އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަލީގަޅުގެ ދީނީ އިދާރާއަކުން ބޮލީވުޑް ތަރި ނޯރާ ފަތޭހީގެ އެންމެ ފަހުގެ ލަވަ “ސަރްކޭ ޗުނަރު ތޭރީ ސަރްކޭ” އާ ދެކޮޅަށް ފަތުވާއެއް ނެރެފިއެވެ.
އަލީގަޅުގެ “މުސްލިމް ޕާސަނަލް ދާރުލް އިފްތާ” އިން ނެރުނު ފަތުވާގައި ބުނެފައި ވަނީ ކަންނާޑާ ފިލްމު “ކޭޑީ: ދަ ޑެވިލް” ގައި ހިމެނޭ އެ ލަވައަކީ އިސްލާމީ އުސޫލުތަކާ ހިލާފު، ބަލައިގަނެވޭނެ ފަދަ ލަވައެއް ނޫން ކަމަށެވެ. އެ އިދާރާގެ ޗީފް މުފްތީ މައުލާނާ އިބްރާހީމް ހުސައިން ބުނީ އެ ލަވައިގެ މަންޒަރުތަކަކީ “ބަދުއަހުލާގީ” މަންޒަރުތަކެއް ކަމަށާއި މިފަދަ ކަންކަމުގައި ބައިވެރިވުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށެވެ.
އެ ލަވައާ ގުޅިގެން އާންމުންގެ ރުޅިވެރިކަން ބޮޑުވެ، އިންޑިއާ ސަރުކާރުން ވަނީ އެ ލަވަ މަނާކޮށްފައެވެ. އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު އަޝްވިނީ ވައިޝްނޯ ވިދާޅުވި ގޮތުގައި އެ ލަވަ މަނާކުރީ އޭގެ ބަސްމަގާއި މަންޒަރުތަކާ ގުޅިގެން ލިބުނު ޝަކުވާތަކަށް ބެލުމަށް ފަހުގައެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވެސް މިހާރު އެ ލަވަ ވަނީ ޑިލީޓްކޮށްފައެވެ.
ނޯރާ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ އެ ލަވަ ކުޅުނީ މީގެ ތިން އަހަރު ކުރިން ކަމަށެވެ. އޭނާ އެ ލަވައަށް އެއްބަސްވީ ބޮޑު ފިލްމަކަށް ވެފައި، ސަންޖޭ ދަތު ކަހަލަ މަޝްހޫރު އެކްޓަރަކާ އެކު މަސައްކަތް ކުރަން ލިބުނު ފުރުސަތަކަށް ވާތީ ކަމަށް ނޯރާ ބުންޏެވެ. ނޯރާ ބުނި ގޮތުގައި ކަންނާޑާ ބަސް ނޭނގޭތީ ލަވައިގެ މާނަ އޮޅުންފިލުވީ ފިލްމުގެ ޓީމުގެ ފަރާތުން ކަމަށާއި، އޭރު ގޯސް މާނައެއް އޭގައި އުޅޭ ކަމަށް އެމީހުން ބުނެފައެއް ނުވެއެވެ. ނަމަވެސް ހިންދީ ވާޝަން އިވުމުން އެއީ މައްސަލަ ޖެހޭނެ އެއްޗެއްކަން ވިސްނުނު ކަމަށް އޭނާ ބުންޏެވެ.
