ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރާޅުތައް – ޗެޕްޓަރ 7

ހަގީގަތް ހާމަވުން

“ތިއައީ ކާކު، މިތާ ކީއްކުރަނީ ؟”
ޔަސްމީންގެ އަޑުގައި ވަނީ ސާބިތުކަމެވެ. އޭނާގެ ހިތަށް އަރަމުންދިޔަ ބިރުވެރިކަމަށްވުރެ އެ އަޑު މާ ބޮޑަށްވެސް ސާބިތެވެ.

ބޭރުގައި ހުރި އަމްޝަދު، ނޭވާ ހިފަހައްޓާލިއެވެ. ހިނދުކޮޅަކަށް އޭނާގެ ހިތަށް އެރީ، މީގެ ކުރިންވެސް އެތައް ފަހަރަކު ކަންތައް ކުރި ފަދައިން، ކަނު އަނދިރިގަނޑުގެ ތެރެއަށް ފިލައިގެން ދިއުމަށެވެ. ނަމަވެސް، ކޮންމެވެސް ސަބަބަކާ ހުރެ އޭނާ އެތަނުގައި މަޑުޖެހުނެވެ.

“ޔަސްމީން އަށް ނޭނގުނަސް އަހަރެންނަށް ޔަސްމީން އެނގޭ” މަޑުމައިތިރި، ޖެހިލުންވެފައިވާ އަޑަކުން އަމްޝަދު ބުންޏެވެ.

އެއަށްފަހު ވެރިވީ ހިމޭންކަމެވެ. ބަރު، ދިގުލައިދިޔަ ހިމޭންކަމެކެވެ.

ދެން އިވުނީ ޔަސްމީންގެ ޖަވާބެވެ. “އަހަރެންނަކަށް ތިޔައީ ކާކުކަމެއް ނޭނގޭ،” ތޫނު އަޑަކުން އޭނާ ބުންޏެވެ. “އަދި ބަލާކަށްވެސް ބޭނުމެއް ނޫން.”

އަމްޝަދު އޭނާގެ ލޯ މަރާލިއެވެ. އެ ބަސްތަކުން ހީކުރި ވަރަށްވުރެ ބޮޑަށް އޭނާގެ ހިތަށް ތަދުވިއެވެ.

“ކަލޭ ތިޔަވަނީ އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ ތެރެއަށް ވަދެގަނެފަ،” ޔަސްމީންގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ކޮންމެ ބަހެއްވެސް ބުނަމުންދިޔައީ ކަނޑައެޅިގެންވާ ހަމަޖެހުމަކާއެކުގައެވެ. “ކަލޭ ތިޔަ ހުރީ އަހަރެންނަށް ފާރަލައިގެން… ބަލަން ނުޖެހޭ ވަގުތުތަކެއްގައި އަހަރެންގެ ހަރަކާތްތަކަށް ބަލަން. އެއީ ކަލެއަށް ލިބިގެންވާ ހައްގެއް ނޫން އަދި އަހަރެން އެންމެ އެކަހެރިވެ، ނާޒުކު ހާލަތެއްގައި ހުރި ވަގުތުތަކުގައިވެސް ކަލޭ ވަނީ އަހަރެންގެ އަމަލުތަކަށް ފާރަލާފަ!”

އޭނާގެ އަޑު ބާރެއް ނުވެއެވެ. ނަމަވެސް، ކޮންމެވެސް ސަބަބަކާ ހުރެ އެކަމުން އަމްޝަދަށް ކުރި އަސަރު މާ ބޮޑެވެ.

ބޭރުގައި ހުރި އަމްޝަދު ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ހިތަށް ބަރުވެފައިވާ މިންވަރު ކުޑަވެ، ސިކުނޑި ސާފުވާން ފެށި ފަދައެވެ.

“އަހަރެން…” އޭނާގެ ދުލުން ބަސްތައް ބޭރުވީ އުނދަގުލާއެކުގައެވެ. “އަހަރެން މާފަށް އެދެން.”

އެ މާފަށް އެދުމަކީ އޭނާއަށް ވަރަށް ބީރައްޓެހި، ބަރު ކަމަކަށް ވިއެވެ. ނަމަވެސް އެއީ އިޚްލާޞްތެރި ބަހެކެވެ.

“މިކަން ފެށުނުތާ… ދުވަސްކޮޅެއް ވެއްޖެ،” އޭނާގެ ހިތުގައިވާ އެއްޗެއް ސާފުކޮށް ބުނަން މަސައްކަތް ކުރަމުން ބުންޏެވެ. “ބަލަން ފެށީ މިހާ ކައިރިންނެއް ނޫން. މާ ދުރުން… ކުޑަ ހިނދުކޮޅަކަށް.”

