ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހިރުގަނޑުގެ ބަލިން ރައްކާތެރިކޮށްދޭ ދަތް އުނގުޅާ ބޭހެއް އުފައްދައިފި

އަނގައިގައި ހުންނަ ފައިދާހުރި ބެކްޓީރިއާ ނައްތާނުލައި ހިރުގަނޑުގެ ބައްޔާ ދެކޮޅަށް މަސައްކަތްކުރާ “ސްމާޓް” ދަތް އުނގުޅާ ބޭހެއް ޖަރުމަނުގެ ފްރައުންހޯފާ އިންސްޓިޓިއުޓްގެ ސައިންސްވެރިން އުފައްދައިފިއެވެ.

އިންސާނާގެ އަނގައިގައި 700 އަށްވުރެ ގިނަ ބާވަތުގެ ބެކްޓީރިއާ އުޅޭ ކަމަށާއި، ނަމަވެސް ޕީރިއޮޑޮންޓައިޓިސް ނުވަތަ ހިރުގަނޑުގެ ބައްޔާ ގުޅެނީ މީގެ ތެރެއިން މަދު ބާވަތެއް ކަމަށް ފްރައުންހޯފާ އިން ބުނެއެވެ. އެ އިންސްޓިޓިއުޓުން ހާމަކުރި ގޮތުގައި، އާންމުކޮށް ބޭނުންކުރާ އެލްކޮހޯލް ހިމެނޭ މައުތު ވޮޝް ފަދަ ތަކެތިން ގެއްލުންދެނިވި ބެކްޓީރިއާގެ އިތުރުން ފައިދާހުރި ބެކްޓީރިއާ ވެސް ނައްތާލައެވެ. އެއަށްފަހު ފައިދާހުރި ބެކްޓީރިއާ ލަސްލަހުން އާލާވާއިރު، ޕޯފައިރޮމޮނާސް ޖިންޖިވާލިސް ފަދަ ގެއްލުންދެނިވި ބެކްޓީރިއާ އަވަހަށް ގަދަވެގަނެ، ބަލި އަލުން އިއާދަވެއެވެ.

ފްރައުންހޯފާ އައިޒެޑްއައިގެ ސައިންސްވެރިން ހޯދި މި މާއްދާ ‘ގުއާނިޑީނޯއީތައިލްބެންޒައިލަމީނޯ އިމިޑާޒޯޕައިރިޑީން އެސެޓޭޓް’ (guanidinoethylbenzylamino imidazopyridine acetate,) މަސައްކަތްކުރަނީ ގެއްލުންދެނިވި ބެކްޓީރިއާ މަރާލުމުގެ ބަދަލުގައި، އެ ބެކްޓީރިއާ އާލާވުން ހުއްޓުވައިގެންނެވެ.

“ހިރުގަނޑުގެ ބައްޔަށް މެދުވެރިކުރުވާ ބެކްޓީރިއާ ހަމައެކަނި މެރުމުގެ ބަދަލުގައި، މި މާއްދާ ހުއްޓުވަނީ އެ ބެކްޓީރިއާ އާލާވުން. އެ ބެކްޓީރިއާއަށް ވިހަ އަސަރު ފޯރުވުމުގެ ޤާބިލުކަން ގެއްލުމުން، ފައިދާހުރި ބެކްޓީރިއާއަށް ކުރިން ނުލިބޭ ޖާގަތައް ލިބި، އަނގައިގެ ބެކްޓީރިއާގެ ތިމާވެށީގެ ހަމަހަމަކަން ގުދުރަތީ ގޮތެއްގައި އިއާދަވެ ހަމަޖެހިގެންދޭ” ފްރައުންހޯފާ އައިޒެޑްއައިގެ މޮލެކިއުލާ ޑްރަގް ބައޮކެމިސްޓްރީ ޑިޕާޓްމެންޓުގެ ވެރިޔާ ސްޓެފަން ޝިލިންގ ވިދާޅުވިއެވެ.

މި ޓެކްނޮލޮޖީ އެންމެ ފުރަތަމަ ތަރައްޤީކުރީ އީޔޫ އިން ފަންޑުކުރި ދިރާސާ ޕްރޮޖެކްޓެއްގެ ދަށުންނެވެ. އެއަށްފަހު 2018 ވަނަ އަހަރު ޕީރިއޯޓްރެޕް ފާމަސޫޓިކަލްސް ގެ ނަމުގައި ކުންފުންޏެއް އުފައްދައި، މި ހޯދުން ޢަމަލީ ގޮތެއްގައި ބޭނުންކުރެވޭ ޕްރޮޑަކްޓްތަކަށް ބަދަލުކުރިއެވެ. “މި ޕްރޮޑަކްޓް ފަރުމާކޮށްފައިވަނީ ޕީރިއޮޑޮންޓައިޓިސް ހުއްޓުވުމަށް. އާންމު ދަތް އުނގުޅާ ބޭހެކޭ އެއްފަދައިން، ދަތް ފީވުން ހުއްޓުވަން ފްލޮރައިޑާއި އެބްރޭސިވްސް ވެސް ހިމެނޭ” ކަމަށް ކުންފުނީގެ ބާނީންގެ ތެރޭގައި ހިމެނޭ މިރްކޯ ބޫޚްހޮލްޓްސް ވިދާޅުވިއެވެ.

ފްރައުންހޯފާ އިން ބުނި ގޮތުގައި ހުރިހާ ޓެސްޓެއް ކުރީ ގުޑް ލެބޯޓަރީ ޕްރެކްޓިސް (ޖީއެލްޕީ)ގެ މިންގަނޑުތަކާ އެއްގޮތަށެވެ. ދަތް އުނގުޅާ ބޭހުގެ އިތުރުން، ޕްރޮފެޝަނަލް ދަތް ސާފުކުރުމަށްފަހު ބޭނުންކުރާ ޖެލްއެއް ވެސް ވަނީ އުފައްދައިފައެވެ. އަދި މައުތު ވޮޝްއެއް ހިމެނޭ ގޮތަށް އިތުރު ޕްރޮޑަކްޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ޖަނަވާރުގެ ބޭސްވެރިކަމުގައި ވެސް މި ޓެކްނޮލޮޖީ ބޭނުންކުރެވޭނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށް އެ އިންސްޓިޓިއުޓުން ހާމަކުރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top