އެޕަލްގެ އެއާޑްރޮޕްގައި ހިމެނޭ ނޭމްޑްރޮޕް ފީޗާއާ އެއްގޮތް ގޮތަކަށް، ގޫގުލްގެ ކުއިކް ޝެއާއަށް އެންއެފްސީ (ދެ ފޯނު ޖައްސާލައިގެން ޑޭޓާ ބަދަލުކުރެވޭ ޓެކްނޮލޮޖީ) މެދުވެރިކޮށް ފައިލް ޝެއާ ކުރެވޭ ފީޗާއެއް އިތުރުކުރުމުގެ މަސައްކަތް ގޫގުލް އިން ކުރަމުން އެބަ ގެންދެއެވެ.
2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރިޕޯޓުތަކުން ހާމަވި ގޮތުގައި ގޫގުލް އިން ކުއިކް ޝެއާއަށް އެންއެފްސީ އިންޓެގްރޭޝަން ގެނައުމުގެ މަސައްކަތް ފެށީ ފޯނު ޖައްސާލައިގެން ކޮންޓެކްޓް ޝެއާ ކުރެވޭ ގޮތް ހެދުމަށެވެ. އެންޑްރޮއިޑް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި، އެންޑްރޮއިޑް 17ގެ ބީޓާ އަދި ކެނެރީ ބިލްޑްތަކުގައި “ޓެޕް ޓު ޝެއާ” ޖެސްޗާއާ ގުޅޭ ސްޓްރިންގްތައް ހިމެނިފައިވެއެވެ.
ގޫގުލްގެ އިތުރުން ސެމްސަންގް އިން ވެސް މި ފީޗާ ވަން ޔޫއައި 9 ގައި ހިމެނުމުގެ މަސައްކަތް ކުރަމުންދެއެވެ. ވަން ޔޫއައި 9ގެ ލީކުވެފައިވާ ބިލްޑެއްގައި “ޓެޕް ޓު ޝެއާ” ފީޗާ ހިމެނޭއިރު، އެ ފީޗާ ސިފަކޮށްފައިވަނީ “ފޯނުގެ މަތީ ބައި އަނެއް ޑިވައިސާ ކައިރިކޮށްލުމުން ފައިލްތައް ފޮނުވާލެވޭނެ” ގޮތެއްގެ ގޮތުގައެވެ. ކުއިކް ޝެއާގެ ބޮޑެތި އަޕްޑޭޓްތަކުގައި ގޫގުލް އިން ކުރިން ވެސް ސެމްސަންގާ ގުޅިގެން މަސައްކަތް ކޮށްފައިވެއެވެ.
އެންއެފްސީ ބޭނުންކޮށްގެން ފައިލް ޝެއާ ކުރުމަކީ މުޅިން އައު ކޮންސެޕްޓެއް ނޫނެވެ. އެންޑްރޮއިޑްގެ ކުރީކޮޅު ބަމްޕް ނަމަކަށް ކިޔާ ތާޑް ޕާޓީ އެޕަކުން މިފަދަ ފީޗާއެއް ގެނެސްދިނެވެ. ގޫގުލް އިން 2013 ގައި އެ ސްޓާޓްއަޕް ގަތް ނަމަވެސް 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު އެ އެޕް ބަންދުކުރިއެވެ. އެ ދުވަސްވަރު ބަމްޕް ބޭނުންކުރީ ބްލޫޓޫތު ކަމުން ބޮޑެތި ފައިލް ޓްރާންސްފާ ކުރުން ވަރަށް ލަސްވެއެވެ. ނަމަވެސް މިހާރު ކުއިކް ޝެއާ ބޭނުންކުރަނީ ވައިފައި ޑައިރެކްޓް ކަމުން ގިގަބައިޓުން ޑޭޓާ ސިކުންތުކޮޅެއް ތެރޭ ޓްރާންސްފާ ކުރެވެއެވެ.
މި ފީޗާގެ ސަބަބުން ކުއިކް ޝެއާގައި މިހާރު ހުރި ބައެއް ދަތިތައް ހައްލުވާނެ ކަމަށް ބެލެވެއެވެ. މިހާރު ޑިވައިސް ވިޒިބިލިޓީ ޓޮގަލް ކުރުމާއި ކައިރީގައި ހުރި ޑިވައިސް ފެންނަންދެން މަޑުކުރަން ޖެހެއެވެ. ގޫގުލް އިން އެންޑްރޮއިޑް 17ގެ ޕަބްލިކް ރިލީޒާ އެކު މި ފީޗާ ރަސްމީކޮށް އިޢުލާނުކުރުން އެކަށީގެންވާއިރު، ފުރަތަމަ މި ފީޗާ ލިބޭނީ ޕިކްސެލް އަދި ސެމްސަންގް ފޯނުތަކަށް ކަމަށް ބެލެވެއެވެ.
