– ފުރަތަމަ ސީޒަން ނިމުނީ ބޮޑު ސިއްސުމަކާއެކު!
ދިވެހި ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތުރުކީ ޑްރާމާ ސީރީޒް “އަރަފްޓާ”ގެ ފޯރިގަދަ ފުރަތަމަ ސީޒަން ނިމި، ދެވަނަ ސީޒަން އަންނަ ސެޕްޓެމްބަރު މަހު ދައްކަން ފަށާނެކަން އިއުލާންކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މި ސީރީޒްގެ ފުރަތަމަ ސީޒަންގެ ފަހު އެޕިސޯޑު ނިމުނު ވަގުތުގައެވެ. “އަރަފްޓާ”ގެ ފުރަތަމަ ސީޒަން ނިމިގެންދިޔައީ ބެލުންތެރިން ރޮއްވައިލި، ހިތާމަވެރި އަދި އެހާމެ ކުއްލި ސިއްސުމެއް ލިބުނު “ކްލިފްހޭންގާ” އަކުންނެވެ.
ސީޒަން އެކެއްގެ ފަހު އެޕިސޯޑުގައި ފެނިގެންދިޔައީ މާކަން އާއި އާތިޝްގެ ކައިވެނީގެ އުފާވެރި މަންޒަރުތަކެވެ. ނަމަވެސް މި އުފާވެރިކަން ބަދަލުވެގެންދިޔައީ ބިރުވެރިކަމަށެވެ. ކައިވެނީގެ ތެރެއަށް މީހަކު ބަޑިޖެހުމުގެ ސަބަބުން، މާކަން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އާތިޝްގެ ގަޔަށް ވަނީ ވަޒަން އަރާފައެވެ. އާތިޝް ފުރާނައާ ހަނގުރާމަކުރަމުންދާއިރު، މާކަން އޭނާ ދޫކޮށްލަން ދެކޮޅު ހަދައި، އޭނާ ސަލާމަތްކުރުމަށް މަސައްކަތް ކުރާ މަންޒަރުން ބެލުންތެރިންގެ ހިތްތަކަށް ވަނީ ފުން އަސަރުތަކެއް ކުރުވާފައެވެ. މީގެ އިތުރުން، މި ހަމަނުޖެހުމުގެ ތެރޭގައި އަސްލީ ވަނީ ނެޒީރު މަރާލުމަށްފަހު އަމިއްލައަށް މަރުވެފައެވެ.
މި ހިތްދަތި މަންޒަރުތަކަށްފަހު، އެޕިސޯޑުގެ އެންމެ ފަހު ސިކުންތުކޮޅުގައި ވަނީ މުޅިން އައު ކެރެކްޓަރެއް ތައާރަފްކޮށްފައެވެ. އެއީ ތާހިރު އަސްލާންގެ އަންހެން ކޮއްކޮ، އޭލޫލް އަސްލާންއެވެ. އޭލޫލްގެ މި ކުއްލި ފެނިލުމާއެކު، އަސްލާން އާއިލާގެ ތެރޭގައި ހުރި ސިއްރުތަކާއި، ކުރިއަށް އޮތް ތަނުގައި ކުރިމަތިވާނެ ގޮންޖެހުންތައް އައު ހަރުފަތަކަށް ދާނެކަން ވަނީ ކަށަވަރުވެފައެވެ.

އަތޭޝް ސަލާމަތްވާނެތޯއާއި، އޭލޫލްގެ އައުމާއެކު ވާހަކައިގެ މިސްރާބު ބަދަލުވެގެންދާނެ ގޮތެއް ބަލާލުމަށް ބެލުންތެރިން މިހާރު ތިބީ ކެތްތެރިކަމެއް ނެތް އިންތިޒާރެއްގައެވެ.
“އެމިންގުނެން” އިން އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިހާރު ކުރިއަށްދަނީ ދެވަނަ ސީޒަން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.
