ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން އިންތިޒާމްކޮށްގެން ބޭއްވި “ފީފާ ވިމެންސް ޗެމްޕިއަންސް ކަޕް”ގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި އާސެނަލްއިން ތަށި އުފުލާލައިފިއެވެ.
ސަރަހައްދުތަކުގެ ޗެމްޕިއަނުންގެ މެދުގައި ބޭއްވުނު މި މުބާރާތަކީ ފީފާއިން އިންތިޒާމްކޮށްގެން ބޭއްވި ވިމެންސް ޗެމްޕިއަންސް ކަޕްގެ ފުރަތަމަ މުބާރާތެވެ.
ލަންޑަންގައި ކުރިޔަށްދިޔަ މި މުބާރާތުގައި ހަ ޓީމެއް ވާދަކުރިއެވެ. ޔޫއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި އާސެނަލްއިން މި މުބާރާތުގައި ވާދަކުރިއިރު، ކޮރިންތިއަންސްއަކީ ދެކުނު އެމެރިކާ ސަރަހައްދުގެ ޗެމްޕިއަންއެވެ. ދެން މި މުބާރާތުގައި ވާދަކޮށްފައިވަނީ އުތުރު އެމެރިކާ ސަރަހައްދުގެ ޗެމްޕިއަން ގޮތަމް އެފްސީ އާއި އެފްރިކާ ސަރަހައްދުގެ ޗެމްޕިއަން ރޯޔަލް އާމް ފޯސް އަދި އޭއެފްސީ ވިމެންސް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ވޫހާން ޖިއަންޑާ އާއި އޯޝޭނިއާ ސަރަހައްދުގެ ޗެމްޕިއަން އޮކްލެންޑް ޔުނައިޓެޑްއެވެ.
ފޯރިގަދަ، ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އާސެނަލްއެވެ. އޮލިވިއާ ސުމިތު ޖަހައިދިން ލަނޑުން އާސެނަލް ކުރި ހޯދި ނަމަވެސް ލީޑުގައި މާގިނައިރު ހިފަހައްޓާލެވޭވަރެއް ނުވިއެވެ. އާސެނަލްއިން ލަނޑު ޖެހިތާ މާގިނައިރެއްނުވެ ކޮރިންތިއަންސްގެ ގަބީ ޒަނޯޓީ ވަނީ ލަނޑެއް ޖަހައި، ކޮރެންތިއަންސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު، މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
ދެވަނަ ފަހަރަށް ވެސް ލީޑު ނެގީ އާސެނަލްއިންނެވެ. ދެވަނަ ހާފުގެ ކުރީކޮޅު އާސެނަލްއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ލޯޓޭ ވުމެން މޮއިއެވެ. ޑިފެންސަށް ޚާއްސަ އިސްކަމެއް ދީގެން ކުޅެމުންދިޔަ އާސެނަލް މި ނަތީޖާގައި މެޗުން މޮޅުވެދާނެ ކަމަށް ހީވި ނަމަވެސް، ކޮރެންތިއަންސްއިން ވަނީ ފަހުވަގުތު ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި ކޮރެންތިއަންސްއިން ލަނޑު ޖެހީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ވިކްޓޯރިއާ އެވެ.
އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން، އާސެނަލްއިން މޮޅުވި މި މެޗުގައި އާސެނަލްއަށް ތިންވަނަ ލަނޑު ޖަހައިދިނީ ކެއިތުލިން ފޯޑެވެ. ކެއިތުލިން ފޯޑު އާސެނަލަށް މި ލަނޑު ޖަހައިދިނީ އިތުރު ވަގުތުގެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފުގެ ފަހުކޮޅު އެވެ.
މި މުބާރާތް މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަން ފީފާއިން ހަމަޖައްސާފައިވާއިރު، ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު، ފީފާ ވިމެންސް ކުލަބް ވޯލްޑްކަޕް ވެސް ބާއްވަން ފީފާއިން ވަނީ ހަމަޖައްސައިފައެވެ. އެންމެ ފުރަތަމަ ބާއްވާ ފީފާ ވިމެންސް ވޯލްޑްކަޕް އޮންނާނީ 2028 ވަނަ އަހަރުގެ ޖެނެއަރީގައެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ އާސެނަލްގެ ފުރިޑާ މާނުމް އެވެ.
