ކަޅު ބޯޑެއްގައި ނިޔަފަތި ކަހާލުމުން އިވޭ އަޑަކީ ގިނަ ބަޔަކަށް އުނދަގޫވާ ކަމެކެވެ. ނަމަވެސް، ‘މިސޮފޯނިއާ’ ހުންނަ މީހުންނަށް، ކާތަކެތި ހަފާ އަޑާއި، ނޭވާލާ އަޑާއި، ނިދީގައި ގުގުރިދަމާ އަޑު ފަދަ އާންމު އަޑުތަކުގެ ސަބަބުން ވެސް ނުހަނު ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެއެވެ.
2023 ވަނަ އަހަރު ނެދަލޭންޑްސްގެ ދިރާސާވެރިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މި ބައްޔާއި ނަފްސާނީ ބަލިތަކާ (އެންޒައިޓީ، ޑިޕްރެޝަން އަދި ޕީ.ޓީ.އެސް.ޑީ ފަދަ ބަލިތަކާ) ޖެނެޓިކް ގުޅުންތަކެއް ހުރެއެވެ. އެމްސްޓަޑަމް ޔުނިވަރސިޓީގެ ސައިކިއޭޓްރިސްޓް ޑާކް ސްމިޓް އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ މި ދިރާސާގައި، ‘ސައިކިއޭޓްރިކް ޖެނޯމިކްސް ކޮންސޯޓިއަމް’ އާއި އިނގިރޭސިވިލާތުގެ ބަޔޯބޭންކް ފަދަ ޑޭޓާބޭސްތަކުން ލިބުނު ޖެނެޓިކް މައުލޫމާތުތައް ދިރާސާކުރިއެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި، މިސޮފޯނިއާ ހުންނަ މީހުންގެ ކިބައިގައި ނަފްސާނީ ބަލިތަކާއި ‘ޓިނިޓަސް’ (ކަންފަތް ތެރޭގައި އަޑެއް ގޮވުން) އާ ގުޅުންހުރި ޖީންތައް ހުރުމުގެ ފުރުސަތު ބޮޑެވެ. ޓިނިޓަސްގެ އުނދަގޫ ހުންނަ މީހުންނަކީ ވެސް ޑިޕްރެޝަން އާއި އެންޒައިޓީ ފަދަ ނަފްސާނީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ބައެކެވެ.
ޑާކް ސްމިޓް ވިދާޅުވި ގޮތުގައި، ޕީ.ޓީ.އެސް.ޑީ އަށް މަގުފަހިކުރާ ޖީންތަކުގެ ސަބަބުން މިސޮފޯނިއާ ކުރިމަތިވުމުގެ ފުރުސަތު ވެސް އިތުރުވެއެވެ. މިއީ މި ދެ ހާލަތުގައި ވެސް އެއްގޮތް ނާރުގެ ނިޒާމީ (ނިއުރޮލޮޖިކަލް) މައްސަލަތަކެއް ހުރެދާނެ ކަމުގެ ނިޝާނެކެވެ. އެހެންކަމުން، ޕީ.ޓީ.އެސް.ޑީ އަށް ފަރުވާ ދިނުމުގައި ބޭނުންކުރާ އުކުޅުތައް މިސޮފޯނިއާ އަށް ވެސް ބޭނުންކުރެވިދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މީގެ މާނައަކީ މި ދެ ބަލީގެ މަސައްކަތްކުރާ ގޮތް އެއްގޮތްވުމެއް ނޫނެވެ. އެކަމަކު، ބަލި ޖެހުމަށް މަގުފަހިކުރާ ބައެއް ޖެނެޓިކް ސަބަބުތައް އެއްގޮތްވުން އެކަށީގެންވެއެވެ.
މި ދިރާސާއިން އިތުރަށް ހާމަވި ގޮތުގައި، މިސޮފޯނިއާ ހުންނަ މީހުންގެ ކިބައިގައި ކަންބޮޑުވުމާއި، ކުށްވެރިކަމުގެ އިހުސާސް ކުރެވުމާއި، އެކަނިވެރިކަން ފަދަ މިޒާޖީ ސިފަތަކާ ވަރުގަދަ ގުޅުމެއް އޮވެއެވެ. އަޑުތަކުގެ ސަބަބުން އަންނަ ރުޅިއަށްވުރެ ބޮޑަށް، އެ ރުޅި އައުމުގެ ސަބަބުން އުފެދޭ ކުށްވެރިކަމުގެ އިހުސާސަކީ މިސޮފޯނިއާ ހުންނަ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު ނުތަނަވަސްކަމެވެ.
ހައިރާންވާންޖެހޭ ކަމަކީ، އޯޓިޒަމް (އޯޓިޒަމް ސްޕެކްޓަރަމް ޑިސޯޑަރ) ހުންނަ މީހުންނަށް އަޑުތަކުގެ އުނދަގޫ ބޮޑުވި ނަމަވެސް، އެމީހުންގެ މެދުގައި މިސޮފޯނިއާ ހުރުމުގެ ފުރުސަތު ކުޑަކަމަށް ފާހަގަވުމެވެ. މީގެއިން އެނގެނީ މިސޮފޯނިއާ އާއި އޯޓިޒަމަކީ ޖެނެޓިކް ގޮތުން ތަފާތު ދެ ހާލަތެއް ކަމެވެ.
އިނގިރޭސިވިލާތުގައި ކުރި އެހެން ސާވޭއަކުން ދައްކާ ގޮތުގައި، އެ ގައުމުގެ އާބާދީގެ 18.4 އިންސައްތަ މީހުންނަކީ މިސޮފޯނިއާގެ އަސަރު ހުންނަ މީހުންނެވެ. އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިކޮލޮޖިސްޓް ޖޭން ގްރެގަރީ ވިދާޅުވި ގޮތުގައި، މިސޮފޯނިއާއަކީ ހަމައެކަނި އަޑެއް ދެކެ ފޫހިވުމެއް ނޫނެވެ. އެއީ އެ އަޑުތަކުގެ ސަބަބުން ބިރުވެރިކަމާއި (ޕެނިކް ވުން) ރުޅިވެރިކަން އިހުސާސްވެ، އެ އަޑުން ސަލާމަތްނުވެވި ބަންދުވެފައި ހުރި ކަމުގެ އިހުސާސް ކުރެވޭ ކަމެކެވެ. އާދައިގެ މީހުންނަށް އުނދަގޫނުވާ ފަދަ ނޭވާލާ އަޑު ނުވަތަ ކާތަކެތި ދިރުވާ އަޑަކީ މިސޮފޯނިއާ ހުންނަ މީހަކަށް ކެތްކުރަން ދަތި އަޑަކަށް ވެއެވެ.
މިފަދަ ދިރާސާތަކުގެ ސަބަބުން، މިސޮފޯނިއާ ހުންނަ މީހުން ދެނެގަތުމަށާއި އެމީހުންނަށް އެހީތެރިވުމަށް ޑޮކްޓަރުންނަށް ފަސޭހަވެގެންދާނެއެވެ. މި ދިރާސާ ޝާއިއުކޮށްފައިވަނީ ‘ފްރޮންޓިއާސް އިން ނިއުރޯސައިންސް’ މަޖައްލާގައެވެ.
