ދިވެހި ސިނަމާގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ ޕްރޮޑިއުސަރު ކަމަށްވާ ނަހުލާގެ ފިލްމުތަކުގެ ތެރެއިން ފިލްމެއް ކަމަށްވާ “ބޮސް”އަކީ ފާހަގަކޮށްލެވޭ ފިލްމެކެވެ. ފިލްމު ރިލީޒްކުރިތާ އަށް އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވީ ނަމަވެސް، މިފިލްމުގެ ލަވަތަކަކީ ދިވެހި މިއުޒިކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި އަދިވެސް އެންމެ މަޤްބޫލު އެއް ޕްލޭލިސްޓެވެ. ސޯޝަލް މީޑިއާ އާއި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުން ފެންނަ ގޮތުގައި، މި ފިލްމުގެ ލަވަތައް މިހާރުވެސް ގިނަ ބަޔަކު ތަކުރާރުކޮށް އަޑުއަހައި، ހިއްސާކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
ކާމިޔާބު ޑައިރެކްޓަރ އައިޝަތު ރިޝްމީގެ އިރުޝާދުގެ ދަށުން އުފެއްދި މި ފިލްމަކީ ދިވެހި ފިލްމީ ސިނާއަތުގައި ފާހަގަކޮށްލެވޭ ފެންވަރުގެ މަސައްކަތެކެވެ. ފިލްމު ސްކްރީނަށް އައި ދުވަހުން ފެށިގެން އާންމުންގެ ބޮޑު ތަރުހީބެއް ލިބުނުއިރު، ޚާއްޞަކޮށް ފިލްމުގެ މިއުޒިކަށް ލިބުނު މަޤްބޫލުކަން ވަރަށް ބޮޑެވެ.
މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދަނީ ދިވެހި ފިލްމީ ދާއިރާގެ އެންމެ އުޖާލާ ތަރިންނެވެ. އޭގެ ތެރޭގައި މަރްޔަމް އައްޒަ، މުހައްމަދު ޔުނާން، އިބްރާހިމް ޖިހާދު (ޖިމީ) އަދި ފާތިމަތު އާޒިފާ (އަޒޫ) ހިމެނެއެވެ. ފިލްމުގެ ކާމިޔާބީގައި މި ތަރިންގެ މޮޅު އެކްޓިންއާ އެއްވަރަށް، ލަވަތަކުގައި އެ ފަންނާނުން ދައްކުވައިދީފައިވާ ހިތްގައިމު ހަރަކާތްތަކަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ.
“ބޮސް” ގެ ޕްލޭލިސްޓުގައި ހިމެނޭ “މިހިތް އެދޭގޮތް ނުވަނީ”، “ހިތް އަވަސްވާ ގޮތްވެއޭ”، “މިވާވަރު” އަދި “އަހަރެންގެ ހިތް ހިމޭންވާން” ގެ އިތުރުން ގިނަ ލަވަތަކަކީ ދިވެހި މިއުޒިކީ ޗާޓުތަކުން ދުވަހަކުވެސް ފޮހެވިގެންދާނެ ލަވަތަކެއް ނޫނެވެ. މީގެ ތެރެއިން “ހިތް އަވަސްވާ ގޮތްވިއޭ” މި ލަވައަށް ވަނީ 9 ވަނަ ގައުމީ ފިލްމް އެވޯޑްސްގައި އެންމެ މޮޅު އޮރިޖިނަލް ލަވަ، އެންމެ މޮޅު ޅެންވެރިޔާ އަދި އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ ޝަރަފުވެރި އެވޯޑުތައްވެސް ލިބިފައެވެ.
ޖުމްލަކޮށް ބަލާއިރު، “ބޮސް” އަކީ ހަމައެކަނި ވިޔަފާރީގެ ގޮތުން ކާމިޔާބު ފިލްމެއް ނޫނެވެ. އެއީ ދިވެހި ފިލްމީ މިއުޒިކަށް އާ ދިރުމެއް ގެނުވައި، ފެންވަރު ރަނގަޅު އުފެއްދުންތަކެއް އާންމުންނާ ހަމައަށް ތިލަކޮށްދިން މަސައްކަތެކެވެ. ފިލްމު ރިލީޒްވިތާ އަހަރުތަކެއް ފާއިތުވެ، އައު އެތަކެއް އުފެއްދުންތަކެއް ސިނަމާއަށް އައިސްފައިވީ ނަމަވެސް، “ބޮސް” ގެ ލަވަތައް މިއަދުވެސް ދިވެހިންގެ މެދުގައި މަޤްބޫލުވެފައިވަނީ އެ ލަވަތަކުގައި އެކުލެވޭ ފަންނީ ފުރިހަމަކަމާއި އިހުސާސްތަކުގެ ސަބަބުންނެވެ. މިއީ ދިވެހި ސިނަމާގެ ތާރީޚުގައި މިއުޒިކީ ގޮތުން ފާހަގަކޮށްލެވޭނެ ރަނގަޅު ތަރިކައެއްކަން ކަށަވަރެވެ.
