– އެކްސްޓެންޑެޑް ވާރޝަންގައި ޔޫއްޕެގެ މުހިންމު މަންޒަރެއް ހިމެނޭ
ދިވެހި ސިނަމާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލްމު “ލިލީ” މިއަދުން ފެށިގެން މީޑިއާނެޓްގެ ވީޑިއޯކްލަބް މެދުވެރިކޮށް ބަލާލެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މީޑިއާނެޓުން މައުލޫމާތު ދޭ ގޮތުގައި، ގިނަ ބައެއްގެ މެދުގައި މަގުބޫލުވި މި ފިލްމު މިހާރު މީޑިއާނެޓްގެ އެމްއެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ފޯނުންނާއި، ޓީވީން އަދި އެހެނިހެން ސްމާޓް ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލާލެވޭނެއެވެ. މިއީ ސިނަމާގައި ފިލްމު ބަލާލުމުގެ ފުރުސަތު ނުލިބުނު ފަރާތްތަކަށާއި، އަލުން ފިލްމު ބަލާލަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވުނު ރަނގަޅު ފުރުސަތެކެވެ.
ކްރިއޭޓިވް ނެޓްވޯރކްގެ “ލިލީ” އަކީ ލޯތްބާއި، އާއިލީ ގުޅުންތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އަސަރުގަދަ ފިލްމެކެވެ. މި ފިލްމު ވީޑިއޯކްލަބަށް ގެނެސްދީފައިވަނީ ގިނަ ބަޔަކު މި ފިލްމު ގޭގައި ތިބެގެން ބަލާލަން ބޭނުންވެފައި ތިބި ދަނޑިވަޅެއްގައެވެ.
“ލިލީ” ވީޑިއޯކްލަބަށް ރިލީޒްކުރުމާއެކު، މީޑިއާނެޓްގެ ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާއެކު މި ފިލްމު ފެންނާނެއެވެ.
ފިލްމު ބަލާލުމަށްޓަކައި މީޑިއާނެޓްގެ ވީޑިއޯކްލަބް ސަބްސްކްރައިބް ކޮށްލުމުން، ފިލްމު “ލިލީ” އާއެކު އިތުރު ގިނަ ދިވެހި އުފެއްދުންތަކެއް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
