މިހާރު ކުރިޔަށްދާ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ، އެފްއޭކަޕްގެ ރަސްގެފާނު ނިއުރޭޑިއަންޓް ހޯދައިފިއެވެ. ނިއުރޭޑިއަންޓުން އެފްއޭކަޕްގެ ޗެންޕިއަންކަން ބާރަ ފަހަރަށް ހޯދައި ދެފަހަރަށް ތަށި މިލްކުކޮށްފައިވާއިރު، ނިއުރޭޑިއަންޓް ނޫން ޓީމަކަށް އެފްއޭކަޕް ތަށި މިހާތަނަށް މިލްކު ކުރެވިފައެއް ނުވެއެވެ.
މިއަދު ހަވީރު ނިއުރޭޑިއަންޓާއި ބުލޫ ސްޕޯރޓްސް ކުލަބް ބައްދަލުކުރި ސެމީފައިނަލްމެޗް ނިއުރޭޑިއަންޓް ކާމިޔާބުކުރީ 7-0 އިންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ދެވަނަ މިނިޓްގައި ނިއުރޭޑިއަންޓުން ޖެހިއިރު، ފުރަތަމަ މިނިޓްގައި ވެސް ނިއުރޭޑިއަންޓުން ވަނީ ފުރުސަތެއް ތަނަވަސްކޮށްފައެވެ. ނިއުރޭޑިއަންޓްގެ ފުރަތަމަ ލަނޑު ޖަހައި ދިނީ ޔާޔާ އަބްދުﷲ ބިލިޓީ އެވެ. މިއީ އަލީ ފާސިރު (ސެންޓޭ) ދިން ފާހަކުން ޖެހި ލަނޑުކެވެ.
ނިއުރޭޑިއަންޓްގެ ދެވަނަ ލަނޑަކީ 18 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން އަލީ ފާސިރު (ސެންޓޭ) ޖަހައިދިން ލަނޑެކެވެ.
ފުލުފުލުގައި ފުރުސަތުތައް ތަނަވަސް ކުރަމުންދިޔަ ނިއުރޭޑިއަންޓުން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ އަލް ހާޖީ ގެރޯ އެވެ. ބުލޫ ސްޕޯރޓްސްގެ އޭރިޔާ އަރިމަރިމަތިން ޑަ ސިލްވާރ ނަގައިދިން ފްރީކިކް ގެރޯ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލީ ގޯލް ކުރިމަތީ މުޅިން ހުސްކޮށް ހުރެއެވެ.
ޑަ ސިލްވާރ ނަގައިދިން ކޯނަރު މުޅިން ހުސްކޮށް ހުރެ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން، ނިއުރޭޑިއަންޓްގެ ހަތަރު ވަނަ ލަނޑު 41 ވަނަ މިނިޓްގައި ހަސަން ރާއިފް (ހަންނަ) ކާމިޔާބު ކޮށްދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނިއުރޭޑިއަންޓްގެ ފަސްވަނަ ލަނޑު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ތިން ވަނަ ލަނޑު ވެސް ޖަހައިދިން އަލްހާޖީ ގެރޯ އެވެ.
މުޅިހާފު ކޮންޓްރޯލް ކޮށްގެން ކުޅުނު ނިއުރޭޑިއަންޓަށް ލިބުނު އެތައް ފުރުސަތެއް ބޭނުން ނުކުރެވި ދިޔައެވެ.
ދެވަނަ ހާފު ފެށުމާއިއެކު އަނެއްކާ ވެސް ފެނުނީ ނިއުރޭޑިއަންޓްގެ ލަނޑެކެވެ. 47 ވަނަ މިނިޓްގައި ޑަ ސިލްވާރ ނަގައިދިން ޕާހަކުން މި ލަނޑު ނިއުރޭޑިއަންޓަށް ޖަހައި ދިނީ ދެވަނަ ލަނޑު ވެސް ޖަހައި ދިން އަލީ ފާސިރު (ސެންޓޭ) އެވެ.
ކުއާޓާރފައިނަލްގައި އޮޑި ސްޕޯރޓްސްއާ ދެކޮޅަށް ހެޓްރިކް ހެދި އަލީ ފާސިރު (ސެންޓޭ) ވަނީ މިމެޗްގައި ވެސް ވަނީ ހެޓްރިކެއް ހަދައިފައެވެ. ހަސަން އަޒޫމް ތަނަވަސް ކޮށްދިން ފުރުސަތެއްގައި އަލީ ފާސިރު (ސެންޓޭ) މިލަނޑު ޖަހާފައިވަނީ 82 ވަނަ މިނިޓްގައެވެ.
މިމުބާރާތުގެ ސެމީފައިނަލް ދެމެޗް އޮންނާނީ މިރެއެވެ. މިމެޗްގައި ބައްދަލުކުރާނީ ޓީސީ ސްޕޯރޓްސް އާއި ބުރު ސްޕޯރޓްސްއެވެ.
