ބިރުވެރި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ކަމުދާނެ ކަހަލަ ފިލްމުތަކެއް ނެޓްފްލިކްސް ގައި މިހާރު އެބަހުއްޓެވެ. އޭގެ ތެރެއިން މިފަހަރު ބަލައިލާނީ ސަޅި ހިންދީ ފިލްމަށެވެ.
1 – ބުލްބުލް (2020)
ތަރިން: ތުރިޕްތީ ދިމްރީ، އަވިނާޝް ތިވާރީ، ޕައޯލީ ދަމް، ރާހުލް ބޯސް، ޕަރަމްބްރަތާ ޗައްތޮޕާދްޔޭ
ޑައިރެކްޓަރު: އަންވިތާ ދަތު
ޕްރޮޑިއުސަރުން: އަނުޝްކާ ޝަރްމާ އަދި ކަރްނޭޝް ޝަރްމާ
މިއީ ބިރުވެރި، ސިއްރުވެރި އަދި އަސަރުގަދަ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ، ގިނަ ދުވަސްތަކަކަށްފަހު ރަށަށް އެނބުރި އަންނަ މީހަކަށް، އޭނާގެ ބޭބެގެ އަންހެނުން (ކުޑައިރު ކައިވެނިކުރި) ރަށުގެ އަންހެނުންނަށް ކުރިމަތިވާ ބޭއިންސާފާ ދެކޮޅަށް ސިއްރިއްޔާތުގައި މަސައްކަތްކުރާ މަންޒަރު ފެނިގެންދާ ގޮތަށެވެ.
2 – ރޫހީ (2021)
ތަރިން: ރާޖްކުމާރް ރާއޯ، ޖާންވީ ކަޕޫރް، ވަރުން ޝަރްމާ، އެލެކްސް އޯނޭލް، މާނަވް ވިޖް، ސަރީތާ ޖޯޝީ
ޑައިރެކްޓަރު: ހާރްދިކް މެހެތާ
ޕްރޮޑިއުސަރު: ދިނޭޝް ވިޖަން
މިއީ ބިރުވެރި އަދި މަޖާ ހާދިސާތަކެއް ހިމެނޭ ފިލްމެކެވެ. ފިލްމުގައި ފެނިގެންދަނީ ކައިވެނި ކުރަން އުޅޭ އަންހެން ކުއްޖަކު ވަގަށް ނެގުމަށް ހަވާލުކުރެވޭ ދެ އެކުވެރިންގެ ވާހަކައެވެ. ނަމަވެސް، މީގެ ތެރެއިން އެކަކަށް އެ އަންހެން ކުއްޖާ ދެކެ ލޯބިވެވި، އަނެކަކަށް އެ އަންހެން ކުއްޖާގެ ހަށިގަނޑަށް އަވަލާފައިވާ ރޫހު ދެކެ ލޯބިވެވުމުން ކަންތައްތައް ބަދަލުވެގެންދާ ބިރުވެރި ގޮތްތަކެވެ.
3 – ބާރަމުލާ (2025)
ތަރިން: މާނަވް ކޯލް، ބާޝާ ސުމްބްލީ، އަރިސްތާ މެހެތާ، ރޯހާން ސިންގް، ނީލޯފަރު ހާމިދު، މައުސޫމް މުމްތާޒް ޚާން، އަޝްވިނީ ކޯލް، ވިކާސް ޝުކްލާ، މިރް ސަރްވަރު، ޕްރިޔަންކް ތަޓާރިޔާ
ޑައިރެކްޓަރު: އަދިތުޔާ ސުހާސް ޖަމްބާލޭ
ޕްރޮޑިއުސަރުން: އަދިތުޔަ ދަރް، ލޯކޭޝް ދަރް، ޖިޔޯތީ ދޭޝްޕާންޑޭ
މިއީ ބާރަމުލާ ކިޔާ ސިއްރުވެރި ރަށެއްގައި ކުއްލިއަކަށް ކުދިންތަކެއް ގެއްލެން ފެށުމުން، އެ މައްސަލަ ތަހުޤީޤުކުރަން އުޅޭ ފުލުސް އޮފިސަރަކަށް ކުރިމަތިވާ އާދަޔާ ޚިލާފު ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ހާދިސާތަކުގެ ސަބަބުން އޭނާގެ އާއިލާގެ ދިރިއުޅުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެއެވެ.
