މާޒީއަށް ބަލާލާއިރު، މާ ބޮޑު މަސައްކަތެއް ނުކޮށްވެސް އަންހެންވަންތަ ރީތިކަން ފެންނަ ޒަމާނެއް ދިޔައެވެ. އޭރު އެ ރީތިކަން ފެންނަނީ ވަރަށް ގުދުރަތީ ގޮތަކަށެވެ.
އުފާވެރި ހަގީގީ ހިނިތުންވުމަކާއި، އުންމީދުން ފުރިގެންވާ ގުދުރަތީ އަސަރުގަދަ ދެލޮލެވެ. ފުރިހަމަކުރަން މާ ބޮޑު މަސައްކަތެއް ނުކޮށް، އާދައިގެ ގޮތަކަށް ހުޅި އެއް ޖަހައިފައިވާ ނުވަތަ އައްސާލެވިފައިވާ އިސްތަށިގަނޑެވެ. ކެމެރާއަށް ދައްކަން ނޫން ނަމަވެސް، ހަށިގަނޑަށް ފަސޭހަ އާދައިގެ ހެދުންތަކާއި އާދައިގެ ހޫނު ނުވާ ބުރުގާ އެކެވެ. އެއީ މާ ކުރީއްސުރެ ދަންނަ ގާތް މީހެއް ފަދަ، ހިތަށް ފަސޭހަކަން ގެނެސްދޭ ފެނުމެކެވެ.
“ގާރލް ނެކްސްޓް ޑޯ” ނުވަތަ އަވަށްޓެރި އާދައިގެ އަންހެން ކުއްޖެއްގެ ސިފައަކީ ވަގުތީ ފެޝަނަކަށް ވުރެ ބޮޑަށް، ހިތްހަމަޖެހުމާއި ގުޅިފައިވާ ކަމެކެވެ. ނަމަވެސް ފަހަކަށް އައިސް އަޅުގަނޑުގެ ހިތަށް އަރައެވެ. މިފަދަ ސާދާކަން މަޑުމަޑުން ފަނޑުވެ ނެތިގެން ދަނީ ހެއްޔެވެ؟
މިއަދު ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް ފެންނަނީ ވަރަށް ބޮޑަށް ތައްޔާރުވެ، ފުރިހަމަކޮށްފައިވާ މަންޒަރުތަކެވެ. ގިނަ ވަގުތާއި ހުނަރު ބޭނުންވާ ފުރިހަމަ މޭކަޕްތަކެވެ. ފަރުވާތެރިކަމާއެކު ކުރަހާ ގަދަ ކުލަތަތައް ޖައްސާފައިވާ ތުންފަތްތަކެވެ. މަޝްހޫރު ބްރޭންޑްތަކުގެ ހެދުންތަކާއި، އެއާ ގުޅޭ ދަބަހާއި، ފައިވާނާ،، އަދި ގޮތް ގޮތަށް ކުލަޖައްސާފައިވާ ނިޔަފަތިތަކެވެ. ހުރިހާ ކަމެއް ހުރީ ވަރަށް ބޮޑަށް ރޭވި، ފުރިހަމަ ކުރެވިފައެވެ.
އަދި ބުނެލަން ބޭނުމެވެ. މޭކަޕު ކުރުމާއި ރީތިވުމަށް ލޯބިކުރުމަކީ ނުވަތަ ފެޝަނަށް ޝައުގުވެރިވުމަކީ އެއްވެސް ގޮތަކަށް ގޯސް ކަމެއް ނޫނެވެ. ގިނަ ބަޔަކަށް އެއީ ފަންނެކެވެ. އަމިއްލަ ނަފުސަށް އޮންނަ އިތުބާރެވެ. އެމީހެއްގެ ހިތްހަމަޖެހުމާއި ވަކިވަކިވަންތަކަމެވެ.
