޔަ ގޮތް
މި ޚަބަރު އާންމުންނަށް އެނގިގެންދިޔަ ގޮތާ ގުޅޭގޮތުން ދިވްޔަންކާ ބުނީ، ވިވެކް ބައިވެރިވި ހަފުލާއެއްގައި، ދިވްޔަންކާ މިހާރަކަށް އައިސް ބޭރުން ނުފެންނަނީ ކީއްވެގެންތޯ މީހުން ސުވާލުކުރަން ފެށި ކަމަށެވެ. އެއާއެކު މީހުންގެ މެދުގައި ޝައްކުތައް އުފެދި، ވާހަކަ ފެތުރެން ފެށީއެވެ.
ދިވްޔަންކާ ބުނި ގޮތުގައި ދަރިފުޅު އުފަންވާނީ މުމްބާއީގައެވެ. 2016 ވަނަ އަހަރު ކައިވެނިކުރި މި ޖޯޑަށް ފުރަތަމަ ދަރިފުޅު ލިބެން މިއުޅެނީ ކައިވެންޏަށް 10 އަހަރު ފުރުނު ފަހުންނެވެ. މި އުފާވެރި ޚަބަރާއެކު ފިލްމީ ދާއިރާގެ ގިނަ ފަންނާނުންނާއި ސަޕޯޓަރުން ދަނީ އެ ދެމަފިރިންނަށް މަރުޙަބާ ކިޔަމުންނެވެ. އަދި އިތުރަށް DivekLoveUpgraded #10saalBaad’# ފަދަ ހޭޝްޓެގްތައް ބޭނުންކޮށްފައިވެއެވެ.