4 – ޝައިތާން (2024)
ތަރިން: އަޖޭ ދޭވްގަން، އާރް. މާދަވަން، ޖިޔޯތިކާ، ޖާންކީ ބޯޑިވާލާ، އަންގަދު ރާޖް
ޑައިރެކްޓަރު: ވިކާސް ބާލް
ޕްރޮޑިއުސަރުން: އަޖޭ ދޭވްގަން، ޖިޔޯތީ ދޭޝްޕާންޑޭ، ކުމާރް މަންގަތު ޕާތަކް، އަބީޝެކް ޕާތަކް، ވިކާސް ބާލް
މި ފިލްމަކީ 2023 ވަނަ އަހަރު ނިކުތް ގުޖުރާތީ ފިލްމު “ވަޝް” އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގައި ދައްކުވައިދެނީ ނުދަންނަ މީހަކު ހަދާ ސިހުރެއްގެ ސަބަބުން، އާއިލާއެއްގެ ދަރިފުޅު އޭނާގެ ބާރުގެ ދަށަށް ގޮސް، އެ އާއިލާއަށް ކުރިމަތިވާ ނާމާން ތަޖުރިބާތަކެވެ.
5 – ގޯސްޓް ސްޓޯރީސް (2020)
ތަރިން: މުރްނާލް ތާކޫރް، އަވިނާޝް ތިވާރީ، ޖާންވީ ކަޕޫރް، ރަގުވީރް ޔާދަވް، ސޯބިތާ ދުލިޕާލާ، ވިޖޭ ވަރްމާ، ޕަވައިލް ގުލާޓީ
ޑައިރެކްޓަރުން: ކަރަން ޖޯހަރް، ދިބާކަރް ބެނަޖީ، ޒޯޔާ އަޚްތަރު، އަނޫރާގް ކަޝްޔަޕް
ޕްރޮޑިއުސަރުން: ރޯނީ ސްކްރޫވާލާ، އާޝީ ދުއާ
މިއީ ހަތަރު ކުރު ފިލްމެއްގެ މައްޗަށް އެކުލެވޭ ބިރުވެރި ފިލްމެކެވެ. ރޮނީ ސްކްރޫވާލާ އާއި އާޝީ ދުއާ ގުޅިގެން އުފައްދާފައިވާ މި ފިލްމަކީ ތަފާތު ބިރުވެރި އިޙުސާސްތަކެއް ކުރެވޭނެ ފިލްމެކެވެ.
6. މާ (2025)
ތަރިން: ކާޖޮލް، ރޯނިތު ރޯއީ، އިންދްރަނީލް ސެންގުޕްތާ، ކޭރިން ޝަރްމާ
ޑައިރެކްޓަރު: ވިޝާލް ފޫރިއާ
ޕްރޮޑިއުސަރުން: އަޖޭ ދޭވްގަން، ޖިޔޯތީ ދޭޝްޕާންޑޭ، ކުމާރް މަންގަތު ޕާތަކް
މިއީ 2024 ވަނަ އަހަރު ނިކުތް ފިލްމު “ޝައިތާން” އާ ގުޅުވައިގެން އުފައްދާފައިވާ ބިރުވެރި ފިލްމެކެވެ. ފިލްމުގައި ފެނިގެންދަނީ ކާބަފައިންގެ ރަށުގައި އުޅޭ ނުރައްކާތެރި ރޫހެއްގެ ކިބައިން، މަޔަކު އޭނާގެ ދަރިފުޅު ސަލާމަތްކުރުމަށް ކުރާ ހިތްވަރުގަދަ މަސައްކަތްތަކެވެ.
7. ކާލީ ކުހީ (2020)
ތަރިން: ޝަބާނާ އަޒްމީ، ސަންޖީދާ ޝެއިޚް، ރީވާ އަރޯރާ، ސަތުޔަދީޕް މިޝްރާ
ޑައިރެކްޓަރު: ޓެރީ ސަމުންދްރާ
ޕްރޮޑިއުސަރުން: އަންކޫ ޕާންޑޭ، ރާމޯން ޗިބް
ފިލްމުގެ ވާހަކަ އެނބުރެނީ 10 އަހަރުގެ އަންހެން ކުއްޖަކު، އޭނާގެ އާއިލާ އާއި މުޅި އަވަށް ނުރައްކާތެރި ރޫހުތަކެއްގެ ކިބައިން ސަލާމަތްކުރުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށެވެ.
މި ލިސްޓުގައި މި ހިމަނާލި ފިލްމުތަކުގެ އިތުރުންވެސް ބިރުވެރި ޖޯންރާގެ ގިނަ ހިންދީ ފިލްމުތަކެއް ނެޓްފްލިކްސްގައި ބަލައިލެވެން އެބަހުއްޓެވެ. އެންމެ ކަމުދިޔަ ފިލްމު ހިއްސާކޮށްލައްޗެވެ.
