ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްއެސްޕީއޭ އިން ފިލްމް އެވޯޑް 2 އިއުލާންކޮށް، އެކްޓިން ވޯކްޝޮޕް ހުޅުވާލައިފި
އެމްއެސްޕީއިން ބޭއްވި ޚާއްޞަ ހަފުލާގައި ޗެއާރޕާސަން މުޙައްމަދު ރަޝީދު އަދި ޚާއްޞަ މެހެމާނު މުޙައްމަދު ހިލްމީ - ރިފުޒާ / މުނިއަވަސް

މޯލްޑިވްސް ސޮސައިޓީ ފޮރ ޕަރފޯމިންގް އާޓްސް (އެމް.އެސް.ޕީއޭ) އާއި އިންޑިއަން ކަލްޗަރަލް ސެންޓަރު (އައި.ސީ.ސީ) ގުޅިގެން އިންޑިއަން ކަލްޗަރަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ހަފްލާގައި ދިވެހި ފިލްމް އެވޯޑް 2 ރަސްމީކޮށް އިއުލާންކޮށް، ކަރުނާޓަކާ 5 ވަނަ ފިލްމު ފެސްޓިވަލް އިން ރާއްޖެއަށް ލިބުނުގ އެވޯޑްތައް ހަވާލުކޮށް، ދެވަނަ އެކްޓިން ވޯކްޝޮޕް ހުޅުވާލައިފިއެވެ.

ދިވެހި ފިލްމު އެވޯޑް 2 ރަސްމީކޮށް އިއުލާންކޮށްދެއްވީ ދިވެހި ފިލްމު އިންޑަސްޓްރީގެ ޚާއްޞަ ބޭފުޅެއް ކަމަށްވާ މުޙައްމަދު ހިލްމީއެވެ. މި އެވޯޑްގައި 28 ކެޓަގަރީ ހިމެނޭ އިރު، ބައިވެރިކުރެވޭނީ 2024 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ޑިސެމްބަރުގެ ނިޔަލަށް ރިލީޒްކޮށްފައިވާ ފިލްމުތަކެވެ. ބައިވެރިވުމަށް ހުށަހަޅާ ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ނުކުރާ ފޯމުތައް ބަލައިނުގަންނާނެ ކަމަށް އެމްއެސްޕީއޭ އިން ބުނެއެވެ. ވީމާ ހުރިހާ ޕްރޮޑިއުސަރުން މިކަމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް ވަނީ އެދިފައެވެ. އިތުރު މަޢުލޫމާތު ހޯދެއްވުމަށް: 7673379 / 7727264 ނަމްބަރަށް ގުޅުއްވައިގެން މަޢުލޫމާތު ލިބޭނެއެވެ. ފިލްމު އެވޯޑުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 10 މެއި 2026 އެވެ. އެވޯޑް ހަފްލާއާއި ފިލްމް ފެސްޓިވަލެއް މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖައްސައިފައެވެ. މި ފަހަރުގެ އެވޯޑް ބާއްވަނީ އެމް.އެސް.ޕީއޭ އާއި ބިދަބިން އިވެންޓް ގުޅިގެން އައި.ސީ.ސީގެ ސަޕޯޓާ އެކުގައެވެ.

އެމްއެސްޕީއިން ބޭއްވި ޚާއްޞަ ހަފުލާގައި ޔޫސުފު ޝަފީޢު އަދި އި.ސީ.ސީގެ ޑިރެކްޓަރ މެޑަމް މަންޖިސްތާ މުކަރްޖީ – ރިފުޒާ / މުނިއަވަސް

ނިމިދިޔަ ކަރުނާޓަކާ 5 ވަނަ ފިލްމު ފެސްޓިވަލްގައި ބައިވެރިކުރި ފިލްމްތަކުން ވަނަ ހޯދި ފަރާތްތަކަށް ވެސް މި ހަފްލާގައި ވަނީ އެވޯޑް ހަވާލުކޮށްފައެވެ. ބެސްޓް އެކްޓަރުގެ އެވޯޑް ޔޫސުފް ޝަފީއު (ކަމަނަ) އަށް ލިބުނު އިރު، ބެސްޓް އެކްޓްރެސްގެ އެވޯޑް ލިބުނީ އައްޒަ (ކަމަނަ) އަށެވެ. ބެސްޓް ސިނެމެޓޮގްރަފީ އެވޯޑް އަހްމަދު ޝިފާއުއަށް އަދި ބެސްޓް ޑައިރެކްޓަރުގެ އެވޯޑް ހުސައިން މުނައްވަރަށް ލިބިފައިވެއެވެ.

މީގެ އިތުރުން އެމް.އެސް.ޕީއޭގެ ހީވާގި ބޯޑު މެމްބަރުންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހުސައިން ނިޔާޒް، ނަތާޝާ ޖަލީލް، އިބްރާހިމް ރަޝީދު މޫސާ، މުޙައްމަދު ޖުމައްޔިލް ނިމާލް، އަހްމަދު ހަމީދު، މުޙައްމަދު ހާއިމް އަދި އައިޝަތު ރިޝްތާ އަށް ވަނީ އެމް.އެސް.ޕީއޭ އެވޯޑް ދީފައެވެ.

އެމް.އެސް.ޕީއޭގެ އެޑްވައިސަރީބޯޑް މެމްބަރުންނަކީ:

* އަލްފާޟިލް އަހްމަދު ރަމީޒް.

* އުސްތާޒް އަލީ ރަޝީދު އަހްމަދު.

* އަލްފާޟިލް އަހްމަދު އާތިފް (އެކްސްރޭ)

* އަލްފާޟިލް މުޙައްމަދު ނިޔާޒް (ޓެޑްރީ)

* އަލްފާޟިލް އަހްމަދު ހަމީދު.

* އަލްފާޟިލް އަހްމަދު ވަހީދު (ވައްޑެ)

* އަލްފާޟިލް މަހްދީ އަހްމަދު އެވެ.

އެމް.އެސް.ޕީއޭގެ ދެވަނަ “އެކްޓިން ފޮރ ތިއޭޓަރ އެންޑް ފިލްމްސް 2026” ވޯކްޝޮޕް ހުޅުވައިދެއްވީ އައި.ސީ.ސީގެ ޑިރެކްޓަރ މެޑަމް މަންޖިސްތާ މުކަރްޖީއެވެ. އެއް މަސް ދުވަހަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފީ އަކީ 500 ރުފިޔާއެވެ. ބައިވެރިވުމަށް ހުޅުވާލާފައި ވަނީ މި އެޕްރީލް މަހުގެ 10 އިން މެއި މަހުގެ 15 ގެ ނިޔަލަށެވެ. ވޯކްޝޮޕްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ 5 ޖޫން 2026 ގައި އައި.ސީ.ސީގެ ކްލާސް ރޫމްތަކުގައެވެ.

މި ހަފްލާގައި އެމް.އެސް.ޕީއޭގެ އެޑްވައިޒަރީ ބޯޑު މެމްބަރުން ތައާރަފްކޮށް، ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު އާޓިސްޓް އަދި ކުރީގެ އެމް.އެސް.ޕީއޭގެ ވައިސް ޗެއާމަން ހަސަން މަނިކު (ރޯނު) އެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top