ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އަނިޔާ ނުވަތަ ބުލީކުރާ ފަރާތްތައް!

އާންމުގޮތެއްގައި އަޅުގަނޑުމެން ގަބޫލުކުރަނީ އަނިޔާވެރިޔާއާއި އަނިޔާ ލިބޭ މީހާ ދެނެގަތުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. އަނިޔާވެރިޔާގެ ކިބައިން ފެންނަ ކަންކަން ސާފުވާނެ ކަމަށާއި، އަނިޔާ ލިބޭ މީހާ ހުންނާނީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް އަޅުގަނޑުމެން އުންމީދު ކުރަމެވެ. ނަމަވެސް، ހަގީގަތަކީ މީގެ މުޅިން އިދިކޮޅެވެ.

ކަން ހިނގާގޮތުގެ އަސްލު ދެނެގަންނަން ބޭނުންނަމަ، އެކަނި ހުރީ ކާކުތޯ ބަލާށެވެ.

އެކަނި ހުންނަ މީހާއަކީ މައްސަލަ އުފައްދާ މީހާގެ ގޮތުގައި ގިނަ ފަހަރަށް ނިންމެއެވެ. އެއީ ގޮތްދޫނުކުރާ، ބަސްނާހާ، ނުވަތަ ކުށްވެރިޔާގެ ގޮތުގައި މީހުން ދެކެއެވެ. ނަމަވެސް، އެހެން މީހުން ހަގީގަތުގެ ކުރިމަތީގައި ހަނު ތިބޭއިރު، އެކަނި ތެދުވުމަށް ބޭނުންވާ ހިތްވަރާއި ވަރުގަދަކަން ދެނެގަތުމުގައި ގިނަ ބަޔަކު ނުކުޅެދެއެވެ.

ގިނަ ފަހަރަށް އެފަދަ މީހުންގެ ވަށައިގެން ތިބޭނީ އެމީހުން ދައްކާ ވާހަކައަށް ހީނ، އެއްބަސްވެ، އަދި ހިނގާ ނުބައި ކަންކަމަށް ލޯމަރާލައިގެން ތިބޭ ރައްޓެހިންނެވެ. ބޭރުފުށުން ބަލާއިރު އެމީހުން ފެންނާނީ ވަރަށް އިތުބާރު އޮތް، ހިތްހެޔޮ، އަދި އެންމެންގެ ލޯބި ލިބިފައިވާ “ރަނގަޅު” ބައެއްގެ ގޮތުގައެވެ. އެމީހުންގެ މަގުބޫލުކަން އެއީ އެމީހުންގެ އައްޑަނައެވެ.

މިދަނޑިވަޅުގައި، އަނިޔާ ލިބޭ މީހާއަށް ކުރިމަތިލާން ޖެހެނީ ހަމައެކަނި އެކަކާ އެކަންޏެއް ނޫނެވެ. މުޅި މާހައުލާ އެވެ.

ބިރުގެ ސަބަބުން އެއްޗެއް ބުނަން ނުކެރި ތިބޭ މީހުންނާ އެމީހުން ކުރިމަތިލާން ޖެހެއެވެ. އަމިއްލަ ސަލާމަތަށްޓަކައި އަނިޔާވެރިޔާއާ ބައިވެރިވާ މީހުންނާ ކުރިމަތިލާން ޖެހެއެވެ. އަދި އަމިއްލަ ނަފްސު ރައްކާތެރިކުރުމުގެ ނަމުގައި، މަޑުމަޑުން ދުރަށްދާ ގާތް އެކުވެރިންނާވެސް ކުރިމަތިލާން ޖެހެއެވެ. މިހެން ގޮސް، އެކަކު އަނެކަކަށްފަހު އެހީތެރިވާނެ އެންމެން މަދުވެ، ހުސްވެއެވެ.

އަނިޔާ ލިބޭ މީހާ އެކަނިވެރިވަނީ އޭނާގެ ކުށަކުންނެއް ނޫނެވެ. ނަމަވެސް، ގޯސްކޮށް ހިނގާ ކަންކަމަށް އޭނާ އިއުތިރާފުވާން ދެކޮޅު ހެދުމުންނެވެ.

މިއީ އަނިޔާވެރިކަމާ ގުޅޭގޮތުން އެނގެން އޮތް އެންމެ ހިތްދަތި ހަގީގަތެވެ. އަނިޔާއަކީ ހަމައެކަނި އެކެއްގެ އަމަލެއް ނޫނެވެ. ގިނަ ބަޔަކު ހަނުހުރުމާއި، ބައިވެރިވުމުގެ ސަބަބުން އެ އަނިޔާގެ ވޭން އެތައް ގުނައަކަށް އިތުރުވެގެންދެއެވެ.

އަނިޔާވެރިޔާގެ ވަށައިގެން މީހުން ޖަމާވަމުންދާއިރު، އަނިޔާ ލިބޭ މީހާ އުފުލަމުންދަނީ ހިމޭން ޒަހަމްތަކެކެވެ. އެހެނަސް، މުޖުތަމައުން ގިނަ ފަހަރަށް މަގުބޫލުކަމަކީ މައުސޫމުކަން ކަމުގައި އަދި އެކަނިވެރިކަމަކީ ކުށްވެރިކަން ކަމުގައި އޮޅުވާލައެވެ.

ވީމާ، އެކަކު ވަށައިގެން ގިނަ ބަޔަކު ތިއްބާ، އަނެކަކު އެކަނި ހުންނާތީ ފެންނަ ކޮންމެ ފަހަރަކު، ގޮތް ނިންމުމުގެ ކުރިން މަޑުޖެހިލާށެވެ. އެންމެ މީހަކާ ދެކޮޅަށް ތެދުވުމަށް އެހާ ގިނަ ބަޔަކު ބޭނުންވަނީ ކީއްވެގެންތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ.

އަސްލު ހިތްވަރަކީ ބަލާނެ ބަޔަކު ބޭނުންވާ ކަމެއް ނޫނެވެ. އެހެނަސް، އަނިޔާވެރިކަން ފޮރުވުމަށް ގިނަ ފަހަރަށް ބޭނުންވަނީ މީހުންގެ ތާއީދެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top