އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ފަހަތުން އަރައި ރާއްޖެއިން ޓިމޯ ލެސްޓޭ ބަލިކޮށްފިއެވެ. ރާއްޖެއިން ޓިމޯ ލެސްޓޭ ބަލިކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ ޓީމުން އެޓޭކިން މޮޅު ކުޅުމެއް ދައްކައި ފުރުސަތުތައް ތަނަވަސްކުރިއެވެ. 24 ވަނަ މިނެޓުގައި އަޙްމަދު އައިހަމް އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއް އިބްރާޙީމް މަހުދީ ހުސެއިން ބޮލުން ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް، ގޯލު ލައިން މަތިން ކަހަލަ ގޮތަކަށް ޓިމޯ ލެސްޓޭގެ ކީޕަރު ޑިލަން ހޯސޭ ނިސްކީ ބޯޅަ ދިފާއުކުރިއެވެ. ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފުގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުން ދިޔައީ ރާއްޖެ ޓީމުންނެވެ. ނަމަވެސް ދިވެހި ކުޅުންތެރިން އަތުން ގެއްލުނު ބޯޅައެއްގެ ފައިދާ ނަގައި ޓިމޯ ލެސްޓޭގެ އެލެކްޒެންޑްރޯ ބަޙިތޯ ލެމޯސް ލަނޑު ޖަހައި އެ ޓީމަށް ލީޑު ނެގިއެވެ.

ފޮޓޯ: ނައުޝަމް ވަޙީދު / އިމޭޖަސް.އެމްވީ
ފުރިހަމަ ވަގުތު ހަމަވާން 4 މިނެޓަށް ވެފައި ވަނިކޮށް ރާއްޖެއިން ނަތީޖާ ހަމަހަމަކުރިއެވެ. ސިފާއު އޭރިއާ ތެރެއަށް އެއްލި ބޯޅަ ސަމޫޙް ޖައްސާލުމުން ލިބުނީ އިރުފާނަށެވެ. އިރުފާން ފުރަތަމަ ޖެހި ބޯޅަ ހުރަސް ދަނޑީގައި ޖެހިފައި ގޯލު ކުރިމައްޗަށް ވެއްޓުނު ވަގުތު އޭނާ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލިއެވެ.
މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް އަލީ އަޝްފާޤާއި އަލީ ފާސިރު (ސެންޓޭ) ކުޅެން ނެރުނެވެ. މިއީ އަޝްފާޤު ޤައުމީ ޓީމަށް ކުޅެދިން 99 ވަނަ މެޗެވެ. މެޗުގެ އިތުރު ވަގުތުގައި އަޝްފާޤު ހޯދައިދިން ޕެނަލްޓީ ކާމިޔާބުކޮށް ރާއްޖެއަށް މޮޅު ހޯދައިދިނީ އަލީ ފާސިރެވެ.
