ކްރިސްޓަލް އެންޓަޓެއިންމަންޓުގެ އާ ފިލްމު “މަޖުނޫން“ގެ ފުރަތަމަ ޝޯގެ ޓިކެޓް ރިޒާވްކޮށްދިނުމަށް އެދި ގިނަ ބަޔަކު މެސެޖުކުރަން ފަށައިފި ކަމަށް ފިލްމުގެ ފޭސްބްކް ޕޭޖުން ހާމަކޮށްފި އެވެ.
26 އޮކްޓޫބަރު 2026 ގައި ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވާ ފިލްމި “މަޖުނޫން”ގެ ފުރަތަމަ ޝޯގެ ޓިކެޓް ރިޒާވްކޮށްދިނުމަށް އެދި ގިނަ ބަޔަކު މެސެޖުކުރަމުންދާ ކަމަށް ކްރިސްޓަލް އެންޓަޓެއިންމަންޓުން ބުނެއެވެ. ނަމަވެސް އަދި ޓިކެޓް ބުކްކޮށްދެވެން ނެތް ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.
ފުރަތަމަ ޝޯއަކީ އަބަދުވެސް ވަރަށް ބާރު ބޮޑުކޮށް ދާ ޝޯއެއް ކަމަށް ވާތީ، އިންސާފުވެރި ގޮތަކަށް ޓިކެޓް ވިއްކުމަށްޓަކައި ޓިކެޓް ބުކްކުރަން ފަށާ ތާރީޚެއް ކުރިއާލައި އިއުލާނުކުރާނެ ކަމަށް ކްރިސްޓަލް އެންޓަޓެއިންމަންޓުން ބުނެއެވެ.
“މަޖުނޫން”ގެ މަސައްކަތްތައް ފަށާފައިވާއިރު، ފިލްމުގެ ލަވަތަކުގެ ރެކޯޑިންގް އާއި ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތައް ވެސް މިހާރު ކުރިއަށް އެބަދެއެވެ.
ޑައިރެކްޓަރު ނަހުލާ ހާމަކުރި ގޮތުގައި މި ފިލްމުގައި ނަހޫގެ ދެ ދަރިން ކަމަށްވާ ލާލި އާއި އެވްލީ ފެނިގެން ދާނެއެވެ. މި ދެކުދިން ވަނީ ފިލްމު “ސޮރީ”ގައި ވަރަށް ހުނަރުވެރި އެކްޓިންއެއް ދައްކައި ބެލުންތެރިންގެ ހިތް އަތުލާފައެވެ.
ފިލްމު “މަޖުނޫން”ގެ ލީޑްގައި ފެނިގެން ދާނީ ކޮންކޮން ތަރިންނެއްތޯ ބަލައިލުމަށް ފޭނުން މިހާރުވެސް ތިބީ ކެތްމަދުވެފައެވެ.