އޭނާ މަޑުޖެހިލިއެވެ. އަދި އަމިއްލަ އިޚްތިޔާރުން ބޭރުގައި ސުވާލެއް ކުރިއެވެ.

“އެކަމަކު… ޔަސްމީންއަށް އެނގުނީ ކިހިނެއް؟”

އެ ސުވާލު ނުކުތީ މަޑުމަޑުންނެވެ. ގަބޫލުކުރަން ދަތިވެފައިވާ ފަދަ ގޮތަކަށެވެ.

ގޭތެރޭގައި ހުރި ޔަސްމީން ވަގުތުން ޖަވާބެއް ނުދެއެވެ. އޭނާގެ ހެދުމުގެ ފަސްބައިގައި އަތުން ބާރަށް ހިފަހައްޓާލައިގެން، ކުޑަދޮރާ ދިމާއަށް ކުޑަ ހިނދުކޮޅަކަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ.

ސަބަބަކީ، އޭގެ ހަގީގަތް އެހާ ސާދާ ނުވުމެވެ.

ޔަސްމީންއަށް އެ އަޑު އިވުނީކީ ނޫނެވެ. ފުރަތަމަ ފަހަރަކު ނޫނެވެ. އޭނާ އެކަން އިހުސާސް ކުރެވުނީއެވެ.

ވައިގެ ތެރޭގައި ހުންނަ ބަދަލުތައް އިހުސާސްވާ ފަދައިންނެވެ. ލޯގަނޑުން ބަލާއިރު ފަހަތުން މީހަކު ބަލާހެން ހީވާ ފަދައިންނެވެ. އޭނާގެ ދުނިޔޭގެ ފަރުދާގެ ފުރަގަހުގައި ނުފެންނަ ކަމެއް ހިނގަމުންދާ ފަދަ އިހުސާސެއް ކުރެވުނީއެވެ.

ލަސްލަހުން ޔަސްމީން ކުޑަދޮރާ ކައިރިވެލިއެވެ. އެދެމެދުގައި ހުރީ ހަމައެކަނި ލަކުޑި ފިލައަކާއި ހިޔަނިތަކުގެ ހުރަހެވެ.

“ކަލޭ ހީކުރީ ކަލޭ ހުރީ ފިލައިގެން ކަމަށް،” އޭނާ މަޑުމަޑުން ބުންޏެވެ.

ކުޑަ ވަގުތުކޮޅެއްގެ ހިމޭންކަމަށްފަހު ބުންޏެވެ. “އެކަމަކު ކަލޭގެ ހަގީގަތް… ދުވަހަކުވެސް ފޮރުވިފައެއް ނެތް.”

އޭނާގެ ލޯ މައްޗަށް އުފުލާލިއެވެ. ހީވަނީ އަމްޝަދުގެ ފުރަގަހުން ދުރަށް ބަލާހެންނެވެ.

“ދެން މިހާރު،” އޭނާގެ އަޑު އިތުރަށް މަޑުވިއެވެ. “އަހަރެން ބޭނުމީ ކަލޭ މިތަނުން ދާން.”

ބޭރުގައި ހުރި އަމްޝަދު ގުޑައެއް ނުލިއެވެ. ސަބަބަކީ އެ ބަސްތަކުގެ އަޑީގައިވާ، އެ އިންޒާރުގެ ފުރަގަހުގައިވާ ކަމެއް އޭނާއަށް އަނެއްކާވެސް އިހުސާސް ކުރެވުނީމައެވެ.

އެ ދަމާބާރެވެ. މިހާރު މާ ވަރުގަދައެވެ. އެއީ އޭނާ ދުރުކުރާ ބާރެއް ނޫނެވެ. އެއީ އޭނާ އެކަމުގެ ތެރެއަށް އިތުރަށް ގެނބިގެންދާ ފަދަ ދަމާބާރެކެވެ.

އަދި ފުރަތަމަ ފަހަރަށް އޭނާއަށް އުނދަގޫވާ ފަދަ ހަގީގަތެއް ވިސްނުނެވެ.

އޭނާއަށް އޭނާ ފެނުނީ ހަމައެކަނި އިއްތިފާގަކުން ނޫނެވެ. ކޮންމެވެސް އެއްޗެއް އޭނާ އެ ދިމާއަށް ގެނައީއެވެ.

“ހަމަ މިހާރު… ދެން މިތަނުން ދޭ!..އެނބުރި ނާންނާތި”

“އެ ބަސްތަކާއެކު، އެ ދެމީހުންގެ ދެމެދުގައި ފަހުގެ ނިންމުމެއް ނިންމި ފަދައެވެ.

