ދިވެހިރާއްޖޭގެ ރަށްތަކަށް ބަލާއިރު، ކޮންމެ ރަށެއްގައިވެސް ޚާއްސަ ސިފަތަކެއް ނުވަތަ މަޝްހޫރުކަމެއް ލިބިފައިވާ ތަންތަން ހުރެއެވެ. މިގޮތަށް ބަލާއިރު، ލާމު އަތޮޅަށް ނިސްބަތްވާ މާންދޫގައި އޮންނަ “އިއްލަބޭ ރުއްގަނޑު” ނުވަތަ އާންމު ނަމުން ނަމަ “މާންދޫ ރުއްގަނޑަކީ” އެ އަތޮޅުގެ ގުދުރަތީ ރީތިކަމާއި ތާރީޚާ ގުޅިފައިވާ ވަރަށް ޚާއްސަ ބިމެކެވެ.
މާންދޫ ރުއްގަނޑަކީ އެ ތަނުގެ އުމުރަށް ބަލާއިރު ގިނަދުވަސްތަކެއް ވެފައިވާ ތަނެކެވެ. މި ތަނަށް “އިއްލަބޭ ރުއްގަނޑު” ކިޔަނީ އެ ސަރަހައްދު ބެލެހެއްޓުމާއި ރުއް އިންދުމުގައި އިސްވެ އުޅުއްވީ މަޢުމޫނު ޢަބްދުލްޣާއްޔޫމުގެ ސަރުކާރުގައި ލ. އަތޮޅުގެ ތަރައްޤީއަށް ނުހަނު ބޮޑު އިސްކަމެއް ދެއްވި އޮނަރަބަލް އިލްޔާސް އިބްރާހީމަށް ނިސްބަތްކޮށެވެ. މާންދޫއަކީ އިހުއްސުރެ ދަނޑުވެރިކަމާއި ރުއްގަނޑުތަކަށް މަޝްހޫރު ރަށަކަށްވާއިރު، މި ރުއްގަނޑަކީ ރަށުގެ އިގްތިސާދާއި ވަރަށް ބޮޑަށް ގުޅިފައިވާ ތަނެކެވެ. މި ސަރަހައްދު ތަރައްގީވެފައިވަނީ ގުދުރަތީ ގޮތުންނާއި، އިންސާނުންގެ ބުރަ މަސައްކަތުން ފަރުމާކުރެވިފައިވާ ފުރިހަމަ ބަގީޗާއެއްގެ ސިފައިގައެވެ.
މާންދޫ ރުއްގަނޑުގެ އެންމެ ހާއްސަ ސިފައެއް ކަމަށްވެފައިވަނީ އެތަނުގައި ރުއްތައް އަތުރާލެވިފައިވާ ފުރިހަމަ ތަރުތީބަށެވެ. އެއް މިސްރާބަކަށް، އެއްވަރަކަށް ހެދިފައިވާ ދިގު ރުއްތަކުގެ ސަބަބުން އެތަނުން ފެންނަނީ ހިތްގައިމު މަންޒަރެކެވެ. މާންދޫ ރުއްގަނޑުގައި އިންދާފައިވާ ރުއްތަކަަކީ މެލޭޝިއާއިން ގެނެސްފައިވާ މުޑުވައްތަކެވެ.

ފޮޓޯ: ދަ މިރޭ ވެބްޕޭޖް
ރުއްގަނޑުގެ ތެރެއަށް ވަދެގެންދާއިރު، އިރުގެ އަލި ރުއްތައްކުގެ ފަންތަކުގެ ދޭތެރެއިން ބިމަށް އެޅިފައި ހުންނަ ގޮތުން އުފެދޭ ހިޔަލާއި ފިނިކަމަކީ ހިތަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ. މީގެ އިތުރުން، މި ރުއްގަނޑަކީ ފޮޓޯގްރަފީއަށް ލޯބިކުރާ ފަރާތްތަކަށާއި، ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ކަމުދާ ހިތްގައިމު މާހައުލަކަށްވެސް ވަނީ ވެފައެވެ.
މާންދޫއަކީ މިހާރު މަސްވެރިކަމުގެ ސިނާއީ މަސައްކަތްތައް ކުރިއަށްދާ ރަށަކަށް ވީނަމަވެސް، މި ރުއްގަނޑުގެ ސަބަބުން ރަށުގެ ގުދުރަތީ މުއްސަނދިކަން ވަނީ ދެމެހެއްޓިފައެވެ. ލާމު އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ މި ރަށަށް ޒިޔާރަތްކުރާ ކޮންމެ މީހަކުވެސް އިއްލަބޭ ރުއްގަނޑު ބަލާލުމަށް ބޭނުންވެއެވެ. މިއީ ހަމައެކަނި ރުއްތަކެއް ހުރި ބިމެއް ނޫނެވެ. މިއީ ދިވެހި ފަސްގަނޑުގެ މުއްސަނދިކަން ދައްކުވައިދޭ ދިރިހުރި މިސާލެކެވެ.
މާންދޫ ރުއްގަނޑަކީ ލާމު އަތޮޅުގެ ފަޚުރެކެވެ. އެތަނުގެ ރީތިކަމާއި ތަރުތީބުކަމަކީ ރާއްޖޭގެ އެހެން ރަށްތަކުން ފެންނަން އޮތް ނަމޫނާއެއް ނޫނެވެ. މިފަދަ ގުދުރަތީ ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ.
