ދިވެހިރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގައި ދިވެހިރާއްޖެ ކުޅުނު ދެވަނަ މެޗުން ވެސް މޮޅެއް ނުލިބި ހާސް ކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.
މިރޭގެ މެޗުގައި ބައްދަލުކުރީ ދިވެހިރާއްޖެ އާއި ބޫޓާނެވެ. މިމެޗަށް ނުކުތްއިރު ވެސް، މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ދެޓީމަށް ވެސް އޮތީ މޮޅެއް ހޯދަން މަޖުބޫރު ވެފައެވެ.
މެޗު ފަށައިގެން ދިވެހިރާއްޖޭއިން މޮޅަށް ކުޅުނު ނަމަވެސް، ބޫޓާންނުން ވަނީ މަޑުމަޑުން ގޭމްގެތެރެއަށް މެޗުގެ ކޮންޓްރޯލް ހޯދައިފައެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މިމެޗުގައި، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދިވެހިރާއްޖެއަށް ވުރެ ގިނައިން ހޯދީ ބޫޓާނެވެ.
ފުރަތަމަ ހާފުގައި ލަނޑެއް ޖަހަން ދިވެހިރާއްޖެއިން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކެޕްޓަން މުހައްމަދު އިލާން އިމްރާންއަށެވެ. އީތަން އާއި ނައްސާހު ގުޅިގެން އުފެއްދި މި ފުރުސަތުގައި އިލާން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތީ ދަނޑީގައި ޖެހިފައި ބޭރަށެވެ.
ލަނޑު ޖަހާނެ ފުރުސަތު ބޫޓާނަށް ވެސް ލިބުނު ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފުގައި ވެސް ދިވެހިރާއްޖެއަށް ވުރެ ރަނގަޅަށް ކުޅުނީ ބޫޓާނެވެ. އަވަސް ޕާސްތަކާއިއެކު ހަލުވި ކުޅުމެއް ކުޅެ ފުރުސަތުތައް ފަހިކުރަމުން ދިޔަ ބޫޓާންގެ ހަމަލާތައް ހުއްޓުވުމުގައި ދިވެހިރާއްޖޭގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ.
ލަނޑު ޖަހާނެ ފުރުސަތު ދެވަނަ ހާފުގައި ވެސް ދިވެހިރާއްޖެއަށް ލިބުނެވެ. އެގޮތުން ދިވެހިރާއްޖެއިން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ބޫޓާންގެ ކީޕަރެވެ.
މެޗުގެ ފަހު ވަގުތުކޮޅު ވެސް ބޫޓާނުން ވަނީ ދިވެހިރާއްޖޭގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ފޮނުވާލި ހަމަލާއެއް ގޯލު ހުރަސް ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައިސްފައި ވެއެވެ.
ލަނޑެއް ނުޖެހި މިމެޗް ނިމުމާއިއެކު މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް އަމިއްލަ ބާރު މި ދެޓީމަށް ވެސް ވަނީ ގެއްލިފައެވެ. 6 ޕޮއިންޓާއިއެކު ސެމީފައިނަލްގެ ޖާގައެއް މިހާރު ވަނީ ނޭޕާލަށް ޔަގީން ވެފައެވެ. ހުކުރު ދުވަހު ހަވީރު ނޭޕާލާއި ބައްދަލުކުރާ މެޗުން ދިވެހިރާއްޖެ މޮޅުވިޔަސް މި ގުރޫޕުން ސެމީފައިނަލްގެ ޖާގަ ލިބޭ ދެވަނަ ޓީމު ޔަގީންވާނީ އެރޭ ކުޅޭ ސްރީލަންކާ ބޫޓާން މެޗު ނިމުމުންނެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ އިންޑިއާ އާއި ޕާކިސްތާނެވެ.