ނަމަވެސް އަމްޝަދުއަކަށް ހުރިތަނުން ގުޑައެއް ނުލިއެވެ.
އޭނާ ހުރީ އެ ހަނި ހިޔާގަނޑުގެ ތެރޭގައި ގަނޑުވެފައި ކަހަލަ ގޮތަކަށެވެ. ނޭވާ ވަނީ އަވަސްވެފައެވެ. މޭ އުފުލި ތިރިވަމުން ދިޔައީ، އޭނާގެ ހަށިގަނޑުގެ އެތެރޭގައިވާ ކޮންމެވެސް އެއްޗެއް ޔަސްމީންގެ ބަހަށް ކިޔަމަންވާން ދެކޮޅުހަދާ ފަދަ ގޮތަކަށެވެ. “އަހަންނަކަށް ނުދެވޭނެ،” އަމްޝަދު މަޑުމައިތިރިކަމާއެކު ބުންޏެވެ.

އެ ބަސްތައް ބޭރުވި ވަގުތު، މުޅި މާހައުލަށް ބަދަލުތަކެއް އަތުވެއްޖެއެވެ.
ގޭގެ އެތެރޭގައި ހުރި ޔަސްމީން ހަރަކާތް ހުއްޓި، މަޑުޖެހިލިއެވެ.
ބޭރުގައި ހުރި ވައިރޯޅިތައް އެއީ ވައިރޯޅި ކަމުގައިވާނަމަ އޭގެ މިސްރާބު ބަދަލުކޮށްލިއެވެ.
ގަސްތަކުގެ ތެރެއިންނާއި، ފާރުތަކުގެ ތެރެއިން އަދި އެ ދެމީހުންގެ ދެމެދުގައިވާ ހުސްތަނުގެ ތެރެއިން މަޑުމަޑު އަޑެއް ފެތުރިގެން ދިޔައެވެ. އެއީ ނުފެންނަ ކޮންމެވެސް އެއްޗެއް، އެމީހުންގެ ވާހަކަ އަޑުއެހުމަށްޓަކައި ހޭލައިގަތް ފަދަ އިހުސާސެކެވެ.

ޔަސްމީންގެ ދެލޯ މަޑުމަޑުން ކުޑަދޮރުގެ ހުޅުވިފައިވާ ތަނަށް އަމާޒުވިއެވެ.

“ކީއްވެ؟” ޔަސްމީން ސުވާލުކުރިއެވެ. އޭނާގެ އަޑު މިހާރު ކުރިއަށްވުރެ މަޑެވެ.
އެއީ އޯގާތެރިކަމެއް ނޫނެވެ.
ނަމަވެސް، ކަމެއް ދެނެގަތުމަށް ކުރި ސުވާލެކެވެ.

އަމްޝަދު ކުޅުދިރުވާލިއެވެ. އޭނާއަށް ނޭނގި ނަމަވެސް އޭނާގެ އިނގިލިތައް ބާރުވަމުން ދިޔައެވެ.
“އަހަންނަކަށް ނޭނގެ،” އޭނާ އިއުތިރާފުވިއެވެ. “އަހަރެން ދުރުގައި ހުންނަން މަސައްކަތްކުރަން… އެކަމަކު އަހަންނަށް އާދެވެނީ މިތަނަށް. އެއީ އަހަރެން ނިންމާ ނިންމުމެއް ނޫން. އެކަން އެގޮތަށް… ވަނީ.”
އޭނާ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް، ވަށައިގެންވާ ވައި ބަރުވަމުން ދިޔައެވެ. ލޮނުގަނޑުގެ މީރުވަސް މަޑުމަޑުން ދުވަން ފެށިއެވެ.

އަތިރިމައްޗާ އެހާ ދުރުގައި ހުރި އިރުވެސް، އެ ވަސް އާދަޔާ ހިލާފަށް ގަދައެވެ. އެ ވަސް ލަކުޑި ކުޑަދޮރުގެ ދެމެދުގައިވާ ހުސްތަނުން އެތެރެއަށް ވަދެ، މަޑުމަޑު ނޭވާއެއް ފަދައިން މުޅި ކޮޓަރި ތެރެއަށް ފެތުރިގަތެވެ.

