އިންޑިއާ ސިނަމާގެ އެންމެ ފާހަގަކޮށްލެވޭ އެއް އަޑު ކަމަށްވާ ޕްލޭބެކް ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ އާދީއްތަ ދުވަހު މުމްބާއީގައި 92 އަހަރުގައި މަރުވެއްޖެއެވެ.
މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގެ ޑރ. ޕްރަތިތު ސަމްދާނީ ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ 7 ޖެހީއިރު މެޔަށް ޖެހުނު އިންފެކްޝަނެއްގެ ސަބަބުން ހާލު ދެރަވެގެން އާޝާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ގެންދެވި ކަމަށެވެ.
“އޭނާ ގެނެވުނީ ވަރަށް ސީރިއަސް ހާލެއްގައި. ހުރިހާ މަސައްކަތެއް ކުރެވުނު ނަމަވެސް މިއަދު މެންދުރު 12 ޖެހިއިރު ގިނަ ގުނަވަންތަކެއް ފެއިލްވެގެން ނިޔާވީ” ކަމަށް ޑރ. ސަމްދާނީ ވިދާޅުވިއެވެ. އާޝާގެ ދަރިފުޅު އާނަންދް ބޯސްލޭ ހޮސްޕިޓަލު ބޭރުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބުނީ ޖަނާޒާގެ ކަންކަން ހޯމަ ދުވަހު ހަވީރު 4 ޖަހާއިރު ޝިވާޖީ ޕާކުގައި ބާއްވާނެ ކަމަށާއި، ހެނދުނު 11 ޖަހާއިރު ގެއަށް ޒިޔާރަތްކޮށް ތައުޒިޔާ ކިޔުމުގެ ފުރުސަތު ހުޅުވައިލެވޭނެ ކަމަށެވެ.
އާޝާ ބޯސްލޭގެ ވަކިވެ ދިޔުމާ އެކު އަށް ދަހަރަށް ވުރެ ގިނަ އަހަރުގެ މޫސީގީ ދަތުރެއް ނިމިގެން ދިޔައީއެވެ. އުމުރުން 10 އަހަރުގައި ލަވަ ކިޔަން ފެށި އާޝާ، 1943 ވަނަ އަހަރުގެ މަރާޓީ ފިލްމު “މަޖާ ބާލް” އިން ދާއިރާއަށް ނުކުތެވެ. 1948 ގައި “ޗުނަރިޔާ” އިން ހިންދީ ސިނަމާއަށް ތަޢާރަފުވެ، 1957 ގެ “ނަޔާ ދައުރް” އިން ބޮޑު މަޝްހޫރުކަމެއް ހޯދިއެވެ. ދައްތަ ލަތާ މަންގޭޝްކަރު ފަދަ ތަރިން ފިލްމީ ލަވައިގައި ވެރިކަން ކުރި ދުވަސްވަރު ވެސް، އާޝާ ވެގެންދިޔައީ އެ ޒަމާނުގެ އެންމެ ގިނަ ލަވަ ރެކޯޑް ކުރި އަންހެން ލަވަކިޔުންތެރިޔާއަށެވެ.
އާޝާ އޭނާގެ ކެރިއަރުގައި ތަފާތު ދާއިރާތަކުން ފާހަގަވިއެވެ. ފިރިމީހާ އާރް.ޑީ. ބަރްމަން ކޮމްޕޯޒް ކުރި “ތީސްރީ މަންޒިލް”ގެ ލަވަތަކާއި، ނެށުންތެރިޔާ ހެލެންގެ އަޑުގެ ގޮތުގައި “ކެރެވާން” އާއި “ޑޯން”ގެ ލަވަތައް މަޝްހޫރުވިއެވެ. “އުމްރާއޯ ޖާން”ގެ ޣަޒަލްތަކުން ފުރަތަމަ ނޭޝަނަލް އެވޯޑް ހޯދައި، “އިޖާޒަތު” އިން ދެވަނަ ނޭޝަނަލް އެވޯޑް ހާސިލުކުރިއެވެ. “ރަންގީލާ”، “ލަގާން” ފަދަ ފިލްމުތަކުން އައު ޖީލުގެ ތަރިންނަށް ވެސް އަޑު ދިނެވެ. 79 އަހަރުގައި 2013ގެ ފިލްމު “މާއީ”އިން އެކްޓިންގެ ދާއިރާއަށް ވެސް ނުކުތެވެ.
ފިލްމީ ލަވައިގެ އިތުރުން އާޝާ ވަނީ އުސްތާދް ޢަލީ އަކްބަރް ޚާނާ އެކު ތައްޔާރުކުރި “ލެގަސީ” އެލްބަމުން ގްރެމީ އެވޯޑެއް ހޯދައިފައެވެ. މަރާޓީ، ބެންގާލީ، ތަމަޅަ، ތެލުގޫ، ކައްނަޑާ، މަލަޔާޅަމް، ޕަންޖާބީ ހިމެނޭ ގޮތަށް ގިނަ ބަސްބަހުން ލަވަ ރެކޯޑް ކޮށް، ގިނިސް ވޯލްޑް ރެކޯޑްސްގައި އެންމެ ގިނައިން ސްޓޫޑިއޯ ރެކޯޑިން ކުރި ފަންނާނެއްގެ ގޮތުގައި ހިމެނުނެވެ. ދާދާ ސާހެބް ފާލްކޭ އެވޯޑާއި ޕަދްމަ ވިބުޝަން ފަދަ ޝަރަފުވެރި އެވޯޑުތައް ވެސް އާޝާ ހާސިލުކޮށްފައިވެއެވެ.