ނަމަވެސް، މި ދަތުރުގެ ތެރެއިން ކޮންމެވެސް ހިސާބަކުން، “އާދައިގެ ގޮތް” ނުވަތަ “ސާދާކަން” އެއީ އެންމެ އެކަށީގެންވާ މިންވަރު ނޫން ކަމަށް ބެލެވެން ފަށައިފިއެވެ. މޭކަޕަކާ ނުލައި، އާދައިގެ ބުރުގާ ނުވަތަ ހެދުމެއްގައި، ހިތްހަމަޖެހިލައިގެން ހުރުމަކީ ކޮންމެވެސް ސަބަބެއް ދައްކަންޖެހޭ ކަމަކަށް ވެއްޖެއެވެ. ހީވަނީ އަމިއްލަ އަސްލު ސިފަ، އެއްވެސް އިތުރު ފަރުދާއެއް ނެތި ފެންނަން ހުރުމަކީ ވަރަށް އާދަޔާ ހިލާފު ލަދުވެތި ކަމަކަށް ވެއްޖެހެންނެވެ.
މިއީ އަޅުގަނޑުމެން ވިސްނާލަން މަޖުބޫރު ކުރުވާ ކަމެކެވެ. ސަބަބަކީ އެއްވެސް މީހެއްގެ ސަމާލުކަމަށް ނޭދޭ، އެހެނަސް ބަލާލަން ހައްގު ސާދާ ރީތިކަމެއް އާދައިގެ ގޮތްތަކުގައި އެކުލެވިގެންވާތީއެވެ. އެއީ އަމިއްލަ ނަފްސާ މެދު އޮންނަ އިތުބާރާއި ހަމަޖެހުމުން އުފަންވާ ރީތިކަމެކެވެ. އެއީ އެހެން މީހުންނާ އަޅާކިޔައި، ދެއްކުންތެރިކަމަށްޓަކައި ކުރާ ކަމެއް ނޫނެވެ.
ފަހަރުގައި “ނެޗުރަލް ބިއުޓީ”ގެ ސިފަތައް މުޅިން ނެތިގެން ދިޔައީއެއް ނޫނެވެ. ފަހަރުގައި އޭނާ މިހާރު އިޚްތިޔާރު ކުރަނީ މީސްމީޑިއާގެ ޕޯސްޓްތަކަށް ނާރާ، ހިމޭން އަމިއްލަ ވަގުތުތަކެވެ. އެއްވެސް ފިލްޓަރެއް ނެތް ހެނދުނުގެ ވަގުތުތަކާއި، ފުރިހަމަ އޭންގަލްތަކަށް ނުބަލައި ހީނލާ އުޅުމުގެ އުފާވެރިކަމެވެ. އަދި ދެއްކުންތެރިކަމެއް ނެތި ހިތްހަމަޖެހުމަށް އިސްކަންދޭ ދުވަސްތަކެކެވެ.
ފަހަރުގައި އޭނާ އަދިވެސް އެބަހުއްޓެވެ. އެކަމަކު އެހެން މީހުންނާ ވާދަކުރުމުގެ ވިސްނުމެއް ނެތެވެ. އަދި އެއީ އެންމެ ރަނގަޅު ގޮތް ކަމުގައިވެސް ވެދާނެއެވެ. ސަބަބަކީ އަސްލު ރީތިކަމަކީ އަބަދު އަޑުގަދަވެފައި، އަގުބޮޑުވާންޖެހޭ އެއްޗަކަށް ނުވާތީއެވެ. އެހެން އެންމެންނަށް ފެނުމަކީވެސް އޭގެ މާނަ ހުރި މިންވަރު އަންގައިދޭ ކަމެއް ނޫނެވެ.
ބައެއް ފަހަރު، އެ ރީތިކަން އޮންނަނީ މާ ބޮޑު ފަރުވާތެރިކަމެއް ނެތްގޮތަށް ހުޅިއެއް ނުވަތަ އައްސާލާފައި އޮންނަ އިސްތަށިގަނޑުގައެވެ. ފަސޭހަކަމާއެކު އަޅާލައިފަ އޮންނަ އާދައިގެ ބުރުގާގައެވެ. ގުދުރަތީ މޫނުމަތީގައެވެ. ހަމައެކަނި އަމިއްލަ ނަފްސާއެކު އޮންނަ ހަމަޖެހުމުގައެވެ. އަދި ފަހަރުގައި، އަޅުގަނޑުމެންގެ އެ ސާދާ ސިފައަކީވެސް އުފާކުރަންޖެހޭ، އަގުހުރި ސިފައެކެވެ.
“ހަގީގީ ރީތިކަމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ސިފައެއް ނޫނެވެ.”