ޔަސްމީންއަށް އެކަން ވަގުތުން އިހުސާސްވިއެވެ.
އެއީ ލޯގަނޑުން ކުރެވުނު ފަދަ އިހުސާސެކެވެ.
ހެނދުނު ކުރެވުނު ފަދަ އިހުސާސެކެވެ.
ޔަސްމީންގެ ހަށިގަނޑުގެ އެންމެ ފުނުން އުފެދިގެން އައި އިހުސާސެކެވެ.
ޔަސްމީންގެ އަތް މަޑުމަޑުން އަނެއްކާވެސް މޭގައި ޖައްސާލިއެވެ. އަދި އެހިނދު
ކުޑަދޮރުން އަޑެއް އިވުނެވެ.
އެއީ މީހަކު އަތްލުމަކުންނެއް ނޫނެވެ.
އެއީ ބާރަކުންނެއްވެސް ނޫނެވެ.
އެކަމަކު އެއީ އެ ދެމީހުންގެ ދެމެދުގައިވާ ކޮންމެވެސް އެއްޗެއް ގާތްވެލި ފަދަ ގޮތަކަށެވެ.
އަމްޝަދުގެ ދެލޯ ކުޑަކޮށް ބޮޑުވެގެން ދިޔައެވެ.
“ޔަސްމީން އަހަރެން އަތެއް ނުލަން” ފަހަތަށް ފިޔަވަޅެއް އަޅަމުން އަމްޝަދު ވާހަކަދައްކަން ފެށިއެވެ.
ނަމަވެސް އެ ހަރަކާތުން ކުރި އެއްވެސް އަސަރެއް ނެތެވެ.
މިހާރު އެ ކަންތައްތައް ހިނގަމުންދަނީ ބޭރަކު ނޫނެވެ.
އެއީ އެ ދެމީހުންގެ ދެމެދުގައެވެ.
އަދި އެ ދެމީހުންގެ އެތެރޭގައެވެ.
އެތެރޭގައި، ޔަސްމީންގެ ފަހަތުގައި ހުރި ލޯގަނޑުން އޭނާގެ ސޫރަ އަނެއްކާވެސް ފެނިލިއެވެ. މިފަހަރު، އެ ސޫރަ މަޑެއް ނުކުރިއެވެ. އެ ސޫރަ ހަރަކާތްކުރިއެވެ.

ޔަސްމީން ހަރަކާތް ކުރުމުގެ އެންމެ ހިނދުކޮޅެއް ކުރިންނެވެ. ޔަސްމީންގެ ނޭވާ ހުއްޓުނެވެ. ވަރަށް ކުޑަ ހިނދުކޮޅަކަށް، ޔަސްމީން ކުރިއަށް ފިޔަވަޅެއް އެޅި ނަމަވެސް، ލޯގަނޑުން ފެންނަ އޭނާގެ ސޫރަ އަދިވެސް ހުރިތަނުގައި ހުއްޓި ހުއްޓާ އޭނާއަށް ފެނުނެވެ.
ބަލަހައްޓައިގެންނެވެ.
ބިރުގަނެފައެއް ނޫނެވެ.
ނަމަވެސް ހޭލުންތެރިކަމާއެކުގައެވެ.
ބޭރުގައި ހުރި އަމްޝަދަށްވެސް އެކަން އިހުސާސްވިއެވެ.
ވަށައިގެންވާ ވައި ބަރުވެ، އޭނާގެ ހަށިގަނޑުގައި ބާރެއް އަޅަމުންދާ ކަހަލައެވެ. އޭނާގެ ހިތުގެ ތެޅުން މިހާރު ހަމައެއް ނޫނެވެ. އެއީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ހިނގާ ކަމެއްހެން ހީއެއް ނުވެއެވެ.

“ޔަސްމީންއަށް މިކަން އިހުސާސްވޭތަ؟” އަމްޝަދު ސިއްރުސިއްރުން އަހާލިއެވެ.

ޔަސްމީންގެ އަޑު އިވެނީ ކިރިޔާއެވެ.
އޭނާ އެއްވެސް ޖަވާބެއް ނުދިނެވެ. ސަބަބަކީ ޔަސްމީން ހުރީ އަމްޝަދުގެ ފުރަގަހުން ދުރަށް ބަލަހައްޓައިގެންނެވެ. ދުރު ހިސާބަކަށެވެ.
ކަނޑާ ދިމާލަށެވެ.
ލޮނުގެ ވަސް ކުރިއަށްވުރެ ގަދަވަމުން ދިޔައެވެ.
މުޅި މާހައުލަށް ހިމޭންކަން ވެރިވިއެވެ. އަދި އެ ހިމޭންކަމުގެ ތެރެއިން ކޮންމެވެސް އެއްޗެއް ގޮވަމުން ދިޔައެވެ.

“ޔަސްމީން….ޔަސްމީންންންން……..”

އަޑަކުން ނޫނެވެ.
އިހުސާސަކުންނެވެ. ދަމާބާރެކެވެ.
އަމްޝަދު އޭނާގެ ގާތަށް ގެނުވި އެ ބާރެކެވެ.
މިއަދު ހެނދުނު އޭނާ ހޭލެއްވި އެ ބާރެކެވެ.

ޔަސްމީންގެ ތުންފަތް ކުޑަކޮށް ހުޅުވިގެން ދިޔައެވެ. ބިރުވެރިކަމަކުން ނޫނެވެ. ނަމަވެސް އެއީ ކޮން އެއްޗެއްކަން އެނގި ހުރެއެވެ. އަދި މިފަހަރު އޭނާ ދާކަށް އަމްޝަދު ގާތަކު ނުބުނެއެވެ.

( ނުނިމޭ )

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top