ޓެނެރީފްގެ ހުޅަނގު ދެކުނު އައްސޭރިފަށުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދެއް ކަމަށްވާ “ޒެޑް.އީ.ސީ ޓެނޯ-ރާސްކާ ޒޯން” އިން ފެންނަމުންދަނީ، ހިތްދަތިކަމުން ފުރިގެންވާ، ނަމަވެސް މިއަދުގެ ހަޤީޤަތް ހާމަކޮށްދޭ މަންޒަރުތަކެކެވެ.
މި ސަރަހައްދުގައި އުޅޭ ޕައިލެޓް ވޭލްތަކެއް އޭގެ ތުއްތު ދަރިފުޅު މަރުވުމުން، އެ ސޮރުމެން އެ ދަރިފުޅު ދޫކޮށެއް ނުލައެވެ. އޭގެ ބަދަލުގައި، މަރުވެފައިވާ އެ މަސްގަނޑު ބޮލުގެ މަތީގައި ނުވަތަ އަނގައިން ހިފަހައްޓައިގެން ދުވަސްތަކެއް، ނުވަތަ ހަފުތާތަކެއް ވަންދެން ގެންގުޅެއެވެ. އަދި އެ މަސްގަނޑު އަޑިއަށް ދިޔަނުދީ ހިފެހެއްޓުމަށްޓަކައި ތަކުރާރުކޮށް މައްޗަށް އަރުވައެވެ. ސައިންސްވެރިން ބަޔާންކުރާ ގޮތުގައި މިއީ “އެޕިމެލެޓިކް” އުޅުމެކެވެ. މިއީ އިންސާނުންނެކޭ އެއްފަދައިން، ބޮޑުމަހާއި ކަނޑުމަހުގެ ބައެއް ބާވަތްތަކުގެ މެދުގައި އޮންނަ ގާތް ގުޅުމާއި ޖަޒުބާތީ ލޯބީގެ ސަބަބުން ފެންނަ ހިތާމަ ފާޅުކުރުމުގެ އަމަލެކެވެ.
މިކަމުގައި ތަހުޤީޤުކުރާ ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވަނީ މިފަދަ ހާދިސާތައް ހިނގާ މިންވަރު އިތުރުވަމުން ދާތީއެވެ.
ފާއިތުވި ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، މި ސަރަހައްދުގައި އުޅޭ ޕައިލެޓް ވޭލްތައް ދިރިއުޅެމުންދަނީ ނުހަނު ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ކަނޑުމަތީގެ އުޅަނދުފަހަރާއި، ފެރީތަކާއި، ފަތުރުވެރިން ގޮވައިގެން ދަތުރުކުރާ ލޯންޗުފަހަރުގެ އިތުރުން ޖެޓްސްކީތަކުގެ ސަބަބުން، އެ ސޮރުމެން އެކަކު އަނެކަކާ މުއާމަލާތްކުރުމަށާއި، ކާނާ ހޯދުމަށާއި، އަރާމުކުރުމުގެ އިތުރުން ދަރިން ބަލައިބޮޑުކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ވިހާ ތުއްތު މަސްތައް މަރުވާ މިންވަރު އިތުރުވެ، އެތައް މައި މަސްތަކެއް ދިގު މުއްދަތަކަށް ހިތާމައިގެ ތެރެއަށް ޣަރަޤުވަމުންދެއެވެ.

ޓެނޯ-ރާސްކާ ޒޯނަކީ ޚާއްޞަ ގޮތެއްގައި ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް، އަމަލީ ގޮތުން އެ ސަރަހައްދު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް ވަރަށް މަދެވެ. ކުރިމަތިވަމުންދާ ނުރައްކާތައް ރަނގަޅަށް އެނގެން އޮތް ނަމަވެސް، އެކަންކަމަށް އެދެވޭ ހައްލެއް އަދި ހޯދިފައެއް ނުވެއެވެ.
މި ހިތްދަތި މަންޒަރަކީ ހަމައެކަނި ޖަނަވާރެއްގެ ފަރާތުން ފެންނަ އާދަޔާޚިލާފު އަމަލެއް ނޫނެވެ. މިއީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ހާމަކޮށްދޭ، އަދި ކަނޑުގެ އަޑިން އިވެމުންދާ ހިމޭން ގޮވައިލުމެކެވެ.
