ފަސޭހައިން މަޝްހޫރުކަން ލިބޭ ފަދަ ލޯބި ރޯލުތަކަށް ނޫނެކޭ ބުނެ، ގޮންޖެހުން ބޮޑު ރޯލުތައް ޚިޔާރުކުރާ ކަމަށް އިންޑިއާގެ ޓީވީ އެކްޓަރު ސާގަރް ޕާރެކް ބުނެފިއެވެ.
ސްޓާ ޕްލަސްގެ މަޝްހޫރު ޑްރާމާ “އަނޫޕާމާ” ގައި ކުޅުނު ސަމަރްގެ ރޯލުން ބޮޑު މަޝްހޫރުކަމެއް ހޯދި ސާގަރް ބުނެފައިވާ ގޮތުގައި އެއް ވައްތަރެއްގެ ރޯލުތަކެއް ކުޅުމުގެ ބަދަލުގައި، ކޮންމެ ޕްރޮޖެކްޓަކާއެކު ތަފާތު ކެރެކްޓާއެއް ތަޖުރިބާކުރަން އޭނާ ބޭނުންވެއެވެ.
“އަބަދުވެސް މާނައެއް އޮތް ރޯލުތައް ޚިޔާރުކުރާނީ. ބޮޑެތި ޕްރޮޖެކްޓްތައް ރަނގަޅު، އެކަމަކު އެ ރޯލެއް ގޮންޖެހުމަކަށް ނުވަންޏާ، ހިތުގައެއް ނޯންނާނެ. އަހަންނަށް ކުރިއެރުން ލިބި، ބެލުންތެރިންގެ ހިތުގައި ބިންވަޅު ނެގޭ ކަހަލަ ރޯލުތައް ބޭނުމީ.” ބޮޑެތި ޕްރޮޖެކްޓްތައް ޚިޔާރުކުރުމާ ބެހޭގޮތުން ސާގަރް ބުނެފައިވެއެވެ.
ސާގަރް ފާހަގަކުރި ގޮތުގައި މިހާތަނަށް އޭނާ ކުޅުނު ރޯލުތަކުން އޭނާ އެންމެ ބޮޑަށް ބަދަލުކޮށްލި ރޯލަކީ މިދިޔަ އަހަރު ޒީ ޓީވީއިން ގެނެސްދިން “ޖާގްރިތީ” ގައި އޭނާ ކުޅުނު އާކާޝް ޓާކޫރްގެ ރޯލެވެ.
“ކޮންމެ ރޯލަކުންވެސް ކޮންމެވެސް އެއްޗެއް ދަސްވޭ. އެކަމަކު މި ރޯލުގައި ޖެހުނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި ޖަޒުބާތީ ގޮތުން ކޮމްފޯޓް ޒޯނުން ނުކުންނަން. އެ ރޯލުން ދަސްވީ ކެތްތެރިކަމާއި ފޯކަސް ހިފެހެއްޓުން. އެ ބަދަލު ޒާތީ ދިރިއުޅުމުންނާއި މަސައްކަތުންވެސް ފެނޭ.” އާކާޝް ޓާކޫރްގެ ރޯލާއި ބެހޭގޮތުން ސާގަރް ބުންޏެވެ.
އިންޑަސްޓްރީގެ ހަލަބޮލިކަމުގެ ތެރޭގައި ހަމަޖެހިގެން ހުރެވެނީ ކިހިނެއްތޯ އިންޑިއާގެ ނޫހަކުން އެހުމުން ސާގަރް ބުނެފައިވާ ގޮތުގައި އެހެން ވަނީ އޭނާގެ ރޫޓިންއާއި އެންމެ ގާތް މީހުންގެ ސަބަބުން ކަމަށެވެ. އެގޮތުން ކަންކަން ކިތަންމެ ބަދަލުވިޔަސް އޭނާގެ އާންމު ދިރިއުޅުމުގެ އެންމެ އަސާސީ ކަންކަމަށް ދާކަމަށާއި މަސައްކަތުގެ އަޚުލާޤާއި، ފިޓްނަސް އާއި އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހިއްސާކުރާ ކުޑަ ގްރޫޕާއި ހުރިހާ ކަމެއް ބެލެންސް ކޮށްލުމުން އޭނާއަކީ ހަޤީޤަތުގައި ކާކުކަން އަބަދުވެސް ހަނދާން ހުންނަ ކަމަށެވެ.
ސާގަރް ދެން ފެންނާނީ ކޮން ޕްރޮޖެކްޓަކުންކަން އަދި ހާމަކޮށްފައި ނުވި ނަމަވެސް އޭނާ ދޭ ޔަޤީންކަމަކީ ބެލުންތެރިން މާޔޫސްނުވާނެ ފަދަ ވަރުގަދަ ރޯލަކުން ބައްދަލުކުރާނެ ކަމެވެ.
