މިއީ ފަރުމަހު ޗީޒް ފިންގަރސް، ކުކުޅުމަހުގައި ތައްޔާރުކޮށްލާ ރަހަފަތެކެވެ. ސުފުރާމަތި ފަޅުފިލުވައިލާ އަނގަޔަށް މީރު ކާއެއްޗަކަށް ޗިކަން ޗީޒް ފިންގަރސް ވާނެކަމަށް އުއްމީދު ކުރަމެވެ.

މިއީ ވެސް ތުއްތުކުދިންނާއި ބޮޑެތިމީހުންނަށްވެސް ވަރަށް ކަމުދާނެ ކާނާއެކެވެ. ޗިކަން ޗީޒް ފިންގަރސް އަކީ ރޯދަ ވީއްލާ ސުފުރާއަށާއި އަޅުގަނޑުމެންގެ ދަރިންގެ އިންޓަވަލް ގަޑިއަށް ތައްޔާރުކޮށްލަން ވަރަށް އެކަށީގެންވާ ހެދިކާ އެކެވެ. ހަމަ އެހެންމެ ހަވީރު ސަޔަށް ވެސް ވަރަށް އެކަށީގެންވާ ހެދިކާއެކެވެ.

ބޭނުންވާނެ ތަކެތި:

250 ގްރާމް ޗިކަން ކިއުބްސް

1 ސައިސަމުސާ މުގުރި ހިކިމިރުސް

1 ސައިސަމުސާ އޮރެގާނޯ

1/2 ސައިސަމުސާ މުގުރި އަސޭމިރުސް

1/2 ސައިސަމުސާ މުގުރި ލޮނުމެދު

1/2 ސައިސަމުސާ ނުވަތަ ރަހަލާވަރަށް ލޮނު

1 ޖޯޑު ގާނާފައިހުރި ޗީޒް

1 ޖޯޑު ގޮދަންފުށް

2 ކުކުޅުބިސް ރަނގަޅަށް ގިރާފައި

1 ޖޯޑު ފާރޮށި ކުނޑި

ތެލުލުމަށް ބޭނުންވާނެ މިންވަރަށް ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ޗިކަން ކިއުބުތައް ނުވަތަ ކަށި ނައްޓާފައިހުރި ކުކުޅުމަސް ތައް ބްލެންޑަރަށް އަޅައިގެން ރަނގަޅަށް ޗަސްކޮށްލާށެވެ. އޭރުން ހުންނާނީ ގުޅަރިހަ ކެއްކުމަށް ފަރުމަސް ކެހުމުން މަސް ހުންނަގޮތަށެވެ. ކުކުޅުމަސް ކޮޅު ތަށްޓަކަށްއަޅައި އޭގެ ތެރެއަަށް މުގުރި ހިކިމިރުސް، އޮރެގާނޯ، އަސޭމިރުސް، ލޮލުމެދު، ލޮނު، ޗީޒް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

އަތުގައި ތެޔޮފޮދެއް ނުވަތަ މާޖިރިން ކޮޅެއް އުނގުޅުމަށްފަހު ތައްޔާރުކޮށްފައިހުރި މަސްގަނޑުން އެތިކޮޅެއް ދެއަތްތިލަ ދެމެދަށް ލައިގެން އިނގިއްޔެއްގެ ބައްޓަމަށް ވަށާލާށެވެ. އެއަށްފަހު ތައްޔާރުކޮށްލި މަސްކޮޅު ފުށަށް ލުމަށްފަހު، ބިހުގެ ތެރެއަށްލާށެވެ. އޭގެފަހުން ފާރޮށިކުނޑިއަށްލުމަށްފަހު ހޫނުކޮށްހުރި ތެޔޮ އެއްޗަށް އަޅައިގެން ތެލުލާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.