ވަން ޑައިރެކްޝަންގެ ކުރީގެ މެންބަރުން ކަމަށްވާ ޒޭން މާލިކާއި ލުއީ ޓޮމްލިންސަންގެ މެދުގައި އުފެދިފައިވާ މައްސަލަތައް އިތުރަށް ހޫނުވެ، ދެމީހުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ދެ ފަންނާނުންގެ މެދުގައި ހިނގި ކަމަށް ބުނާ ހިތްނުތަނަވަސްކުރުވަނިވި ހާދިސާއަކަށްފަހު، މިހާރު މި މައްސަލަ ވަނީ އާ މިސްރާބަކަށް ގޮސްފައެވެ.
މިދިޔަ ހޮނިހިރު ދުވަހު (އޭޕްރީލް 18 ގައި) ލުއީސް ޓޮމްލިންސަން ވަނީ އިންސްޓަގްރާމުން ޒޭން މާލިކް “އަންފޮލޯ” ކޮށްފައެވެ. “ޔޫއެސް ވީކްލީ” އިން ރިޕޯޓްކުރާ ގޮތުގައި، ލުއީސްގެ އާއިލާގެ މެންބަރުން ކަމަށްވާ އޭނާގެ ކޮއްކޮމެން، ފީބީ އަދި ލޮޓީ ވެސް މިހާރު ޒޭން ފޮލޯއެއް ނުކުރެއެވެ. ނަމަވެސް، އެމީހުން ޒޭން އަންފޮލޯކުރީ ސީދާ ކޮން ވަގުތަކު ކަމެއް ސާފެއް ނުވެއެވެ.
މީގެ އިތުރުން “ޕީޕަލް” މަޖައްލާއިން ބުނާ ގޮތުގައި، ޒޭން އަދިވެސް އޭނާގެ ކުރީގެ ބޭންޑް މެންބަރު ލުއީސް ފޮލޯ ކުރަމުންދެއެވެ. އެހެންނަމަވެސް، ލުއީސް އަދިވެސް ވަން ޑައިރެކްޝަންގެ އެހެން މެންބަރުން ކަމަށްވާ ހެރީ ސްޓައިލްސް، ނިއަލް ހޯރަން އަދި އަވަހާރަވެފައިވާ ލިއަމް ޕޭން ފޮލޯ ކުރެއެވެ.
މި ދެ އެކުވެރިންގެ މެދުގައި މައްސަލަ ބޮޑުވީ މި މަހުގެ ކުރީކޮޅު ހިނގި ކަމަށް ބުނާ މާރާމާރީއަކާ ގުޅިގެންނެވެ. ނެޓްފްލިކްސްގެ ޑޮކިއުސީރީޒެއްގެ މަސައްކަތް ކުރަމުން ދިޔަ ވަގުތު، ޒޭން މާލިކް ލުއީސްގެ މޫނުމަތީގައި ޖަހާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. މި ހާދިސާގެ ސަބަބުން، ވަން ޑައިރެކްޝަންގެ މެންބަރުންގެ މާޒީގެ ހަނދާންތައް އާކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދަން އުޅުނު އެ ޕްރޮޖެކްޓް ވަނީ ކެންސަލްކޮށްފައެވެ.
މިކަމާ ގުޅޭ މަޢުލޫމާތު އެނގޭ މީހަކު ހާމަކުރި ގޮތުގައި، ލުއީސް ހުރީ މި ހާދިސާއިން ވަރަށް ބޮޑަށް ސިހިފައެވެ. ޒޭން އަތުގައި އަނގޮޓިތަކެއް އަޅައިގެން ހުރުމުގެ ސަބަބުން ލުއީސްގެ ބޯ ވެސް ވަނީ ފަޅައިގެން ގޮސްފައެވެ. މި ހަމަނުޖެހުން ހިނގަން މެދުވެރިވީ ލުއީސްގެ މަރުވެފައިވާ މަންމަ، ޖޮހާނާ ޑީކިންއާ ބެހޭގޮތުން ޒޭން ބުނި ބަސްތަކެއްގެ ސަބަބުން ކަމަށް އެ މަސްދަރުން ބުނެފައިވެއެވެ.
