ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފޮޓޯގެ ފަހަތުގައިވާ ވާހަކަ – ވޮލްކެނޯއެއްގެ ތެރޭގައި ތާށިވި 13 އަހަރުގެ އަންހެން ކުއްޖާ

އުމުރުން އެންމެ 13 އަހަރުގެ އަންހެން ކުއްޖަކު އަލިފާން ފަރުބަދައަކުން ފޭބި ކިސަޑުގަނޑެއްގެ ތެރެއަށް ގެނބިގެން ދިޔަ މަންޒަރު މުޅި ދުނިޔެ ބަލަން ތިއްބެވެ. ނަމަވެސް އެ ކުއްޖާ ސަލާމަތްކުރެވޭނެ އެއްވެސް ގޮތެއް އެކަކަށްވެސް ނުފެނުނެވެ.

މި ހާދިސާ ހިނގާފައިވަނީ 13 ނޮވެމްބަރު 1985 ގައެވެ. ކޮލަމްބިއާގެ “ނެވާޑޯ ޑެލް ރޫއިޒް” އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން އުފެދުނު ބިޔަ ކިސަޑުގަނޑު ސިކުންތަކު 6 މީޓަރުގެ ބާރުމިނުގައި ދަތުރުކޮށް، “އަރްމޭރޯ” ސިޓީގެ ބޮޑު ބައެއް ފޮރުވާލިއެވެ. މި ހިތާމަވެރި ހާދިސާގައި ގާތްގަނޑަކަށް 20،000 މީހުން މަރުވިއެވެ.

އޮމައިރާ ސަންޗޭޒް ގަރްޒޯން އަކީ އެވަގުތު އުމުރުން އެންމެ 13 އަހަރުގެ ކުއްޖެކެވެ. ކިސަޑުގަނޑުގެ ސަބަބުން އޭނާގެ ގެދޮރު ސުންނާފަތިވެ، ކުނިތަކުގެ ދަށުގައި އޭނާ ތާށިވިއެވެ. ތިން ދުވަސް ވަންދެން ފެނުގެ ތެރޭގައި އޭނާ އޮތްއިރު، އޭނާގެ ފައި ތާށިވެފައި އޮތް ގޮތުން ސަލާމަތްކުރާ މީހުންނަށް އޭނާ ނެރެވޭނެ އެއްވެސް ގޮތެއް ނުވިއެވެ. ފީނާ މީހުންނަށް ފެނުނު ގޮތުގައި އޮމައިރާގެ ފައި ތާށިވެފައި އޮތީ ގާބުރިތަކުން ހަދާފައިވާ ދޮރެއްގެ ދަށުގައެވެ. އަދި އޭނާގެ ފައިގައި، މަރުވެފައި އޮތް އޭނާގެ ބޮޑުދައިތަގެ ދެއަތުން ވަރަށް ބާރަށް ބައްދާލައިގެން އޮތް މަންޒަރުވެސް ފެނުނެވެ.

ގިނަ ވަގުތުތަކެއް ވަންދެން ފެނުގެ ތެރޭގައި އޮތުމުގެ ސަބަބުންނާއި، ހަށިގަނޑަށް ލިބުނު ފިއްތުންތަކުގެ ސަބަބުން އޭނާގެ ލޮލުގެ ހުދުކަޅި މުޅިން ރަތްވެ، މަޝްހޫރުވި ފޮޓޯއިން ފެންނަ ބިރުވެރި ކަޅު ކުލައެއް ލޮލަށް އަރާފައިވެއެވެ.

ތިންވަނަ ރޭ ފެށުނުއިރު، އޭނާއަށް ވަނީ ވަރަށް ބޮޑަށް ވަސްވާސްތައް ފެންނަން ފަށާފައެވެ. ސްކޫލަށް ދާން ލަސްވެދާނެ ކަމަށާއި، ހިސާބު އިމްތިހާނެއް އޮތް ވާހަކަ އޭނާ ދައްކަމުން ދިޔައެވެ. “މަންމާ. އަހަރެން މަންމަދެކެ ވަރަށް ލޯބިވޭ.” މިއީ އޭނާގެ އެންމެ ފަހު ބަސްތަކެވެ.

ގާތްގަނޑަކަށް 60 ގަޑިއިރަށްފަހު، ހަށިގަނޑުގެ ގުނަވަންތައް މަރުވުމުގެ ސަބަބުން ނުވަތަ ހަށިގަނޑުގެ ފިނިހޫނުމިން އިންތިހާއަށް ދަށަށް ދިއުމުގެ ސަބަބުން އޮމައިރާ މަރުވިއެވެ. ފޮޓޯގްރާފަރު ފްރޭންކް ފޯނިއާ ނެގި އޭނާގެ ފޮޓޯއަށް 1986 ވަނަ އަހަރުގެ “ވޯލްޑް ޕްރެސް ފޮޓޯ އޮފް ދަ އިޔަރ” ގެ ޝަރަފު ލިބުނެވެ. ފޯނިއާ ޤަބޫލުކުރާ ގޮތުގައި އެ ފޮޓޯގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެހީގެ ފައިސާ ހޯދުމަށް މަގުފަހިވިއެވެ. އަދި އެއީ އެ ޤައުމުގެ ވެރިންގެ ފަރުވާކުޑަކަމާއި، ހިތްވަރު ނެތްކަން ހާމަކޮށްދިން ފޮޓޯއެއް ކަމަށްވެސް އޭނާ ބުންޏެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top