ނިދުމުގެ ތިން ގަޑިއިރު ކުރިން ކެއުން ހުއްޓާލުމަކީ ހިތުގެ ސިއްހަތާއި މެޓަބޮލިކް ދުޅަހެޔޮކަން ރަނގަޅުކޮށްދޭ ކަމެއް ކަމަށް ނޯތުވެސްޓާން މެޑިސިންގެ އައު ދިރާސާއަކުން ދައްކައިފިއެވެ.
ސިއްހަތާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު އާންމުކޮށް ދެކެވެނީ ކާ އެއްޗެހީގެ ވާހަކައެވެ. ނަމަވެސް ކާ ގަޑިއަކީ ވެސް ކާ އެއްޗެހި ފަދައިން ސިއްހަތަށް މުހިންމު ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. “އާޓީރިއޯސްކްލީރޯސިސް، ތްރޮމްބޯސިސް، އެންޑް ވެސްކިއުލާ ބައޮލޮޖީ ޖާނަލް”ގައި ފެބްރުއަރީ މަހު ޝާއިއުކުރި މި ދިރާސާގައި ބެލީ ރޭގަނޑުގެ ނުކައިތިބޭ ވަގުތު ދިގުކޮށް، ހަށިގަނޑުގެ ގުދުރަތީ ނިދުމާއި ހޭލުމުގެ ސައިކަލާ އެއްގޮތަށް ކެއުން ބައްޓަންކުރުމުން ހިތާއި މެޓަބޮލިކް ސިއްހަތަށް އަންނަ ބަދަލެވެ. ކެލޮރީގެ މިންވަރަށް އެއްވެސް ބަދަލެއް ނުގެނެހެވެ.
މި ދިރާސާގައި ބައިވެރިކުރީ އުމުރުން 36 އަހަރާއި 75 އަހަރާ ދެމެދުގެ، ބަރުދަން އިތުރު ނުވަތަ ފަލަ، ކާޑިއޯމެޓަބޮލިކް ބަލީގެ ނުރައްކާ ބޮޑު 39 މީހެކެވެ. އެ މީހުން ދެ ގުރޫޕަކަށް ބެހި އިރު، އެއް ގުރޫޕުން ނިދުމުގެ ތިން ގަޑިއިރު ކުރިން ކެއުން ހުއްޓާލިއެވެ. ދެ ގުރޫޕުން ވެސް ނިދުމުގެ ތިން ގަޑިއިރު ކުރިން ބޮކި ފަނޑުކުރިއެވެ. ހަތް ހަފުތާ ބައިގެ ތަޖުރިބާއަށް ފަހު، ނުކައި ތިބޭ ގުރޫޕުގެ ރޭގަނޑުގެ ލޭގެ ޕްރެޝަރު 3.5 އިންސައްތަ ދަށްވެ، ހާޓް ރޭޓް 5 އިންސައްތަ ދަށްވިއެވެ. ދުވާލު ހެލިފެލިވެ އުޅޭ ވަގުތު ހާޓް ރޭޓް މަތިވެ، ދުވާލާއި ރޭގަނޑުގެ ތަފާތު ބޮޑުވުމަކީ ހިތުގެ ސިއްހަތު ރަނގަޅުކަމުގެ ނިޝާނެއް ކަމަށް ދިރާސާވެރިން ބުންޏެވެ. ދުވާލުގެ ލޭގެ ހަކުރު ކޮންޓްރޯލް ވެސް ރަނގަޅުވި ނަމަވެސް، އިންސިއުލިން ސެންސިޓިވިޓީގެ މައިގަނޑު މިންގަނޑަކަށް ބަދަލެއް ނައެވެ.
“ހަށިގަނޑުގެ ގުދުރަތީ ނިދުމާއި ހޭލުމުގެ ރިދަމާ އެއްގޮތަށް ނުކައި ހުސްބަނޑާ ތިބޭ ވަގުތު ބައްޓަންކުރުމުން ހިތާއި މެޓަބޮލިޒަމާއި ނިދުމުގެ ގުޅުން ރަނގަޅުވޭ، މި ހުރިހާ ކަމެއް ގުޅިގެން ހިތުގެ ސިއްހަތު ރައްކާތެރިކޮށްދޭ” ކަމަށް ދިރާސާގެ ފުރަތަމަ ލިޔުންތެރިޔާ ޑރ. ޑެނިއެލާ ގްރިމާލްޑީ ވިދާޅުވިއެވެ. ދިރާސާގައި ބައިވެރިން 90 އިންސައްތައަށް މި އުސޫލަށް ތަބާވީ ކަމަށް ދައްކާފައިވާތީ، މިއީ އާންމު މީހުންނަށް ވެސް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށް ދިރާސާވެރިން ފާހަގަކުރިއެވެ. ދިރާސާގެ ކޮރެސްޕޮންޑިން ލިޔުންތެރިޔާ ޑރ. ފިލިސް ޒީ ވިދާޅުވީ “ކެއުމުގެ މިންވަރާއި ކާ އެއްޗެހި އެކަންޏެއް ނޫން، ނިދުމާ ގުޅިގެން ކާ ވަގުތަކީ ވެސް މުހިންމު ކަމެއް” ކަމަށެވެ.
މިއީ ބޭހަކާ ނުލައި ހިތުގެ ސިއްހަތާއި މެޓަބޮލިކް ދުޅަހެޔޮކަން ރަނގަޅުކުރެވިދާނެ އަމަލީ ގޮތެއް ކަމަށް ދިރާސާވެރިން ބުންޏެވެ. ނިދުމުގެ ތިން ގަޑިއިރު ކުރިން ކެއުން ހުއްޓާލައި، ބޮކި ފަނޑުކޮށްލުމަކީ މިރޭ ވެސް ފެށިދާނެ ކަމެކެވެ.
